ތައިރޮއިޑް ބައްޔަށް ބޭނުންކުރާ ތައިރޮކްސިން ސޯޑިއަމް (ތައިރޮނޯމް 100އެމްސީޖީ) ނަކަލުކޮށްގެން ވިއްކަމުންދާތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެލަޓް ނެރެފި އެވެ.
ނަކަލުކޮށްގެން ވިއްކަމުން ދަނީ އިންޑިއާގެ އެކްމޭ ޖެނެރިކްސް އެލްއެލްޓީ ކުންފުނިން އުފައްދާ ތައިރޮނޯމް އެވެ. އެ ބޭސް ނަކަލުކޮށްގެން ވިއްކާ ކަމަށް އިންޑިއާގެ ތެލަންގަނާ ޑްރަގްސް ކޮންޓްރޯލް އެޑްމިނިސްޓްރޭޝަނުން އަންގާފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.
އެމްއެފްޑީއޭ އިން ވަނީ ނަކަލުކޮށްގެން ވިއްކާ ބޭހުގެ ބެޗުތަކާ ބެހޭ މައުލޫމާތު އާންމުކޮށްފަ އެވެ. އެ ބެޗުތައް ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެ އޮތޯރިޓީން ބުނާއިރު، އެ ބޭހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް އެމްއެފްޑީއޭ އިން އެދިފައި ވެއެވެ.

އެމްއެފްޑީއޭ އިން ވަނީ ނަކަލުކޮށްގެން ވިއްކާ ބޭސް ފާހަގަ ކުރާނެ ގޮތުން ފޮޓޯ ވެސް އެލާޓާއެކު އާންމުކޮށްފަ އެވެ.
ހަމައެއާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމްއެފްޑީއޭއިން ދަނީ ރާއްޖޭގެ މާކެޓުން ބޭހުގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރަށް ޕޯސްޓް އޮފް އެންޓްރީގައި އެ ބާވަތުގެ ބޭސް އެތެރެކުރޭތޯ ބަލަމުންދާ ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެ އެވެ.












