ހަކުރުބައްޔަށް ފަރުވާ ހޯދަމުމުންދާ ކުޑަކުދިންނަށް ހާއްސަކޮށް ހިންގާ "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ސްޓެލްކޯއިން ސްޕޮންސާ ކޮށްފި އެވެ.
ޑައެބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއަކީ 2000 ވަނަ އަހަރުއްސުރެ ހިލޭ ސާބަހަށް މަސައްކަތްކޮށް ހަކުރުބައްޔާ މެދު މީހުން ހޭލުންތެރި ކުރުވާ، ހަކުރު ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދެމުން އަންނަ ޖަމިއްޔާ އެކެވެ.
އެ ސޮސައިޓީގެ "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ސޮޕޮންސާ ކުރަން އެއްބަސްވެފައިި ވަނީ މިއަދު އެވެ. މި އެއްބަސްވުމުގެ ދަށުން މި އަހަރު އެއްކޮށް އެ ޕްރޮގްރާމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނީ ސްޓެލްކޯއިންނެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އަދި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ، އެ ސޮސައިޓިގެ ޗެއާ ޕާސަން އައިޝަތު ޝިރުހާނާ އެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ޝިރުހާނާ ވިދާޅުވީ މިދިޔަ 22 އަހަރު ވަރަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށެވެ. އޭގެ ތެރެއިންވެސް ކުޑަކުދިން އަދި ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ފާހަގަ ކޮށްލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓްގެ ދަށުން، ހިލޭ ކްލިނިކަކާއި، އެކުދިންނަށް ބައްޔާއެކު، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ކަންތައްތަކެއް މަގުފަހިކޮށްދިނުމަށް، މަސައްކަތްތަކެއް ކުރަމުން ގެންދިޔަ. އެގޮތުން އިންސުލިން ޖަހަން ބޭނުންވާ ޕެން އާއި، ޓެސްޓު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެމުން ގެންދިޔަ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، 2020 ގައި އެ ސޮސައިޓީއަށް ދިމާވި، މާލީ ދަތިތަކާއި ހުރެ އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަން ޝިރުހާނާ ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެން އެކި ފަރާތްތަކަށް ދަންނަވަމުން ގެންދިޔައިން އަޅުގަނޑުމެންނަށް މިކަމުގައި އެހީތެރިކަން ވެދެއްވުމަށް. އަދި މިކުދިންނަށް ހަމަ އެކުދިންގެ ދިރިއުޅުން ރަނގަޅުގޮތުގައި ކުރިއަށްގެންދިއުމަށް އަޅުގަނޑު ދަންނަވަން ބޭނުންވަނީ ދިރި ތިބުމަށޭ. އެހީތެރިވުމަށް އަޅުގަނޑުމެން އެދެމުންދިޔައީ. އަޅުގަނޑު ވަރަށް އުފާވެއްޖެ ސްޓެލްކޯއިން އަޅުގަނޑުމެންނަށް މިކަމުގައި އިޖާބަދީ، އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނެންގެވީތީވެ" ޝިރުހާނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މޭނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ މި ޕްރޮޖެކްޓް ހިންގުމަށްޓަކައި ދޭންޖެހޭ ހުރިހާ ބާވަތެއްގެ އެއްބާރުލުމެއް ފުރިހަމަކަމާއެކު ދެއްވާނެ ކަމަށެވެ.
"ސްޓެލްކޯއަކީ ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެއް. އެހެން ކަމުން ރައްޔިތުންނަށް ދިމާވާ އުނދަގޫތަކާއި، އަދި ދިމާވެދާނެ ކަންކަމަށް ބަލައި އަބަދުވެސް ކުންފުނިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ރައީސްގެ އިޖުތިމާއީ ސިޔާސަތުގެ ތެރޭގައި، އެއްވެސް ޖަމާތެއް ނުވަތަ ބައެއް ނުވަތަ މީހަކު ހަވާސާވެގެންގޮސް ބާކީވެ ދިއުމަކީ އެއްވެސް ހާލެއްގައި ރައީސް ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
އަދި ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާވާ ކުންފުނިތަކުން މިފަދަ މީހުންނަށް އަޅާލުން ވަރަށް މުހިއްމު ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.













