އަތޮޅު ތެރެއަށް ތެޔޮ ވިއްކާ ބައެއް ފަރާތްތަކުން، ނަހަމަ ގޮތުގައި ރިސޯޓުތަކަށް ތެޔޮ ވިއްކުން ހުއްޓުވަން އެ ފަރާތްތަކަށް ތެޔޮ ސަޕްލައި ކޮންޓްރޯލްކުރާ މިންވަރު އެސްޓީއޯއިން ކޮންޓްރޯލްކޮށްފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މިއަދު ވިދާޅުވީ ދުނިޔޭގެ ތެލުގެ އަގު ވަރަށް އުފުލިފައިވާއިރު، އެކަމުގެ އަސަރު ރައްޔިތުންނަށް ވާނެ ގެއްލުން ކުޑަކުރުމުގެ ގޮތުން އެފްއެސްއެމްއިން ފިއުލް ޝެޑްތަކުންނާ، މަސްވެރިންނަށާއި ރަށްރަށުގެ ތެޔޮ ވިއްކާ ފަރާތްތަކަށް ތެޔޮ ވިއްކަމުންދަނީ ލިބޭ އަގަށް ވުރެ ދަށް އަގެއްގައި ކަމަށެވެ.
ނަމަވެސް ރިސޯޓްތަކަށް ތެޔޮ ވިއްކަމުންދަނީ ހަމަ އަގުގައި ކަން އަމްރު ފާހަގަކުރެއްވި އެވެ.
"މިކަން ކުރަމުންދާއިރު ބައެއް ފަރާތްތަކުން އަގުހެޔޮކޮށް ރައްޔިތުންނަށް ވިއްކާ ތެޔޮ ގަނެގެން ރިސޯޓްތަކަށް ވިއްކަން މަސައްކަތްކުރާކަން ފާހަގަވޭ،" އޭނާ ވިދާޅުވި އެވެ.
އެކަން ހުއްޓުވައި، ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން، އަތޮޅު ތެރެއަށް ތެޔޮ ސަޕްލައި ކުރާ ފަރާތްތަކުން އެފްއެސްއެމް މެދުވެރިކޮށް އެވްރެޖްކޮށް ނަގަމުން އަންނަ އަދަދަށް ވުރެ އިތުރަށް އެ ފަރާތްތަކަށް ތެޔޮ ދުނުކުރެވޭނެ ވާހަކަ އަންގާފައިވާ ކަމަށް އަމްރު ވިދާޅުވި އެވެ.

އެސްޓީއޯއިން އެޅި ފިޔަވަޅު އަމްރު ސާފުކޮށްދެއްވާފައިމިވަނީ، ރާއްޖޭގައި ތެޔޮ ލިބުން ދަތިވެ، އާންމުންނަށް ތެޔޮ ވިއްކާ މިންވަރު ކޮންޓްރޯލްކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމާ ގުޅިގެނެވެ.
ތެލުގެ އަގު ބޮޑުވަނީ
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދާތީ، އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ދާދި ފަހުން ވަނީ ބޮޑުކޮށްފަ އެވެ.
މިގޮތުން، އެފްއެސްއެމްއިން ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 16.55ރ. އަށް ކަމަށާއި ޑީސަލް ލީޓަރެއް 16.77ރ. އަށެވެ
ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމަ ފެށުމަށް ފަހު ތެލުގެ އަގު އުފުލޭއިރު، އެންމެ ފަހުން އެސްޓޯއީން ތެލުގެ އަގު ބޮޑުކުރީ މާޗު 5ގަ އެވެ. އެ ފަހަރު ބޮޑުކުރި އަގަކީ ޕެޓްރޯލް ލީޓަރެއް 14.60ރ. އަދި ޑީސަލް ލީޓަރެއް 14.80ރ. އަށެވެ.
އެފްއެސްއެމްއިން ރިސޯޓްތަކަށާއި ވިޔަފާރިތަކަށް ތެޔޮ ވިއްކަނީ ޝެޑްތަކުން ވިއްކާ ރޭޓަށް ވުރެ ބޮޑުކޮށެވެ.
މިގޮތުން، އެސްޓީއޯ އިން ރިސޯޓުތަކާއި ވިޔަފާރި ކުންފުނިތަކަށް ޑީސެލް ލީޓަރެއް ވިއްކަނީ 17.57ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.09ރ. އަށެވެ. އެސްޓީއޯއިން ވަނީ އަގަށް ގެނައި ބަދަލުތައް އެ ކުންފުނީގެ ކަސްޓަމަރުންނަށް އަންގާފަ އެވެ. ނަމަވެސް، އެ މައުލޫމާތު އާންމެއް ނުކުރެ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވާއިރު ރާއްޖޭގައި އެ ނިސްބަތުން ތެލުގެ އަގު ބޮޑުވިޔަ ނުދީ ހިފަހައްޓާފައި ވަނީ ސަރުކާރުން ސަބްސިޑައިޒްކުރާތީ އެވެ. އެހެންވެ، މި އަހަރު ނިމޭއިރު ތެލުގެ ސަބްސިޑީއަށް 1.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.













