ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންނަ ތެޔޮ ޝިޕްމެންޓެއް ލަސްވުމާ ގުޅިގެން އެ އެއާޕޯޓުން އެއާލައިންތަކަށް ތެޔޮ ވިއްކުން ކޮންޓްރޯލްކޮށްފި އެވެ.
މި ބަދަލު އެ އެއާޕޯޓުން ގެނައީ އިއްޔެ އިން ފެށިގެންނެވެ. ޖެޓް ފިއުލް ޝިޕްމެންޓު ލަސްވީ ހަފްތާއަކަށް ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދިނެވެ.
މި މުއްދަތުގެ ތެރޭގައި ތެޔޮ ވިއްކާނީ ކޮންޓްރޯލް ކޮށްގެންކަން ހުރިހާ އެއާލައިނަކަށް ވެސް އިއްޔެ އަންގާފައި ވާނެ ކަމަށް މި ނޫހަށް މައުލޫމާތު ދެއްވި އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ތެޔޮ ވިއްކުން ކޮންޓްރޯލް ކުރާނީ އެއާލައިނުތަކުގެ އޮޕަރޭޝަނަށް ބުރޫ ނާރާނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"[އެއާޕޯޓުން] ދަތުރުކުރާ މަންޒިލަށް ބޭނުންވާ ވަރަށް [އެއާލައިންތަކަށް] ތެޔޮ ލިބޭނެ،" މިކަމާ ގުޅޭގޮތުން "އަދަދު" ނޫހާ ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވި އެވެ.
މިއީ މީގެ ކުރިން ވެސް އަމަލުކުރަމުން އައިސްފައިވާ އުސޫލެކެވެ. އަދި، އެއްވެސް މައްސަލައެއް ދިމާ ނުވެ މީގެކުރިން ވެސް އެއާލައިންތަކަށް އެމްއޭސީއެލްއިން ވަނީ ހިދުމަތް ދީފަ އެވެ.
ތެޔޮ ވިއްކުން ކޮންޓްރޯލް ކުރިއިރު، މިވަގުތު ރާއްޖެއަށް 25 ބައިނަލްއަގްވާމީ އެއާލައިނަކުން ގެންދަނީ ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.











