ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވާސިޓީ ގުޅިގެން އުފައްދާފައިވާ މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ އުދުހުން އަންނަ އާދިއްތަ ދުވަހު ފަށާނެ ކަމަށް އެ އެކެޑެމީން ބުނެފި އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ސަރުކާރުގެ އޭވިއޭޝަން އެކަޑަމީ ހިންގަނީ އެމްއެންޔޫ އާއި އައިލެންޑް އޭވިއޭޝަނުން ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ. އަދި އެ ސްކޫލް މެނޭޖް ކުރުމަށް ހަމަޖެހިފައި ވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑަމީއިންނެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީގެ ނަމުގައި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާ ފްލައިން ސްކޫލުގެ ކިޔެވުން ފެށީ 35 ދަރިވަރުންނާއެކު މި އަހަރު ޖެނުއަރީގަ އެވެ.
މޯލްޑިވިއަން ފްލައިންގް އެކެޑެމީން ބުނީ އެ އެކަޑަމީ ގާއިމްކޮށް ހިންގުމަށް ބޭނުންވާ ހުރިހާ މަސައްކަތްތައް ފުރިހަމަކޮށް މޯލްޑިވްސް ސިވިލް އޭވިއޭން އޮތޯރިޓީއިން ހަދަންޖެހޭ އިންސްޕެކްންތައް ހަދާ ނިމިފައިވާ ކަމަށެވެ. އަދި ސްކޫލު ހިންގުމުގެ ހުއްދަ ވެސް މިއަދު ލިބިފައިވާ ކަމަށެވެ.
އެގޮތުން ފުރަތަމަ ބެޗުގެ ދަރިވަރުންގެ އުދުހުން މި މަހުގެ 10ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގައި ހިމެނެނީ ރިފްރެޝާ ޕްރޮގަރާމް ނިންމި 35 ދަރިވަރުންގެ އުދުހުން ކަމަށްވެސް އެ އެކެޑެމީން ބުންޏެވެ.

އެ އެކެޑެމީން ވަނީ މިހާރު 39 ދަރިވަރުންނާއެކު އިތުރު ބެޗެއްގެ ކިޔެވުން ކުރިއަށްދާ ކަމަށާއި ފުރަތަމަ ބެޗުގެ އުދުހުންތައް ނިންމާ މި އަހަރު ދެވަނަ ބެޗުގެ އުދުހުންތައްވެސް ފެށިގެން ދާނެ ކަމަށް ލަފާ ކޮށްފަ އެވެ.
މީގެ އިތުރުން ތިންވަނަ ބެޗުގެ ރިފްރެޝާ ޕްރޮގްރާމް މި އަހަރު ނިމުމުގެ ކުރިން ފެށިގެން ދާނެ ކަމަށްވެސް މޯލްޑިވިއަން އެކަޑަމީން ބުންޏެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީގެ ފުރަތަމަ ބެޗުގައި ކިޔަވައިދެމުންދަނީ ރިފްރެޝާ ޕްރޮގްރާމެކެވެ. މި ރިފްރެޝާ ޕްރޮގްރާމުގައި ހިމެނެނީ 150 ގަޑިއިރުގެ ތިއަރީ ކްލާސްތަކާއި 10 ގަޑިއިރުގެ އުދުހުމެވެ. ތިއަރީ ކްލާސްތައް ކުރިޔަށް ގެންދަނީ އޮންލައިންކޮށެވެ.
މި ޕްރޮގްރާމަކީ ކުރިން ހިންގި އޭޝިއަން އޭވިއޭޝަން އެކެޑެމީ (އޭއޭއޭ) ފެއިލްވުމުގެ ސަބަބުން ކިޔެވުން ހުއްޓިފައި ތިބި ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ.
ސަރުކާރު ކުންފުނިތަކުން ބޮޑު ހަރަދެއްކޮށްގެން ފްލައިން ސްކޫލެއް ހަދަން ޖެހުނީ ވެސް، އޭއޭއޭ އަށް ފައިސާ ދައްކައިގެން ޕައިލެޓު ތަމްރީނުތައް ފުރިހަމަކުރަމުން ދިޔަ 100 އަށް ވުރެ ގިނަ ދަރިވަރެއްގެ ކިޔެވުން ހުއްޓުމާ ގުޅިގެންނެވެ.










