ސޯލް (ޖުލައި 1) - އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ހޯސްޓްކުރުމަށް، ދެކުނު ކޮރެއާ އިން ބިޑްކޮށްފި އެވެ.
ކުރިން ޗައިނާގައި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި އޮތްް ނަމަވެސް، ކޮވިޑް-19ގެ ހާލަތާ ގުޅިގެން ޗައިނާ އިން ވަނީ މުބާރާތް ހޯސްޓްކުރުން ދޫކޮށްލައިފަ އެވެ.
ޗައިނާ އިން މުބާރާތް ހޯސްޓްކުރުން ދޫކޮށްލުމާ އެކު، އޭއެފްސީން ވަނީ މި މުބާރާތް ބޭއްވުމަށް ޝައުގުވެރިވާ ގައުމުތަކުން 30 ޖޫންގެ ކުރިން ބިޑް ހުށަހެޅުމަށް ފުރުސަތު ދީފަ އެވެ.
"އޭޝިއަން ކަޕް 2023 ހޯސްޓްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް، އިއްޔެ (30 ޖޫންގައި) އޭއެފްސީ އަށް ސިޓީ ހުށަހަޅައިފިން،" ދެކުނު ކޮރެއާގެ ފުޓްބޯލް އެސޯސިއޭޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.
"ދެކުނު ކޮރެއާ އިން މި މަސައްކަތްކުރަނީ 63 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އޭޝިއަން ކަޕް ހޯސްޓްކޮށް، އެ މުބާރާތް ކާމިޔާބުކުރަން. ހުރިހާ ފަރާތެއްގެ ސަޕޯޓް މިކަމަށް ބޭނުންވޭ."
އޭޝިއަން ކަޕް އެންމެ ފުރަތަމަ ބޭއްވީ 1956 ވަނަ އަހަރެވެ. ދެކުނު ކޮރެއާ އިން ވަނީ 1960 ވަނަ އަހަރު މި މުބާރާތް އެ ގައުމުގައި ބާއްވައިފަ އެވެ. ދެކުނު ކޮރެއާ އިން ވަނީ 1956 ވަނަ އަހަރާއި 1960 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ދުނިޔޭގެ އެންމެ މެމްބަރު ގައުމު ގިނަ ފުޓްބޯޅަ ފެޑެރޭޝަން ކަމަށްވާ އޭއެފްސީ އޭޝިއަން ކަޕް ބޭއްވުމުގެ ފުރުސަތު ދޭނީ ހާއްސަ އިވެލުއޭޝަނެއް ހަދައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އޭޝިއަން ކަޕް ބާއްވަން ޖަޕާން، ގަތަރު އަދި އިންޑިއާ އިން ޝައުގުވެރިވި އެވެ.
މީގެ ތެރެއިން ގަތަރަކީ މި އަހަރު ފަހުކޮޅު ފީފާ ވޯލްޑް ކަޕް ހޯސްޓްކުރާނެ ގައުމެވެ. އަނެއްކޮޅުން ޖަޕާނަކީ މިދިޔަ އަހަރު އޮލިމްޕިކްސް ހޯސްޓްކުރި ގައުމެވެ. އަދި އިންޑިއާ އިން އަންނަ އޮކްޓޫބަރު މަހު 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕް ހޯސްޓްކުރަން އަންނަނީ ތައްޔާރުވަމުންނެވެ.












