މިލާން (ޖޫން 30) - އިޓާލިއަން ލީގުގެ އެންމެ ކުރީގައި އޮތް ދެ ޓީމެއް ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ ޕްލޭއޮފެއް ކުޅެގެން ޗެމްޕިއަން ކަނޑައަޅާ ގޮތަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
އެންމެ ފަހުން އަމަލުކުރި ގޮތަށް ބަލާއިރު، ދެ ޓީމެއް ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ، ބަލަމުން އައީ ހެޑް-ޓު-ހެޑް ގަވާއިދު (ދެ ޓީމެއްގެ ދެމެދު ކުޅެވުނު މެޗުގެ ނަތީޖާ އަށް) އަށެވެ. އެކަމަކު، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އަންނަ ސީޒަނުން ފެށިގެން ލީގުގެ އެއް ވަަނަ އާއި ދެ ވަނަ ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ ޗެމްޕިއަން ކަނޑައަޅާނީ ޕްލޭއޮފަކުން ކަމަށެވެ.
އެ ގޮތުން ޕްލޭއޮފް ކުޅޭނީ 90 މިނިޓް ނިމޭއިރު، އެއްވަރުވެއްޖެނަމަ ޕެނަލްޓީ ޖަހާ ގޮތަށެވެ.
މީގެ ކުރިން 2005-2006 ވަނަ އަހަރުގެ އިޓާލިއަން ލީގުގެ ސީޒަނުގެ ކުރިން ދެ ޓީމެއް ޕޮއިންޓް އެއްވަރުވެއްޖެނަމަ ޗެމްޕިއަންކަން ނޫނީ ރެލިގޭޝަން އަދި ޔޫރަޕްގެ މުބާރާތްތަކުގެ ޖާގަތައް ކަނޑައަޅަނީ ޕްލޭއޮފެއް ކުޅެގެންނެވެ. މީގެ ކުރިން ޗެމްޕިއަނެއް ކަނޑައަޅަން ޕްލޭއޮފެއް ކުޅެން ޖެހިފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 1964 ވަނަ އަހަރު އެވެ. އެ ފަަހަރު އިންޓަ މިލާން 2-0 އިން ބަލިކޮށް ބޮލޯނިއާ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.
އިޓާލިއަން ލީގުން ހަމައެކަނި ޕްލޭއޮފް ކުޅެން އަންނަ ސީޒަނުން ފެށިގެން ނިންމާފައިވަނީ ޗެމްޕިއަންކަން ކަނޑައެޅުމުގެ ގޮތުންނެވެ. އެކަމަކު، އެހެން މަގާމުތައް ހަމަ ކުރިއެކޭ ވެސް އެއްގޮތަށް، ޕޮއިންޓުން އެއްވަރުވެއްޖެނަމަ ބަލާނީ ހެޑް-ޓު-ހެޑް ގަވާއިދަށް ފަހު، ދެން ބަލަން ޖެހޭ އުސޫލުތަކުގެ ތަރުތީބުންނެވެ.
އިޓަލީ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ގަބްރިއެލޭ ގްރަވީނިއާ ވިދާޅުވީ ޕޮއިންޓް އެއްވަރުވެއްޖެނަަމަ ޕްލޭއޮފެއް ކުޅުމަކީ އެންމެ އިންސާފުވެރި އުސޫލު ކަމަށެވެ. އަދި އޭނާ ވަނީ އެ މޮޑެލަށް ސިސްޓަމް ބަދަލުކުރަން ޔޫރަޕްގެ އެހެން ގައުމުތަކަށް ވެސް ގޮވާލައިފަ އެވެ.
ޔޫރަޕްގެ ވަރުގަދަ ލީގުތަކުގެ ތެރެއިން ޕްރިމިއާ ލީގުގައި ޕޮއިންޓް އެއްވަރުވެއްޖެނަމަ ބަލަނީ ލަނޑުގެ ތަފާތަށެވެ. އެހެން ލީގުތަކުގައި ބަލަނީ ހެޑް-ޓު-ހެޑް ގަވާއިދަށެވެ. ޔުއެފާގެ މުބާރާތްތަކުގައި ވެސް ޕޮއިންޓް އެއްވަރުވެއްޖެނަމަ ބަލަނީ ހެޑް ޓު ހެޑް ގަވާއިދަށެވެ.












