ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ގުޅިގެން ހިންގި ކަމަށް ބުނާ ވ. އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި, ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި މިއަދު ތާވަލުކުރި އަޑުއެހުން ވެސް ކެންސަލް ވެއްޖެ އެވެ.
ޔާމީންއާއި ޔޫސުފް ނައީމްއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގަން އަޑުއެހުމެއް މިދިޔަ އާދީއްތަ ދުވަހު ހެނދުނު 9:30 އަށް ވެސް ތާވަލުކުރި އެވެ. އެ ދުވަހު ޔޫސުފް ނައީމްގެ ގާނޫނީ ވަކީލް ބަލިވެ އުޅޭތީ އަޑުއެހުން ކެންސަލް ކުރަން ޖެހުނެވެ.
އޭގެ ދެ ދުވަސް ފަހުން މިއަދު ހެނދުނު 9:30 އަށް ވެސް އަޑުއެހުމެއް ތާވަލުކުރި އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ދެންމެ ބުނި ގޮތުގައި ޔާމީންގެ ވަކީލުން ތަމްސީލް ކުރާ މައްސަލަތަކެއް ހައިކޯޓުގައި މިއަދު ކުރިއަށް ދާތީ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.
"ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ މައްސަލައެއް ހައިކޯޓުގައި އޮތުމުން މިއަދުގެ އަޑުއެހުން ކެންސަލްކޮށްދިނުމަށް އެދިފައިވާތީ މިއަދުގެ އަޑުއެހުން ކެންސަލް،" ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު މީޑިއާތަކަށް ހިއްސާކޮށްދެއްވި މެސެޖްގައިވެ އެވެ.
މި މައްސަލާގައި މިހާތަނަށް ހެކިބަސް ނަގާފައިވަނީ ދެ ހެކިވެރިއެއްގެ ހެކިބަހެވެ. އެއީ ހަތަރު އައިފޯނަކާއި ޕެންޑްރައިވްތަކެއް ތަހުލީލުކޮށް މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި އޮފިސަރަކާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަހެވެ.

ޖެހިޖެހިގެން ދެވަނަ ފަހަރަށް އަޑުއެހުން ކެންސަލް ކުރަން ޖެހުނުއިރު، ކްރިމިނަލް ކޯޓުން މި މައްސަލައަށް އެކުލަވާލާފައިވާ ތާވަލާ އެއް ގޮތަށް ސެޕްޓެމްބަރު މަހަށް މައްސަލައިގެ ހުކުމަށް ވާސިލްވާން ދިޔައީ މަސައްކަތް ކުރަމުންނެވެ. ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ވަކި އަޑުއެހުމަކާއި، ހުލާސާ ބަޔާންތައް އިއްވަން ވަކި އަޑުއެހުމެއް އޮގަސްޓް މަހު ތެރޭގައި ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.
ދައުލަތުން ކުރާ ދައުވާގައި ހިމެނޭ ކަންކަން
ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.
ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.
ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.
ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.
ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް މި ދައުވާތަކަށް އިންކާރު ކުރެ އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ބުނާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެއް ކަމަށެވެ. އެ ކަން ސާބިތު ކުރަން ކަމަށް ބުނެ އެ ދެ ފަރާތުން ވެސް ހެކިތަކެއް ހުށަހަޅާފައިވެ އެވެ.












