ޖޫން-ޖުލައި ވިއްސާރަޔާ އެކު ގުއިރޯނު ދަމާ މޫސުން

އިންތިހާބަކާ ދިމާކޮށް މާލޭގެ މަގެއްގައި ޕާޓީތަކުގެ ދިދަ ދަމާފައި. -އަދަދު ފައިލް ފޮޓޯ: ހުސެއިން ވަހީދު

އިންތިހާބަކާ ދިމާކޮށް މާލޭގެ މަގެއްގައި ޕާޓީތަކުގެ ދިދަ ދަމާފައި. -އަދަދު ފައިލް ފޮޓޯ: ހުސެއިން ވަހީދު

ރިޔާސީ އިންތިޚާބެއް ބާއްވަން ގާތްގަނޑަކަށް އަހަރު ދުވަހަށް ވެއްޖެކަމުގެ މުޑުދާރު ނިޝާންތައް ސިޔާސީ މައިދާނުން ފެންނާން ފަށައިފި ދެއްތޯ އެވެ؟ އެކަކު އަނެކެއްގެ ފަތިފުށް ހާމަކޮށް، ގުދޯ ގުދޯ ގޮވުން ގިނަވާން ފަށައިފި އެވެ. މާކުރީގައި ވެފައިވާ ވަޢުދުތައް ފުއްދައިނުދީ ތިބުމަށްފަހު، ކުއްލިއަކަށް އެކަންކަން މުހިއްމުވެ، އެކަންކަމާ ހަވާލުވާ ހިތުން، ހުރިހާ ދިމާލަކުން "މަށަށް! މަށަށް!" ގޮވަން ފަށައިފި އެވެ.

2012 ވަނަ އަހަރުގެ ސިޔާސީ ހަލަބޮލިކަމަށްފަހު ޢަލީ މޫސާ ދީދީ ލިޔުއްވި "ސިޔާސީ ކެންސަރު" މި ފޮތުގައި، ސިޔާސީ މައިދާނާމެދު ދިވެހިންގެ ނަޒަރު، ވަރަށް ސާދާ ޢިބާރާތުން އޭނާ ސިފަކުރައްވާ ގޮތް މި ލިޔުމުގައި ނައްސުކޮށްލާނަމެވެ.

"އެއްވެސް އިންސާނަކު ކުޑަގޮތަކަށްވެސް ފަޟީޙަތެއްވާކަށް ނޭދޭނެއެވެ. އަދި ވީގޮތަކުން އަބުރަށް ހުތުރުވާނެ ކަމެއް ފާޅުވިޔަކަ ނުދެއެވެ. ފާޚާނާތައް ހެދުމުގެ ކުރީގައި (މީގެ ފަސްދޮޅަސް އަހަރު ކުރި) ކަންއޮތީ މިގޮތަށް ކަމަށް ވިޔަސް ގެއެއްގައި ނަމަ ހަނޑަސްބުރިއެއް އޮވެއެވެ. އެތަނުގައި ފަސްއަޅާފާ ފޮރުވާފއި ހުންނަ ނަޖިހާއި، ރޯހާލުގައި މައްޗަށް އަރާފައިވާ ނަޖިސް ހުރެއެވެ. އަދި އެއްތާކަށް ދެފަހަރު ކުރެދިބުރި ޖަހާއިރު ގަޔަށްވެސް ތިކިބުރައެވެ. މި ޙަޤީޤަތް އެނގުނަސް ޤަބޫލެއް ނުކުރެއެވެ. އަދި އެނގޭކަމަކަށް ނުހަދައެވެ. އަޅުގަނޑުމެންނަކީ ނަމޫނާ ބަޔަކަށް ވުމީ އަބަދުވެސް ދަޢުވާކުރާ ކަމެކެވެ."

ނަމޫނާ ބަޔަކަށް ވާން އެދުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ ތިމާގެ މަޢުޞޫމުކަން ދައްކަންވެގެން އުޅޭ ބައެއް މީހުންގެ ހުދު މުންޑުގެ ފަސްބައިގައި ޖެހިފައި އޮތް ލައްގަނޑުގައި ބުލޫނީ ލާފައި ހުރިކަން ދުވާލު އަލީގައި ފެންނާން ހުންނަ އިރުވެސް، އަހަރެމެން ރައްޔިތުންނަށްވެސް އެ ލައްގަނޑު ނުފެންނަ ކަމަށް ހަދާން ރުހެވޭތީއެވެ.

ސިޔާސީން މި ފަދަ "ސިޔާސަ" ކަންކަން ކުރަނީ ކީއްވެގެންކަންވެސް އަހަރެމެން ރައްޔިތުންނަށް ނޭނގެނީކީ ނޫނެވެ. ޚުދު އަހަރެމެންނަށްވެސް އެ މަޖާގަނޑުގެ ތެރޭ ބައެއްގެ ޢަބުރު ކަތިލެވޭ އިރުވެސް، ހަމަ ފޫހިފިލާތީ ތިބެވެނީ އެވެ. ވާނީވެސް އެހެން ނޫންތޯ އެވެ. ސިޔާސީ ސީރިއަސް ވާހަކަތަކަކީ އެފަދަ މުނިފޫހިފިލާފަދަ ވާހަކަތަކެއް ނޫނިއްޔާ އެވެ. އެކަމަކު މި ފަހަރު އެފަދަ ފޫހި ވާހަކަތަކަށް ފަސް އަޅަން ގެންގުޅޭ އުކުޅަކަށް، ސިޔާސީ އަނގަމަޖާ ހެދިޔަނުދެމާ ހިނގާށެވެ.

ވަޢުދުތަކުން ފައްޓަމާ ބަހީއެވެ. ކޮންމެ ރިޔާސީ ކެމްޕެއިންނެއްގައިވެސް ކޮންމެ ރިޔާސީ ކެނޑިޑޭޓެއްވެސް ރައްޔިތުންނާ ކުރިމަތިލަނީ ވަޢުދުތަކަކާއި އަހުދުތަކެއް ވިއްކަމުންނެވެ. މިއަދުވެސް، އަދިވެސް، ވޯޓަކަށް އެދި ހަމަ އެއް ކެންޑިޑޭޓުންނެއް، ހަމަ އެއް ޕާޓީތަކަކުން ނިކުންނައިރު، އަހަރެމެން ރައްޔިތުންނަށް ކުރެވޭނޭ އެންމެ ޒިންމާދާރު އެއް މަސައްކަތަކަށްވާނީ، ލީޑަރުންގެ "ވައުދު އެކައުންޓު" ބެލެންސްކޮށްލުމެވެ. ފުއްދިފައިހުރި ވަޢުދުތަކާއި ނުފުއްދޭ ވައުދުތަކާއި، ނުފުއްދައިދެވުނު ވަޢުދުތައް ނުފުއްދުނު ސަބަބުކަމަށް ދައްކާފައިވަނީ ދެކޮޅު ޖެހޭ ވާހަކަތަކެއްތޯ އަހަރެމެންނަށް ބެލިދާނެއެވެ. ޕޯޑިއަމްގައި އެކަނި ދައްކާ ވާހަކަތަކަށް ބަރޯސާވުމުގެ ބަދަލުގައި، އެ ވާހަކަދައްކަނީ ހަމަ ޙަޤީޤަތަށްތޯ އޮޅުންފިލުވިދާނެ އެވެ. ތިމަންނާ މިވެނި މަޤާމެއްގައި ހުރެ އޮންނާނީ މިވެނި މިވެނި ކަމެއް ކޮށްފައޭ ބުނާ ހިނދުންވެސް އެއީ ތެދު ވާހަކައެއްތޯ ބަލާލެވޭ ފެންވަރަށް ޓެކްނޮލޮޖީ ތަރައްޤީވެ ޢާއްމުވެއްޖެ އެވެ. އެ ޓެކްނޮލޮޖީ އަހަރެމެން ބޭނުންކުރާ ހަމައެކަނި މަޤްޞަދަކީ، ސިޔާސީ ލީޑަރުން ދަމާ ގުއިރޯނުގައި ޖެހުން ކަމުގައި ނުހަދަމާހެއްޔެވެ.

ދެން އޮތީ ފޮޓޯ އޮޕްތަކެވެ. ޢާއްމުކޮށް އަމާޒަކަށް މި ވަނީ މުޖުތަމަޢުގައި ހަވާސާކުރެވިފައި ނުވަތަ އެކަހެރިކުރެވިފައިވާ ޖަމާޢަތްތަކެވެ. ފަޤީރުންނާއި ބަލިމީހުންނެވެ. މުސްކުޅިންނާއި ތުއްތު ކުދިންނެވެ. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އަނގާއި އަތާ ދިމާނުކުރެވިގެން އުޅޭ މީހުންނެވެ. އެކި ބާވަތްބާވަތުގެ މަސްތުވާތަކެއްޗަށް ދެވިހިފައިގެން އެކަމުގެ ޝިކާރައަކަށް ވެފައި ތިބޭ އެކި ޢުމުރުގެ މީހުންނެވެ. އެކި ބާވަތުގެ އަނިޔާ ލިބިފައިތިބި މީހުންނެވެ. އެއްގޮތަކުން ބަލާނަމަ، "ފޮޓޮއެއް ކަނޑާލަން" ކަމުގައިނަމަވެސް، އެ ފަދަ މީހުންނަށް އެހީގެ މަގެއް ފަހިކޮށްދިނުމަކީ އެފަދަ މީހުން ހަވާސާކޮށް އެކަހެރިކުރުމަށްވުރެ ރަނގަޅު ކަމެކެވެ. އެހެންނަމަވެސް، ކެމްޕެއިންތައް ނިމުމާއެކު، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް އަނެއްކާވެސް އެމީހުންގެ ޙާލައިގެން ދޫކޮށްލާ ދޫކޮށްލުން އެއީ، އެމީހުންގެ ޙާލަތުގެ ނާޖާއިޒު ފައިދާ ނެގުމަށް ނޫނީ ނުވާނެއެވެ. ކުރިއަށް އޮތް އަހަރު ތެރޭ ކެމްޕެއިން ފޮޓޯތަކުގައި، ލީޑަރުންނާއެކު މި ފަދަ މީހުން ވަރަށް ގިނައިން ފެންނާނެއެވެ. އެފަދަ މީހުންގެ ކައިރީގައި ލީޑަރުންގެ އުޅުމާއި ބަސްމޮށުންވެސް، އެ ފަހަރަކު ބައްދަލުވާ ގުރޫޕެއްގެ އުޅުމާއި ބަސްމަގާ ގުޅޭގޮތަށް "ކޯޑް ސްވިޗު"ވެގެންދާނެ އެވެ. އެކަމަކު ސަމާލުވާށެވެ. މި އުކުޅު މިހާރު ބާވެއްޖެ އެވެ. ހަވާސާވެ ބާކީވެފައިވާ މީސްމަދު އާބާދީތަކަށް މި ފަދަ ލީޑަރުން ކޮށްދީފައިވާ ޚިދުމަތްތައް މި ފަހަރު މިނެ ކިރާނީ ފޮޓޯތަކަށް ބަލައިގެންނެއް ނޫނެވެ. އެ އާބާދީތަކުގެ މަސްލަޙަތު އޮތް ކަންކަމުގައި ޢަމަލީ ގޮތުން އެ ލީޑަރުންނަށް، ނުވަތަ އެ ލީޑަރުން ތަމްސީލުކުރާ ސަރުކާރުތަކަށް ނުވަތަ ޕާޓީތަކަށް ކުރެވިފައިވާ އަދި ކުރަން ހުށަހަޅާ މަސައްކަތްތަކަށް ބަލައިގެންނެވެ.

ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭ، ފުރަތަމަ އަޑުއަހާލުމުންވެސް ސިކުނޑީގައި ބިންވަޅުނެގޭފަދަ ސްލޯގަންތަކާއި ލަވަތައް އަޑުއިވޭނެއެވެ. މިއިން ކޮންމެ އެއްޗެއްގައިވެސް "ކޫލް"ކަމަކާއި، ލޭކައްކުވާލާ ސިފައަކާއި، ބަވަނަވެފައިވާ "ފީލް" އަކާއި ދިވެހިވަންތަކަން، މަސްހުނިވެފައި ހުންނާނެ އެވެ. ދުލަށް ފަސޭހަ ވާނޭހެން އަކުރުތަކާއި އަޑުތައް ތަކުރާރުވާނޭގޮތައް އަތުރާލެވިފައި ހުންނައިރު، ޚުދު ޝައިޚުޒުބައިރުވެސް ހައިރާންވެ އަންތަރީސްވާހާ ވާނެ އެވެ. އެ ސްލޯގަންތައް އޮފީސްތަކުގެ ސައިމޭޒުތަކުގައްޔާއި ޕްރީ ސްކޫލްތަކުގައި، އެ ނޫން މަޖާ މާނަމާނައިގައި ބޭނުންކުރެވޭވަރަށްވެސް ވައިގައި ހިފާނެ އެވެ. އެހެންނަމަވެސް، މި އިން ސްލޯގަންއަކަށް އަހަރެމެންގެ ތާއީދު ދިނުމުގެ ކުރިން އެ ސްލޯގަންއެއްގެ ދަށުން އެ ވިއްކާ ސިޔާސަތުތަކަކީ ހަމަ އަހަރެމެންނަށް އެންމެ ކަމުދާ ސިޔާސަތުތޯ ދެނެގަންނަން ވާނެ އެވެ. އަހަރެމެންގެ ޙަޔާތުން މި ފަދަ ސްލޯގަންތަކަށް މުޅިން ހިލޭ "އެއަރ ޓައިމް" ނުދެމާހެއްޔެވެ.

ބުނަން މި އުޅޭ ވާހަކަ އަކީ، އަހަރެމެންނަކީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު މޮޔަހެއްދޭނޭ ބައެއް ނޫންކަން، އަހަރެމެންގެ ލީޑަރުންނަށް އަންގާންވީ ވަގުތު ޖެހިއްޖެ ވާހަކަ އެވެ. ދިވެހިންގެ ލިޔަންކިޔަން ދަތުމާއި ޑިޖިޓަލް ލިޓްރަސީއާ ދޭތެރޭ ދިވެހިން ފަޚުރުވެރިވާ ހިނދު، ހަމަ އެ ދިވެހިންނަށް، އޭގެ ބޭނުން ފުރިހަމައަށް ހިފައި، ވެރިން ޖަވާބުދާރީ ކުރުވޭނެކަން ހަނދާންކުރާން ޖެހިއްޖެކަމެވެ. ދިވެހި ކޮންމެ ވޯޓެއް، ފައިސާއަށް ނުވިކޭނޭ ކަމެވެ. ފުރާފުރިހަމަ ވަނީ ޑިމޮކްރަޓިކް ނިޒާމު އެކަނި ނޫންކަމެވެ. އެ ވެއްޓަށް އަހަރެމެންވެސް މަޑުމަޑުން އެބަ ހޭނޭކަމެވެ. އުއްމީދަކީ، އެ ވެއްޓަށް އެއްގޯސް ނުވެ، ވެރިން އެ ކުޅޭ "ތާޖުގެ ކުޅިވަރު"ގައި އަހަރެމެން މަތީން ހަނދާން ނައްތާލަން އެ ކުރާ މަސައްކަތްތަކަށް ޖާހިލުވެ، އެ ކަންކަން ވަރިހަމަކޮށްލައިގެން ތިބޭ ރައްޔިތަކަށް އަހަރެމެން ނުވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox