ރިޕޯޓުނިއު ރޭޑިއަންޓާއި ވިކްޓަރީ އެނބުރި އައުން: ވިސްނައި އިބުރަތް ހޯދަންޖެހޭ ކަންކަން ގިނަ

ނިއު ރޭޑިއަންޓާއި ވިކްޓަރީ އެނބުރި އައުން: ވިސްނައި އިބުރަތް ހޯދަންޖެހޭ ކަންކަން ގިނަ

ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ދެ ޓީމު، ވިކްޓަރީ އާއި ނިއު ރޭޑިއަންޓް މި ވަނީ ތިން މަސް ތެރޭގައި ކުރި މަސައްކަތުން ސަސްޕެންޝަނަކުން އެނބުރި އައިސްފައި، މި ދެ ކްލަބަށް މިހެން ދިމާވި ކަންކަމާ މެދު ވިސްނައި، މި ކަންކަން ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅަންޖެހޭ.

ނިއު ރޭޑިއަންޓާއި ވިކްޓަރީ އެނބުރި އައުން: ވިސްނައި އިބުރަތް ހޯދަންޖެހޭ ކަންކަން ގިނަ

ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބް، 2019 ވަނަ އަހަރު ތެރޭ ތަފާތު މައްސަލަތަކާ ހުރެ ސަސްޕެންޑްކުރަން ޖެހުމުން، ދިވެހި ފުޓްބޯޅަ އަށް ސަޕޯޓްކުރާ ގިނަ ބަޔަކު މާޔޫސްވި އެވެ. މުއްސަނދި ތާރީހެއް އޮތް ޒަމާންވީ ދެ ކްލަބެއް، ސޮއްސާލައިގެން ދިޔަ ގޮތް ގިނަ ބަޔަކަށް ގަބޫލުކުރެވޭ ގޮތެއްނުވި އެވެ.

އެފްއޭއެމުން އެންމެ ފުރަތަމަ ނިއު ސަސްޕެންޑްކުރީ 2019 ވަަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. ނިއު އޭރު ސަސްޕެންޑްކުރީ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުންނެވެ. އެ ފައިސާ ނުދައްކައި ދިގުލައިދިޔަ ކޮންމެ ދުވަހަކަށް ކަހަލަ ގޮތަކަށް ޖޫރިމަނާއާ އެކު ދައްކަން ޖެހޭ އަދަދު އިތުރުވި އެވެ.

ނިއުގެ ސަސްޕެންޝަން ދަމަހައްޓަން 2019 އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު އެފްއޭއެމް ކޮންގްރެސް އިން ފުރަތަމަ ނިންމި އެވެ. އެ ފަހަރު ނިއުގެ ސަސްޕެންޝަނާ ދެކޮޅަށް ވޯޓު ދިނީ މަހިބަދޫ ސްޕޯޓްސް ކްލަބާއި ވިކްޓްރީ އިންނެވެ. ނިއު އިން ލޯކަލް އަދި ބިދޭސީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރައިގެ މައްސަލަތަކެއް ފީފާ އިން ވެސް ބަލައި އޮތީ ފިޔަވަޅު އަޅައިފަ އެވެ.

ވިކްޓަރީ އިން ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދޭށާއި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަން ކޮށްފައިނުވާތީ އެ އެސޯސިއޭޝަނުން އެ ކްލަބް ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

ފީފާ ފަންޑް މެދުވެރިކޮށް، ނިއު އާއި ވިކްޓަރީ އަށް ވެސް މިދިޔަ އަހަރު ދަރަނިތަކުން ސަލާމަތްވެ، ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ ކަންކަމަށް ހައްލެއް ހޯދުމުގެ މަގު އޮތެވެ. އެކަމަކު، އެއިން ކަމަކަށް ސަމާލުވެ، ކްލަބައިގެން އުޅެވޭ ވަރަށް ވުރެ އެ ކްލަބް ހިންގަން އެންމެ ފަހުން އިންތިހާބުވެފައި އޮތް ބޯޑު އޮތީ ނުކުޅެދިފަ އެވެ. ނޫނީ ކުރާހިތް ވެސް ނުވެފަ އެވެ.

ވިކްޓަރީން 2018 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެން ދާދި ފަހަކާ ޖެހެންދެން ހުންނެވި، އެ ކްލަބްގެ ޗެއާޕާސަން، ޑރ. އިބްރާހިމް ނާޝިދު (ނާޝް) އާއި ނިއުގެ ޗެއާމަނަކަށް 2020 ވަނަ އަހަރު މާޗް މަހު އައި އެ ކްލަބްގެ ސަޕޯޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު، މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)ގެ ލީޑަޝިޕުން ވިކްޓަރީ އާއި ނިއު ސަސްޕެންޝަނުން އަލުން ގެންނަން ފަހަކަށް އައިސް މާ ބޮޑު ކަމެއް ނުކުރެ އެވެ.

އޭގެ ފަހުން މިދިޔަ މާޗް މަހު، ޑރ. ނާޝްގެ ލީޑަޝިޕުން ވަނީ މަގާމުން އިސްތިއުފާ ދީ ކްލަބް އާ ބައެއްގެ އަތް މައްޗަށް ދޫކޮށްލަން ނިންމައިފަ އެވެ. ވިކްޓަރީން ވަނީ އޭޕްރީލް 29 ވަނަ ދުވަހު އިންތިހާބެއް ބާއްވައި، އެ ކްލަބަށް ކުރިން ކުޅުނު ކުޅުންތެރިޔާ އަދި މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމު މި ވަގުތު ފުރުއްވަމުން އަންނަ، ހުސެއިން އާދަމް (އާދަމްބެ)، ކްލަބްގެ ރައީސަކަށް އިންތިހާބުކޮށްފަ އެވެ.

ނިއުގެ އެންމެ ފަހުން އޮތް އިންތިހާބީ ބޯޑު، އުވި ދިއުމުން އެ ކްލަބް، އޮތް އަޑިގަނޑުން އަރައިގަންނަން، މިދިޔަ މަހު 27 ވަނަ ދުވަހު ވަނީ އިންތިހާބެއް ބާއްވައި، އެ ކްލަބްގެ ސަޕޯޓަރު، އަހުމަދު ވާސިފް، ކްލަބްގެ ޗެއާމަނަކަށް އިންތިިހާބުކޮށްފަ އެވެ.

ވާސިފް އަކީ އެންމެ ފަހުން އުވިދިޔަ ނިއުގެ ބޯޑު މެމްބަރެެއް ވެސް މެ އެވެ. އަދި ދާދިފަހުން، ނިއު ސަޕޯޓަރުން އިސްވެ، ވުޖޫދުކުރި ކްލަބް, ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ވެސް ޗެއާމަނަކީ ވާސިފް އެވެ.

ރޭޑިއަންޓްގެ ހަރަކާތްތައް ހުއްޓުނީ އެ ކްލަބަކީ ނިއުގެ ސްޕޯޓިން ސަކްސެސާ ކަމަށް އޭއެފްސީން ކަނޑައަޅައި، ރޭޑިއަންޓަށް ކުރިއަށް ދެވެން އޮތީ ނިއުގެ ދަރަންޏާ ހަވާލުވެގެން ކަމަށްވާތީ އެވެ. ރޭޑިއަންޓާއި ނިއުގެ ބޯޑުގައި ވެސް ތިބީ ދާދި އެއް މެމްބަރުންތަކެކެވެ. ރޭޑިއަންޓްގެ ހަރަކާތްތައް ހުއްޓުމުން، އެ ކްލަބްގެ ބޯޑުން ނިންމީ ނިއުގެ ދަރަންޏާ ހަވާލުވެގެން ރޭޑިއަންޓް ހިންގުމުގެ ބަދަލުގައި ނިއު ކޮޅަށް ޖެހުމަކީ މާ ބޭނުންތެރި ކަމެއްގެ ގޮތުގަ އެވެ.

ނިއު އާއި ވިކްޓަރީ ދެ މަހެއްހާ ދުވަސްތެރޭ ސަސްޕެންޝަނުން އެނބުރި އައުން

އިންތިހާބެއް ބާއްވައި، އާ ބޯޑެއް ޒިންމާއާ ހަވާލުވިތާ ދެ މަހެއްހާ ދުވަސް ތެރޭ ނިއު އާއި ވިކްޓަރީ ވެސް މި އޮތީ ސަސްޕެންޝަނުން ސަލާމަތްވެފަ އެވެ.

ވިކްޓަރީން ކުޅުންތެރިންނަށް ދޭން އޮތް ދަރަނިތައް ހަލާސްކޮށް، ސަސްޕެންޝަނުން ސަލާމަތްވެފައިވާކަން އެފްއޭއެމް ކޮންގްރެސްގައި ވަނީ ހާމަކޮށްފަ އެވެ. ވިކްޓަރީން ކުޅުންތެރިންގެ މުސާރަ ހިމެނޭ ގޮތަށް، ދެއްކި ޖުމްލަ ދަރަނީގެ އަދަދު އުޅެނީ ހަތް ލައްކަ އާއި އަށް ލައްކަ ރުފިޔާގެ ދެމެދުގަ އެވެ. ވިކްޓަރީން މިހާރު އަންނަނީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ޅ. ހިންނަވަރުގައި ކޭމްޕް ކުރަމުންނެވެ.

ނިއު އިން ވަނީ ފީފާގައި އޮތް އެ ކްލަބްގެ މުސާރައިގެ މައްސަލަތައް ނިންމައިފަ އެވެ. އެ ގޮތުން ނިއުގެ ކުރީގެ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް، ކުޅުންތެރިން ކަމަށްވާ، އަފްގާނިސްތާންގެ ހާރޫން އަމީރީ، ސްޕެއިނުގެ ގިލެމް މާޓީ އަދި ސްޕެއިނުގެ ކަންޑޭލާ އަށް ދައްކަން ޖެހޭ 224،527.96 ޑޮލަރު (3.4 މިލިއަން ރުފިޔާ) މިހާރު ވަނީ އެފްއޭއެމް މެދުވެރިކޮށް ފީފާ ސިސްޓަމްގެ ތެރެއިން ކުޅުންތެރިންނާ ހަވާލުކޮށްފަ އެވެ. އަދި ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ކަންކަން ހަމަޖެއްސުމަށް އެއްބަސްވުންތަކެއް ވެސް ނިއު އިން އަންނަނީ ހަދަމުންނެވެ. ނިއުގެ ޖުމްލަ ދަރަނި ހަތް މިލިއަނަށް ވުރެ އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.

ފައިސާ ލިބުނުކަން އެ ކުޅުންތެރިންނާއި ކޯޗު ވަނީ ފީފާ އަށް ވެސް އަންގައިފަ އެވެ.

ނިއުގެ ސަސްޕެންޝަން އުވާލުމުގެ ބާރު، އެފްއޭއެމްގެ ކޮންގްރެސްގައި ވަނީ ހިންގާ ކޮމިޓީ އަށް ދީފަ އެެވެ. ނިއު އިން ދަރަނި އަދާކުރިހާ އަވަަހަކަށް ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، ނިއުގެ ސަސްޕެންޝަން އުވާލުުމުން އެ ޓީމަށް ވެސް ޖުލައި، ހަތަރެއްގައި ފަށަން ތާވަލުކޮށްފައިވާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން އެއްވެސް ހުރަހެއް ނެތެވެ.

ހަނީމޫނު އުސޫލު ދޫކޮށް، ދެމެހެއްޓެނިވި ގޮތަކަށް ކްލަބް ހިންގުން މުހިންމު

އެކާވީސް ވަނަ ގަރުނު ތެރޭގައި ދިވެހި ފުޓްބޯޅައިގެ ފޯރި އަހަރުން އަހަރަށް ދަށްވެގެން ދިއުމަކީ މި ކުޅިވަރަށް ލޯބިޖެހިފައިވާ ގިނަ ބަޔެއްގެ ކަންބޮޑުވުމެވެ. ފުޓްބޯޅައިގެ ފޯރި ކުޑަވި ސަބަބެއްގެ ވާހަކަ އެކި ތަންތަނުގައި އެކި މީހުން ދައްކަނީ އެކި ގޮތަށެވެ. އެއް ބަޔަކު، ތުހުމަތުގެ އިނގިލި ދިއްކުރަނީ ސިޔާސީ ޕާޓީތައް އުފެދި މުޖުތަމައު ބައިބައިވުމާ އެވެ. އަނެއް ބަޔަަކު، ދެކޭގޮތުގައި ކްލަބްތައް ހިންގަން އައި މީހުން އަމިއްލަ މަންފާ އަށް ކަންތައްތަކެއް ކޮށްފައިދާއިރު، ކްލަބް އޮންނަނީ ދަށް ހާލަތަކަށް ވެއްޓިފައި ކަމަށްވާތީ، މީހުންގެ ނަޒަރުގައި ވެސް ފުޓްބޯޅަ އަށް އޮންނަ ޝައުގުވެރިކަން ކުޑަވަނީ އެވެ.

ރާއްޖޭގެ މަޝްހޫރު ކްލަބްތައް ހިންގަން ގިނަ ބަޔަކު ވަނީ އައިސް، ގޮސްފަ އެވެ. ކްލަބް ހިންގަން ހަވާލުވާ "ހަނީމޫނު" ދުވަސްވަރު އޮންނަނީ ވަރަށް ވަރުގަދަ ޖޯޝެއްގަ އެވެ. ފަހުން ފެންނަނީ ކްލަބްގެ މިސްރާބު ގެއްލި ބިކަވާ މަންޒަރެވެ. ކްލަބް އަޑިގަނޑަކަށް ވެއްޓުމާ އެކު އިސްތިއުފާގެ ސިޓީއެއް ފޮނުވާލައި، ޒިންމާތަކުން އަމިއްލަ އަށް އެކަހެރި ވަނީ އެވެ.

މީގެ މިސާލުތަކަށް ބަލައިލުން ވެސް މުހިންމެވެ.

ނިއު ލެގޫންސް، 2001 ވަނަ އަހަރު ގަތުމަށް ފަހު އައްޑޫ އަށް ނިސްބަތްވާ ވިޔަފާރިވެރިންތަކެއް އައިއެފްސީ އަށް އެ ކްލަބް ރީބްރޭންޑް ކޮށް ފެށީ ވެސް ވަރުގަދަ ކުޅުންތެރިންތަކެއް ގެނެސްގެންނެވެ. އޭރު ފައިސާގެ ގޮތުން ތަަނަވަސްކޮށް ފެނުނު އައިއެފްސީއާ ވާދަކޮށްލެވޭނެ ކްލަބެއް ނެތް ނަމަވެސް ފަހުން "އެތެރޭގެ ކޯޅުންތައް ބޮޑުވެ،" ފައިސާގެ ނުތަނަވަސްކަން އެ ކްލަބަށް ވެރިވެ ކަންކަން ގޯސްވެގެން ދިޔައީ އެވެ. އޭގެ ފަހުން 2007 ވަނަ އަހަރު އައިއެފްސީ، ރީބްރޭންޑްވީ އަނެއްކާ ވީބީ ސްޕޯޓްސް ކްލަބަށެެވެ. ވީބީ، ފުރަތަމަ ވަރުގަދަކޮށް ފަށައި، ދެ ތިން އަހަރެއް ހިފަހައްޓާލީ ރާއްޖޭގެ ހުރިހާ ކުޅުންތެރިންނާއި މަތީ ފެންވަރުގެ ބިދޭސީ ކުޅުންތެރިންތަކެއް ގެނެސް ކުޅުވައިގެންނެވެ. އެކަމަކު، 2013 ވަނަ އަހަރު އެ ކްލަބް ރެލިގޭޓްވިއިރު، އެ ހިސާބަށް ވެއްޓުނީ މާ ބޮޑު ދުރުވިސްނުމުގެ ޕްލޭނެއް ނެތި އަހަރުތަކެއް ގުނުމަށް ފަހު އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ބްރޭންޑެއްގެ ގޮތުގައި އަރަމުން އައި ކްލަބް ވެލެންސިއާ، 2007 ވަނަ އަހަރު ގަތީ މަޝްހޫރު ވިޔަފާރިވެރިޔާ، އަބްދުﷲ ޖާބިރު އެވެ. ދެ އަހަރެއް ވަރު އެ ޓީމަށް ގިނަ ހަރަދުތަކެއް ކޮށް ކާމިޔާބު ހޯދި ނަމަވެސް 2009 ވަނަ އަހަރު އެ ކްލަބުން އިސްތިއުފާ ދިންއިރު، އެ ޓީމު އޮތީ ބޮޑު މާލީ ނުތަަނަވަސްކަމެއްގެ ތެރޭގަ އެވެ. އެ ހާލުން އަރައިނުގަނެވި، ވެލެންސިއާ މިހާރު ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އެ އަންނަނީ ރެލިގޭޓްވެގެން، ދެ ވަނަ ޑިވިޝަނުގައި ވެސް ވާދަކުރުމަށް ފަހު އެވެ.

މިދިޔަ 14 ވަރަކަށް އަހަރަށް ބަލާއިރު، ވިކްޓަރީ އަކީ ހިންގާ ބޯޑު އެންމެ ގިނައިން ބަދަލުވި އެއް ޓީމެވެ. އެ ގޮތުން 2009 ވަނަ އަހަރު، ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމް، ކްލަބްގެ ޗެއާޕާސަަނަކަށް އިންތިހާބު ވެވަޑައިގެން، ބޮޑެތި އަގުތަކުގައި ކުޅުންތެރިންތަކެއް ގެނެސް، ބޮޑު ކަންތައްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު، ތިން އަހަރު ފަހުން ފެނުނީ ބޯޑު ބަދަލުވިތަނެވެ. ދެން، ވިކްޓަރީއާ ހަވާލުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު، އީވާ އަބްދުﷲ އެވެ. އީވާގެ ލީޑަޝިޕްގައި 2012 ވަނަ އަހަރުން ފެށިގެން ބަދަލުތަކެއްގެ މަލަމަތި ވިކްޓަރީން ފެނުނު ނަމަވެސް ތިން އަހަރު ވެސް ނުވަނީސް އެކަން ނިމުނީ އެވެ. ކްލަބް ވެއްޓުނީ އަނެއްކާ ވެސް އަޑިގަނޑަކަށެވެ.

އޭގެ ފަހުން، ވިކްޓަރީއާ ހަވާލުވި، ޗެއާޕާސަނުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަހުމަދު އައްސަދު، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރުކަން ކުރެއްވި މުހައްމަދު އިސްމާއިލް އަދި ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތައް މީގެ ކުރިން ފުރުއްވި، އިބްރާހިމް ނަޒީމް ހިމެނިވަޑައިގަންނަވަ އެވެ.

މި ހުރިހާ ފަރާތަތަކުން ކްލަބް ހިންގުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ފާހަގަކޮށް، 2018 ވަަނަ އަހަރުގެ ޑިސެމްބަރު މަހު 22 ވަނަ ދުވަހު ވިކްޓަރީގެ ޗެއާޕާސަން ކަމަށް އިންތިހާބުވި ޑރ. ނާޝް، ދައުރުގެ ތިން އަހަރު ފުރިހަމަވިތާ ދެ މަސް ފަހުން އިސްތިއުފާ ދިންއިރު، ކްލަބް އޮތީ ސަސްޕެންޝަނެއްގަ އެވެ. ވިކްޓަރީން ތުހުމަތުކުރީ އެ ޓީމާއި ނިއު ސަސްޕެންޑްކުރީ އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން އުޅޭތީ ކަމަށެވެ. އެކަމަކު، ދަރަނީގެ ކަންކަން އޮތްގޮތުން އެހެން ވާހަކަތަކެއް ވެސް އޮތީ ތިލަވެފަ އެވެ.

ނިއު އަށް ބަލާއިރު، 2012 ވަނަ އަހަރު އަލީ ވަހީދު (ބަލަކް) ކްލަބްގެ ޗެއާމަނަކަށް ހަވާލުވުމަށް ފަހު، އެ ކްލަބްގެ ތާރީހުގައި ހާއްސަ ސޮފުހާއެއް ލިޔުނެވެ. އަލީ ވަހީދުގެ މޮޑެލަށް ކްލަބް ކާމިޔާބުވީ ބޮޑު ހަރަދުތަކެއް ކުރުމާ އެއްވަރަށް ދުރުރާސްތާ ޕްލޭނެއްގެ ތެރެއިން މުހިންމު ކަންތައްތަކެއް ކުރެވުމުންނެވެ. އަހަރުތަކެއް ފަހުން އެކި ފިއްތުންތަކާ ހެދި، އަލީ ވަހީދު މަގާމުން ދުރުވުމާ އެކު ކްލަބް ވެއްޓުނީ އަޑިގަނޑަކަށެވެ.

އޭގެ ފަހުން 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު، ނިއުގެ ޗެއާމަނަކަށް އިންތިހާބުވި މުހައްމަދު ޒިޔާދުގެ ލީޑަޝިޕްގައި ނިއު އިން މުޅިން ކަހަލަ ގޮތަކަށް ގެންގުޅުނީ "ހަރަދު ބޮޑު" އުސޫލުތަކެކެވެ. ޒިޔާދުގެ ދައުރު ނިމިދިޔައިރު، އެ ހަރަދުބޮޑު އުސޫލުތަކުގެ ސަބަބުން ފަހަތު ފަޔަށް ބުރަވެ، ނިއު އޮތީ ސަސްޕެންޑްވެފަ އެވެ.

ނިއުގެ ސަސްޕެންޝަންގެ މެދުތެރެއިން، 2020 ވަނަ އަހަރުގެ ކުރީކޮޅުގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ނަޝީދު، ނިއުގެ ޗެއާމަން ކަމާ ހަވާލުވި ނަމަވެސް އެ ކްލަބް އެންމެ ފިޔަވަޅެއް ކުރިއަށް އެޅިތަނެއް ވެސް ފެންނާކަށް ނެތެވެ. ފީފާގައި އޮތް މައްސަލަތައް ހައްލުކުރަން އީމެއިލެއްގެ ޒަރިއްޔާ އިން ނިއު އިން މުއާމަލާތެއް ކުރި ނަމަވެސް މިއަދު ސަސްޕެންޝަނުން ސަލާމަތްވާން ދައްކަން ޖެހުނު 3.4 މިލިއަން ރުފިޔާ އިން ކޮންމެ ވެސް އަދަދެއް މަދުވާނެ އެވެ.

ނިއު އާއި ވިކްޓްރީގެ އާ ލީޑަޝިޕުން ވެސް އިންތިހާބުވި ރޭގައި ދައްކާފައިވަނީ އެއް ވާހަކަތަކެކެވެ. އަލުން އެ ކްލަބް ކުރިން އޮތް ހާލަތަށް ވެއްޓުނަނުދީ ޕްލޭންތަކެއްގެ ތެރެއިން ކުރިއަށް ދިއުމުގެ ވާހަކަ އެވެ. އެއީ ހަގީގަތުގައި އެކަން އޮންނަން ޖެހޭ ގޮތެވެ.

ޕްލޭނެއް ނެތި، ކުރު މުއްދަތެއްގައި ކްލަބް ހިންގާލުމަށް ފަހު، އަޑިގަނޑަކަށް ކްލަބް ވައްޓާލާފައި، އިސްތިއުފާ ދީ ޒިންމާ އިން "ރެކެން" އުޅުމުގެ ވިސްނުމުގައި ކްލަބްތައް އަބަދު އޮންނަން ޖެހިއްޖެނަމަ މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް އިވޭ "ނުރައްކަލުގެ ރަނގަބީލު" ގެ އަޑެވެ.

ކުޅުންތެރިންނާއި ކްލަބްތަކަށް ދޭ އަދަބު ކްލަބް ހިންގަން އަންނަ މީހުންނަށް ނުދެވެނީ ކީއްވެ؟

ނިއު އާއި ވިކްޓަރީ ސަސްޕެންޝަނުގައި އޮއްވައި، އެކަމާ ގުޅޭގޮތުން ސަރުކާރާއި ހާއްސަކޮށް ކުޅިވަރާބެހޭ މިނިސްޓްރީ އަށް ވެސް ފުޓްބޯޅަ ސަޕޯޓަރުންގެ ސުވާލުތައް މިދިޔަ ދެތިން އަހަރެއްހާ ދުވަހު ގިނަ ފަހަރުތަކެއް މަތިން އަމާޒުވި އެވެ.

"ވިކްޓަރީ އަށް ވެސް އަދި ނިއު ރޭޑިއަންޓަށް ވެސް ދިމާވެގެން މި އުޅެނީ ދަރަނީގެ މައްސަލަ. މިސާލަކަށް ނިއު ރޭޑިއަންޓްގެ ދަރަނި އެބައުޅޭ ހަތް މިލިއަން ރުފިޔާގައި. ހަތް މިލިއަން ރުފިޔާ އެ ކްލަބާ ހަވާލުކުރީމަ އަޅުގަނޑުމެންނަށް ނޭނގޭނެ ދެން ވެސް އެ ފައިސާއިން ކުރާނެ ކަމެއް. މިއަދު، އެކަން ކުރީމަ ޖެހިގެން އޮންނަ ރަށުގެ ކްލަބްގެ ދަރަނި ފިލުވައިދޭން ޖެހޭނީ މިނިސްޓްރީން ނޫންތޯ. އެއީ އަސްލު ވެގެން މިއުޅޭ ގޮތަކީ،" މި އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނިކޮށް، ނިއުގެ ޗެއާމަން ކަމަށް އިންތިހާބުވި، ވާސިފް ވިދާޅުވީ ވިކްޓަރީ އާއި ނިއު އެނބުރި އައުމުގެ މަސައްކަތަށް ބާރު ލިބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ދިވެހި ސަރުކާރު ވެސް އެ ގޮތަށް އެދޭތީ ކަމަށެވެ. އަދި ނިއު އެނބުރި އައުމުގެ މަސައްކަތް ކުރިއަށްދަނީ ސީދާ ރައީސް ސޯލިހުގެ މޭސްތިރިކަމުގެ ދަށުން، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެ އެސޯސިއޭޝަންގެ ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ނިއު އާއި ވިކްޓަރީގެ ކަންކަމާ ގުޅިގެން ސަރުކާރާ އެކު ބައްދަލުކުރެއްވި ކަމަށެވެ. އަދި ސަރުކާރު އޮތީ ކްލަބްތަކަށް ދިމާވާ މި ފަދަ ދަތިތަކުން އަަރައިގަންނަން ފައިސާ ދިނުމުގެ ބަދަލުގައި އެހެނިހެން ގޮތްގޮތުން އެހީތެރިވެދިނުމުގެ ވިސްނުމުގައި ކަމަށް ބައްސާމް ވިދާޅުވި އެވެ.

"(ނިއު އާއި ވިކްޓަރީ އެނބުރި އައުމުން) ދެން ހުރި ކްލަބްތަކަށް ވެސް ފޯސްކުރެވޭ ސަޕޯޓަރުން ވައްދަން މަސައްކަތް ކުރަން. ދުވަސްވީ ކްލަބްތައް އައިސްފިއްޔާ (ފުޓްބޯޅައިގައި ގެއްލެމުންދާ) ފޯރި ގެނެވޭނެ މަޑުމަޑުން،" ބައްސާމް ވިދާޅުވި އެވެ.

ނިއު އާއި ވިކްޓަރީ އަށް މި ދިމާވި ކަންކަމުން އިބުރަތް ހޯދައި ފިޔަވަޅުތަކެއް އެޅުން ވެސް މުހިންމެވެ. އެއީ ކުޅިވަރު، އޭގެ ޒާތުގައި ރަނގަޅު މިސްރާބުން ވެސް ގެންދިއުމުގެ ބޭނުމުގަ އެވެ. ކްލަބަކާ ހަވާލުވުމަށް ފަހު، އަމިއްލަ މަންފާތަކެއް ހާސިލްކޮށްފައި، ކްލަބް ބިކަކޮށްލުމަށް ފަހު ދޫކޮށްދިއުމުގެ ސަގާފަތެއް މިހާރު އަށަގަންނަމުން އަންނައިރު، އެކަމަށް ހުއްޓުމެއް އެޅެން އޮތީ ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެންނެވެ.

"ކުޅުންތެރިއަކު ގައުމީ ޓީމަށް ނަގާފައި އޮއްވައި ނުދިޔައިއްޔާ އެބަ ކުރޭ 50،000 ރުފިޔާގެ ޖޫރިމަނާއެއް. ޓީމެއް ދަނޑަށް ހާޒިރުނުވެއްޖިއްޔާ ވެސް އެބަޖެހޭ ޖޫރިމަނާއެއް ދައްކަން، އެކަމަކު، ކްލަބަކާ ހަވާލުވެފައި، ކްލަބެއް ބޭނުންކޮށްލާފައި ދާ މީހުން މި ވަނީ ކުޅިވަރުގެ ތެރޭގައި ވެސް މިނިވަނުންނަށް، މިއީ ހައްލެއް އަންނަން ޖެހޭ ކަމެއް، ކުޅުންތެރިންނާއި ކޯޗުންނަށް ދޭ އަދަބު ކީއްވެ މި ކްލަބްތައް ހިންގަން އަންނަ މީހުންނަށް ނުދެވެންވީ، އެ މީހުންނަށް ވެސް ކުޅިވަރުގެ ތެރެއިން ސަސްޕެންޝަނެއް އަންނަން ޖެހޭ،" ރާއްޖޭގެ ކްލަބެއް ހިންގުމުގައި ގިނަ އަހަރުތަކެއް ވަންދެން މަަސައްކަތްކޮށްފައިވާ ތަޖުރިބާކާރަކު "އަދަދު" އަށް ބުންޏެވެ.

އޭނާ ބުނީ ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ކްލަބް ހިންގަން އައިސް ކުޅިވަރުގެ ތެރެއިން ނާޖާއިޒު ފައިދާ ހޯދާ މީހުންނަށް ފިޔަވަޅު އަޅާފައި އެބަހުރި ކަމަށާއި ގާނޫނެއްގެ ތެރެއިން ވިޔަސް އެކަން ރާއްޖޭގައި ވެސް ކުރެވެން ޖެހޭނެ ކަމަށެެވެ.

ކުޅިވަރު ގާނޫނެއް އޮންނަތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުން ބޭނުންވާ ގޮތަށް ފަހުގެ ކަންކަމަށް އަހުލުވެރި އަސާސީ ގަވާއިދުތަކަކަށް ކުޅިވަރު އެސޯސިއޭޝަންތަކުން އަމަލުކުރެ އެވެ. އެކަމަކު، ކްލަބްތަކުގެ ތެރެއިން މި ފަދަ ފައިދާ ހޯދާ މީހުންނަށް އެޅޭނެ ފިޔަވަޅުތަކެއް އަދި ނެތެވެ. ކުޅިވަރު ތެރޭގައި ހުރި މި ފަދަ ކަންކަމަށް ހައްލެއް ހޯދުމުގެ ވާހަކައެއް އަޑެއް ނީވެ އެވެ. ނިއު އާއި ވިކްޓަރީ އަށް މި ދިމާވި ކަންތައްތަކުން އިބުރަތެއް ހޯދައި، މިކަމުން ކުޅިވަރަށް ގެނެވޭނެ ހެޔޮ ބަދަލަކާ މެދު ވިސްނައި އަމަލުކުރެވެން ޖެހެ އެވެ.

އައްޒާމް އަލިފުޅު

ސްޕޯޓްސް އެޑިޓަރ

އައްޒާމް އަލިފުޅަކީ ކުޅިވަރަށް ހާއްސަ ނޫސްވެރިންގެ ތެރެއިން ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އަދި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް އޭނާ ވަނީ ހަތަރު ފަހަރު ހޯދައިފަ އެވެ. އަދި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމު، 2022 ވަނަ އަހަރު ހޯދީ އައްޒާމް އެވެ. “ސީއެންއެމް" އިން ކެރިއަރު ފެށުމަށް "ހަވީރު" އަދި "މިހާރު" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox