ސިޓީ އާއި ވެމްކޯގެ ފައިނަލް: ދެ ޓީމަށް ވެސް ތާރިހީ ކާމިޔާބެއްގެ އަމާޒެއް

Jun 23, 2022, 5:15 AM
ސިޓީ އާއި ވެމްކޯގެ ފައިނަލް: ދެ ޓީމަށް ވެސް ތާރިހީ ކާމިޔާބެއްގެ އަމާޒެއް

ބޮޑު ބަދަލަކާ އެކު ރާއްޖޭގެ ވޮލީބޯޅަ ސީޒަން މި ފަހަރު ކުރިއަށްދާއިރު، މިހާތަނަށް ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިފަ އެވެ. ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި މިރޭ ސްޕޯޓްސް ކްލަބް ސިޓީ އާއި ކްލަބް ވެމްކޯ ވާދަކުރާއިރު، މިއީ މި ދެ ޓީމު ވެސް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ ފައިނަލެވެ. ދެ ޓީމަށް ވެސް މި ފައިނަލް ހާއްސަ އެވެ. ދެ ޓީމުގެ ވިސްނުމުގައި ވެސް އޮތީ ކާމިޔާބު ހޯދައި، ތާރީހުގައި ލިޔެލުމެވެ.

ތޭރަ އަހަރު ވޮލީބޯޅައިގައި ހަރަކާތްތެރިވަމުން އަންނަ ސިޓީން މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލުން ފުރުސަތު ހޯދީ ހަ ޓީމު ވާދަކުރި ލީގު ބުރުގެ އެއް ވަނަ ހޯދައިގެންނެވެ. ވެމްކޯ ފައިނަލުން ފުރުސަތު ހޯދީ ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނި، ޕްލޭއޮފް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް ކަޓުވާލުމަށް ފަހު އެވެ.

މި ފަހަރުގެ މުބާރާތުގައި ވެމްކޯ އާއި ސިޓީ ވެސް ބަލިވީ އެންމެ މެޗަކުންނެވެ. ސިޓީ ބަލިވީ ލީގު ބުރުގައި ވެމްކޯ އަތުން 3-1 ސެޓުންނެވެ. ވެމްކޯ ބަލިވީ ލީގު ބުރުގައި ސިފައިން އަތުން ސީދާ ތިން ސެޓުންނެވެ.

Advertisement

ސިޓީގެ ކޯޗު ނަލަ ހުސެއިން ޝަރީފް ބުނީ މިއީ ސިޓީ އަށް ހާއްސަ ފައިނަލެއް ކަމަށާއި އެ ކްލަބް ކުރިއަށް ފިޔަވަޅެއް އެޅުމަށް ބަލާއިރު، މި ތަށި އެ ޓީމުން ހޯދުން މުހިންމު ކަމަށެވެ.

"އަސްލު ހަގީގަތުގައި ތިކޮޅުން ވެސް ފާހަގަކޮށްފައި އިން ގޮތަށް މުބާރާތްތަކުގައި ވާދަކުރަމުން މި ކްލަބް އައިސް 13 އަހަރު ތެރޭ ފުރަތަމަ ފައިނަލަށް އައީމަ، މި ފަހަރު އެބަޖެހޭ މި ފުރުސަތުގެ ބޭނުންހިފޭތޯ ވީ އެންމެ ރަނގަޅަށް މަސައްކަތް ކުރަން، ޓީމުގެ ކުޅުންތެރިން ވެސް ތިބީ މި މެޗުން މޮޅުވާން، އެ ރޫހުގައި،" ނަލަ ހުސެއިން ބުންޏެވެ.

"ސީޒަނުގައި ކުރިއަށް އޮތް މުބާރާތްތަކަށް ދާއިރު، މި މުބާރާތް ރަނގަޅަށް ނިންމާލައިފިނަމަ އެއީ ވަރަށް ބޮޑު ކޮންފިޑެންސަކަށް ވާނެ،"

ލީގު ބުރުގައި ވެމްކޯ އިން ސިޓީ ބަލިކުރި މެޗުގައި ތަފާތު ދެއްކީ، ވެމްކޯގެ އިންޑިއާ ކުޅުންތެރިޔާ، އަޝްވަލް ރާއީ އެވެ. އޭނާ ވަނީ އެ މެޗުގައި އެކަނި 30 ޕޮއިންޓް ހޯދައިފަ އެވެ. ލީގު ބުރުގައި ސިފައިން އަތުން ވެމްކޯ ބަލިވި މެޗުގައި އަޝްވަލް ހިފެހެއްޓުމުގައި ސިފައިން ކާމިޔާބު ހޯދި އެވެ. ސިޓީން ވެސް މިރޭ ޕްލޭން ކުރާނީ އަޝްވަލް އަށް ހާއްސަ ވިސްނުމަކުން ބަލައިގެންތޯ އެހުމުން ނަލަ ހުސެއިން ބުނީ ވަކި ކުުޅުންތެރިއަކަށް ހާއްސަކޮށް ނުބަލާނެ ކަމަށާއި ސިޓީން ވިސްނާނީ އަމިއްލަ ގޭމް ކުޅުމަށް ކަމަށެވެ.

"ސިޓީގެ ވިސްނުމަކީ ސިޓީގެ ގޭމް ކުޅުން، އިންޝާﷲ ސިޓީގެ ރަނގަޅު ކުޅުން ދެއްކިއްޖިއްޔާ މޮޅުވެވޭނެ،" ނަލަ ހުސެއިން ބުންޏެވެ.

ވެމްކޯގެ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ) ބުނީ ފައިނަލަށް އަންނަން ވެމްކޯ އަށް އެންމެ ބޮޑު ބަދަލެއް ގެނުވީ ލީގު ބުރުގައި ސިފައިން އަތުންވީ ބަލި ކަމަށެވެ. އަދި އެ މެޗުގެ އެ ނަތީޖާ އަށް ފަހު އަލުން ފަށައި، ޓީމުން ދައްކަމުން އަންނަ ހިތްވަރު ނިޒާރު ފާހަގަކޮށްފައިވެ އެވެ.

ސިޓީ އަތުން ލީގު ބުރުގައި ވެމްކޯ މޮޅުވެފައި އޮތުން އެއީ ފައިނަލަށް ނުކުންނައިރު، ވެމްކޯ އަށް އޮތް ފަސޭހައެއްގެ ގޮތުގައި ނިޒާރު ވެސް ނުދެކެ އެވެ. ނިޒާރު ބުނީ ސިޓީ އަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި ވެމްކޯ އިން ފައިނަލުގައި ކުޅެން ޖެހޭނީ ވަރަށް ރަނގަޅަށް ވިސްނުންތެރިކަމާ އެކު ކަމަށެވެ.

"ސިޓީ ޓީމަށް ބަލާއިރު، ސިޓީ ޓީމަކީ ވަރަށް ވަރުގަދަ މޮޅު ޓީމެއް. ހާއްސަކޮށް މި މުބާރާތުގައި ވަކި ދަށް ޓީމެކޭ ބުނެވޭ ވަރުގެ ޓީމެއް ނެތް، ހަމަ ކުޅެގެން މޮޅުވާން ޖެހޭނީ. ކުޅެގެން ވަރުގަދަ ފައިޓެއް ދީގެން މޮޅުވެވޭނީ، އަޅުގަނޑުމެން މަސައްކަތް ކުރަނީ ކަންކަން ރަނގަޅުކުރަން، ވާހަކަ އަކީ ހުރިހާ އެންމެން ދޭ ހިތްވަރާއި ކުޅުންތެރިންގެ މަސައްކަތް މިއީ،" ޕްލޭއޮފްގައި ސިފައިން އަތުން މޮޅުވި މެޗަށް ފަހު ދިން އިންޓަވިއުގައި ނިޒާރު ބުންޏެވެ.

ވެމްކޯގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)

ސިޓީ އާއި ވެމްކޯގެ ކެޕްޓަނުން: ރާއްޖޭގެ ގައުމީ ވޮލީ ޓީމުގެ ދެ ކެޕްޓަނުން

މި ފަަހަރުގެ މުބާރާތުގައި މިހާތަނަށް ފެނުނު މެޗުތަކުގައި ގިނަ ޓީމުތަކުން ބަރޯސާވެފައި އޮތީ ބިދޭސީ ކުޅުންތެރިންނަށެވެ. އިންޑިއާގެ ޕްރައިމް ލީގުގައި ކުޅޭ އެންމެ ވަރުގަދަ 18 ކުޅުންތެރިން ހަ ޓީމުގެ މެދުގައި ބަހައިގެން، ރާއްޖޭގެ ވޮލީ ސީޒަން ކުރިއަށްދާއިރު، ޓީމުތަކުގައި ތިބި ދިވެހި ވޮލީބޯޅައިގެ ވަރުގަދަ ކުޅުންތެރިންނަށް އޮތް ޒިންމާ ވެސް ތަފާތެވެ.

އެ ގޮތުން ފައިނަލް މެޗަށް ނުކުންނައިރު، ކްލަބް ވެމްކޯގެ ކެޕްޓަން، އަދި ގައުމީ ވޮލީ ޓީމުގެ ކެޕްޓަން، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ގައުމީ ވޮލީ ޓީމުގެ ވައިސް ކެޕްޓަން، އަދި ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)، ވަނީ މިހާތަނަށް ޓީމު އެކުލަވާލުމުގައި ރަނގަޅު ލީޑަޝިޕެއް ދައްކައިފަ އެވެ. ފައިނަލަށް ނުކުންނައިރު، މި ދެ ޓީމުގައި ތިބެ، ކުޑަކާއްޓެ އާއި ހުޒަންޓެގެ ލީޑަޝިޕް ވެސް މިރޭގެ މެޗުގައި ފެނިގެންދާނެ އެވެ. މި ދެ ކުުޅުންތެރިން އެންމެ ފަހުން ލޯކަލް ވޮލީ މުބާރާތެއްގައި ނުކުތީ އެއް ޓީމެއްގެ ޖޯޒީގަ އެވެ.

ވެމްކޯ އާއި ސިޓީގައި ދެން ތިބި ލޯކަލް ކުޅުންތެރިންނަށް ބަލާއިރު، ވެމްކޯގައި އާދަމް ފައިރޫޒް އާއި އަޝްފާގު އާދަމް (އައްކަޅޭ) އަދި ލިބަރޯ، ޖަވާމް އަލީ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

އަނެއްކޮޅުން، ސިޓީގައި ހުސެއިން ޔޫސުފް އާއި ލިބަރޯ، އަހުމަދު ނަބީލް ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ސިޓީގެ ކުޅުންތެރިންނަށް އެހީތެރިވުމަށް ބަދަލެއްގެ ގޮތުގައި ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ސެޓަރު، އިޝާން މުހައްމަދު (ބަޓިސް) ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ސިޓީ އާއި ވެމްކޯ ކުޅޭ އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗު ފަށާނީ މިރޭ 20:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާޔާގެ އަނިޔާ އޮޕަަރޭޝަނެއް ކުރަން ޖެހޭހާ ސީރިއަސް އެއް ނޫން

ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކީ އޮޕަރޭޝަނެއް ކުރަންޖެހޭ ފަދަ ސީރިއަސް އަނިޔާއެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި. ރާޔާގެ އަނިޔާ ރަނގަޅުވަމުން އަންނައިރު، އޭނާ ނެތް ވަގުތު ގޯލު ބަލަހައްޓާނީ ތަޖުރިބާކާރު ކީޕަރު ކެޕާ އަރިއްޒަބަލާގާ.

ފަހަތުން އަރައި ދިއްދޫ ބަލިކޮށް މާޒިޔާ އިން ފަރަގުކުޑަކޮށްފި

ދިއްދޫ ސްޕޯޓްސް ކްލަބް 5-2 އިން ބަލިކޮށް، މާޒިޔާ އިން ލީގުގެ އެއްވަނައިގައި އޮތް ވިކްޓަރީއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފި. މެޗުގެ ކުރީކޮޅު ދިއްދޫން ލީޑުނެގި ނަމަވެސް، މާޒިޔާ އިން ވަނީ ފަހަތުން އަރައި ފަސް ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފައި

ގައްދޫ ބަލިކޮށް ބިސް ބުރު ލީގުގެ ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 1-0 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި. ބިސް ބުރުން މި މެޗު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑުން ކަމަށްވާއިރު، ގައްދޫ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުންވެސް ބަލިވެފައި

އިންޓަވިއު ތެރެއިން ޕަރޭޑޭސް އަށް ސިއްހީ ހާލަތެއް ދިމާވެއްޖެ

ކޮޕަ ސުޑަމެރިކާނާގެ ތަށި ބޮކަ ޖޫނިއާސް އިން ކާމިޔާބުކުރި މެޗަށްފަހު، އެ ޓީމުގެ މިޑްފީލްޑަރު ލެއަންޑްރޯ ޕަރޭޑޭސް އިންޓަވިއު ދެމުން ދަނިކޮށް ހޫނުގަދަވުމުގެ ސަބަބުން ބޯއަނބުރައިގަނެ ސިއްހީ ހާލަތެއް ކުރިމަތިވެއްޖެ، މެޗުގެ ތެރެއިން ވެސް އުނދަގޫތަކެއްވެގެން ބަދަލުކުރި ޕަރޭޑޭސްއަށް ފަރުވާ ދިނުމުން ހާލު ރަނގަޅުވި

ގުރައިދޫގަައި ވޮލީބޯޅަ އަށް ހާއްސަ އައިލެންޑް އެލީޓް ސްޕޯޓްސް

ތ. ގުރައިދޫގައި ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި "އައިލެންޑް އެލީޓް ސްޕޯޓްސް" ގެ ނަމުގައި 95 ކުދިންނާއެކު އެކަޑަމީއެއް ފަށައިފި. މި އެކަޑަމީގެ މަގުސަދަކީ ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުން ކަމަށްވާއިރު، ކޮންމެ ތިން މަހަކުން އެއްފަހަރު ތަޖުރިބާކާރު ކޯޗުންގެ އެހީގައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި

ދިއްދޫ ފަަސޭހަކޮށް ނުނެގޭނެ ކަން ސާބިތުކޮށްދީފި: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާ ދެކޮޅަށް ނުކުންނަ ދިއްދޫ ޓީމަކީ ފަސޭހައިން ބަލިކުރެވޭނެ ޓީމެއް ނޫންކަން އެ ޓީމުން ސާބިތުކޮށްދީފައިވާ ކަމަށް މާޒިޔާގެ ކޯޗު ޓްރުޗާ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ދިއްދޫއަށް ނަތީޖާ ނެރުމުގައި ދަތިތަކެއް ހުރި ނަމަވެސް، މިއީ މާޒިޔާއިން ވަރަށް ސަމާލުވެގެން ކުޅެންޖެހޭނެ އުނދަގޫ މެޗެއް.

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

Newsletter

Get the latest news delivered straight to your inbox