އާއިލާގެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާއެއް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި އޭނާ 57 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި ހުކުމް ކޮށްފައިވަނީ ވ. ކެޔޮދޫ، ތުޑީގެ، އަހްމަދު އަޒްމީންގެ މައްޗަށެވެ. ކުޑަކުއްޖެއް ހިމެނޭ މައްސަލައަކަށްވާތީވެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓެއް ކޯޓުން އާންމެއް ނުކުރެ އެވެ.
އަޒްމީންގެ މައްޗަށް ޖުމުލަ ހަތަރު ދައުވާއެއް ކޮށްފައިވެ އެވެ. އޭގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކޯޓުން ނިންމާފައިވެ އެވެ.
އޭނާއަށް ކުރި އެންމެ ބޮޑު ދައުވާއަކީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގުމުގެ ދައުވާ އެވެ. އެ ދައުވާއަށް 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. ހުކުމް ކުރަންދެކަށް ދެ އަހަރާއި ނުވަ މަހާއި ދެ ދުވަހަށް އޭނާ ޖަލުގައި ހޭދަކުރި އެވެ. އެހެންވެ ކޯޓުން ކުރި ހުކުމުން ދެން ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި ދެ މަހާއި 28 ދުވަހެވެ.
ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަ ކުއްޖާއަށް ދެއްކުމުގެ ދައުވާއަށް އޭނާއަށް ކުރެ އެވެ. އެ ދައުވާއަށް 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އިއްވި އެވެ.

އޭނާއަށް ކުރާ ހަތަރުވަނަ ދައުވާއަކީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާގެ ހާޒިރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ. އެ ދައުވާއަށް 17 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޯޓުން އިއްވި އެވެ.













