މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ފުޅަނދުބުރު މިއަހަރު އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެންމެ ފަހުން ފުޅަނދު ބުރެއް ބާއްވާފައިވަނީ ކޮވިޑް-19ގެ ކުރިން، 2019 ވަނަ އަހަރު އެވެ. އެ އަހަރު އެ ހަރަކާތް ބާއްވާފައިވަނީ ވެސް ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުގަ އެވެ.
"ފުޅަނދު ބުރު މި އަހަރު އޮންނާނެ، ބައިވެރިވާ ކުންފުނިތައް ފައިނަލައިޒްކޮށް އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ،" ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ މި ނޫހަށް ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ފުޅަނދުބުރުގައި ސަރުކާރުގެ ފަސް ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ. އަދި ފުޅަނދުތަކާއެކު މަގުތަކުގައި ސަގާފީ ނެށުންތައް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.













