މިލާން (ޖޫން 20) - ފަނަރަ އަހަރަށް ފަހު ރެއާލް މެޑްރިޑް ދޫކޮށްލި ބްރެޒިލްގެ ފުލްބެކް، މާސެލޯ ވިއޭރާ ހޯދަން އިޓަލީގެ ޗެމްޕިއަން އޭސީ މިލާނުން ކޮންޓްރެކްޓެއް ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރެއާލާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވުމުން، މާސެލޯ، 34، އެ ޓީމު ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ރެއާލާ އެކު 25 ޓްރޮފީ އުފުލާލި މާސެލޯ، އެ ކްލަބްގެ ވަދާއީ އިވެންޓްގައި ވާހަކަ ދައްކަމުން ބުނީ، ރެއާލް އިން ދިޔަ ނަމަވެސް ކެރިއަރު ނިންމާލީ ނޫން ކަމަށާއި އެހެން ކްލަބަކުން ފެންނާނެ ކަމަށެވެ.
މިލާނުން ހުށަހަޅާފައިވަނީ މާސެލޯ އަށް މުސާރައިގެ ގޮތުގައި އަހަރަކު 3.1 މިލިއަން ޑޮލަރު ލިބޭ ގޮތަށް ދެ އަހަރުގެ ކޮންޓްރެކްޓެކެވެ. މާސެލޯ އެންމެ ފަހުން ރެއާލަށް ކުޅެމުން އައީ އަހަރަކު 6.2 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ. އެހެންކަމުން، މިލާނުގެ ހުށަހެޅުމުގައި މާސެލޯގެ މުސާރަ ބޮޑުނުކުރާނަމަ އޭނާ އެ ޓީމާ ގުޅުމުގެ ފުރުސަތު ކުޑަ ކަަމަށް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ބްރެޒިލްގެ ފްލުމިނެންސޭ ދޫކޮށް 2007 ވަނަ އަހަރު ރެއާލަށް ބަދަލުވި މާސެލޯ ވަނީ އެ ޓީމަށް 545 މެޗު ކުޅެދީފަ އެވެ. ރެއާލާ އެކު މާސެލޯ ވަނީ ފަސް ޗެމްޕިއަންސް ލީގާއި ހަ ސްޕެނިޝް ލީގު އަދި ދެ ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ކާމިޔާބުކޮށްފަ އެވެ.
މާސެލޯގެ ސޮއި ހޯދަން ސައުދީ އަރަބިއްޔާ، އެމެރިކާ އަދި ޖަޕާންގެ ކްލަބްތަކުގެ އިތުރުން ތުރުުކީ އާއި ބްރެޒިލް ޓީމުތަކުން ވެސް މަސައްކަތްކުރެ އެވެ.












