ގެއަކަށްވަދެ ބިދޭސީއެއްގެ އަތުން ފައިސާ އާއި މޯބައިލް ފޯނެއް ފޭރުމުގައި ބައިވެރިވި ދެ އަންހެނަކާއި ފިރިހެނަކު 24،000 ރުފިޔާއިން ޖޫރިމަނާކޮށް، ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.
އެ މައްސަލާގައި، މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އުފުލި މީހުންނަކީ ހ. ލާމިޔާ، ފާތިމަތު ނަޝާޔާ އާއި އއ. ތޮއްޑޫ، ހުދުފިިނިފެންމާގޭ، ހަދީޖާ ޝައިމާ އަލީ އަދި ތ. ތިމަރަފުށި، އަނބުގަސްދޮށުގެ، އަހްމަދު ހައިސަމް އެވެ.
ދައުލަތުން އެ ތިން މީހުންނަށް ކުރި ދައުވާގައި ބުނީ، ދައުވާ ލިބުނު ތިން މީހުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރޮބެލް މިއާ ދިރިއުޅޭ ގެއަށް އޭނާއާއެކު 2018 ވަނަ އަހަރު ވަދެ، އޭނާގެ އަތުން 3،335 އެމެރިކާ ޑޮލަރު (51259 ރުފިޔާ) އާއި 20،995 ރުފިޔާ އާއި ސެމްސަންގު އަށެއް ޕްލަސް ފޯނެއް ފޭރިގެންފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރި އިރު އާއި އިބްތިދާއީ މަރުހަލާގައި ވެސް މައްސަލައިގައި ހިމެނޭ ނަޝާޔާ އާއި ޝައިމާ ކުށަށް އިންކާރު ކުރި އެވެ. އެކަމަކު ޝަރީއަތް ފަށައި ހެކިބަސް ނަގަން ފެށުމުގެ ކުރިން ދެ ފަރާތުން އިއްވަން ޖެހޭ އިފްތިތާހީ ބަޔާން ވެސް އިއްވި ފަހުން އެ ދެ މީހުން ވަނީ ކުށަށް އިއުތިރާފް ވެފަ އެވެ.
ދައުވާ ކޮށްފައިވާ ފިރިހެން މީހާ ވަނީ ޝަރީއަތުގެ ފުރަތަމަ މަރުހަލާއިން ވެސް ކުށަށް އިއުތިރާފްވެފަ އެވެ.

ގާނޫނުލް އުގޫބާތުގައި އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. އެކަމަކު ދެ ފަރާތުން ކުށަށް އިއުތިރާފްވުމުން ފަނޑިޔާރަށް ދީފައިވާ އިހުތިޔާރުގެ ތެރެއިން ވަނީ އަދަބު ލުއިކޮށްދީފަ އެވެ.
މިގޮތުން ދެ އަންހެނުންނަށް އިއްވި ހުކުމުގައިވަނީ އެ ދެ މީހުންގެ މައްޗަށް ކުށެއް ސާބިތުވެ ކޯޓަކުން ހުކުމެއް އިއްވާ ފުރަތަމަ ފަހަރު ކަމަށް ވުމުން މައްސަލާގައި އެހާ ގިނަ ދުވަސްވުމުންނާއި ދެ ފަރާތުގެ ދިރިއުޅުމުގެ ހާލަތްތަކަށް ރިއާޔަތް ކުރުމަށް ފަހު އަދަބު ލުއިކުރަން ނިންމެވީ ކަމުގައި ހުކުމުގައިވެ އެވެ.
މިގޮތުން ތަންފީޒު ކުރަން ޖެހޭ އަބަދުގެ ބާވަތަށް ވެސް ބަދަލު ގެނެސް ކޯޓުން ހުކުމް ކުރީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުުމާއި، ކޮންމެ މީހަކު ވެސް ހަތަރު މަސް ދުވަހުގެ ތެރޭގައި މީރާއަށް 24،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރަށް 96 ގަޑިއިރަށް މުޖުތަމައަށް ހިދުމަތް ކުރަން ނުކުތުމަށެވެ.
މި މައްސަލާގައި ދައުވާ ކޮށްފައިވާ ފިރިހެން މީހާއަށް އިއްވި ހުކުމުގައި ވަނީ އެއް އަހަރާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ.













