ރޯ މަސް ގަނެ، ކޮށައި ގަރުދިޔަ ކައްކައި ދިލަ ޖައްސައި ވަޅޯމަހަށް ހަދައިގެން، ބޭނުންވާ ހުރިހާ ބާވަތެއް ތައްޔާރު ކުރުމަކީ އަވަދިނެތި އުޅޭ މީހަކަށް ފަސޭހަ ކަމެއް ނޫނެވެ. އެހެންވެ، މަސްދަޅުގެ ޑިމާންޑު އަންނަނީ މަތިވަމުންނެވެ. ނަމަވެސް ގިނަ ފަހަރު މަސްދަޅުގައި ހުންނަ ތެލުގެ ސަބަބުން ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވެ އެވެ. އެހެންވެ، ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، މިފްކޯއިން އިއްޔެ ވަނީ އެ ކުންފުނީގެ އާ އުފެއްދުމެއް ވިއްކަން ފަށައިފަ އެވެ.
"ޑްރެއިންޑް ކަނޑުމަސް ޗަންކްސް" ގެ ނަމުގައި މިފްކޯއިން ތައާރަފްކޮށްފައިވާ މަސްދަޅު ތައްޔާރުކޮށްފައިވާ ދަޅުގައި ހުންނަ ތެޔޮފޮދު އުކާލަން ނުޖެހޭ މިންވަރަށެވެ. ދަޅު ކަނޑާލުމަށް ފަހު ބޭނުންވާ ކޮންމެ އެއްޗެއް ފަސޭހައިން ވަގުތުން ތައްޔާރުކޮށްލަންވީ އެވެ.
"އޮންދަ ގޯ ގައި ސޭންޑުވިޗް، ޕަނީނޯ ފަދަ ތަކެތި ފަސޭހަ ކަމާއެކު ތައްޔާރު ކޮއްލެވޭނެ. މިއީ ހަށްޓަށް ފަސޭހަ، ޓައްޕަށް ފަސޭހަ، ކައްކަން ފަސޭހަ އަދި ޖީބަށް ލުއި މަސްދަޅެއް،" މިފްކޯއިން ބުންޏެވެ.
މިއީ މިބާވަތުގެ މަސްދަޅު ރާއްޖޭގެ ބާޒާރަށް ނެރޭ ފުރަތަމަ ފަހަރެވެ. މީގެ މަސްދަޅެއްގެ އަގަކީ 15ރ. އެވެ.
ކުޑަ ތެޔޮފޮދެއްގައި މި މަސްދަޅު ތައްޔާރު ކުރެވިފައިވުމުން މަސްދަޅު ބޭނުން ކުރާ ފަރާތްތަކަށް ގިނަ ލުއިފަސޭހަތަކެއް ލިބޭނެއެވެ. އަދި ތެލުގެ ސަބަބުން ބަދިގެތެރެ ނުތާހިރުވާ ފަހަރު އަޔަސް، މި މަސްދަޅު ބޭނުންކުރާނަމަ އެކަމެއް ވެސް ދިމައެއް ނުވާނެ އެވެ.
މި މަސްދަޅު ސަންފްލާވާ އޮއިލް، ސޯޔާ ބީން އޮއިލް އަދި އޮލިވް އޮއިލް ފަދަ ތަފާތު ރަހަތަކުގައި އުފައްދާ ބާޒާރަށް ނެރޭނެ އެވެ. މިއީ މިހާރު މިފްކޯއިން އުފައްދާ ޗަންކްސް އިން އޮއިލް އާ އަޅާބަލާއިރު ނިސްބަތުން އަގުހެޔޮ ޕްރޮޑަކްޓެކެވެ.
މި މަސްދަޅު މިފްކޯގެ މަސްފިހާރައިގެ އިތުރުން އެސްޓީއޯ ސްޕަމާކެޓުގެ މިފްކޯގެ ސްޓޯލުން އަދި އާންމު ފިހާރަތަކުން ވެސް ލިބެން ހުންނާނެ އެވެ.









