އަންނަ މަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބާއްވާ ކޮމަންވެލްތް ގޭމްސް ގައި ވާދަކުރާ އެތުލެޓިކްސް ޓީމު އެކުލަވާލައިފި އެވެ.
މެދު ކެނޑުމަކަށްފަހު މި އަހަރު ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ބައިވެރިވާއިރު، މި މުބާރާތުގައި ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކުން އަންނަނީ ޓީމުތައް ފައިނަލްކޮށް މުބާރާތަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
އެ ގޮތުން އެންމެ ދުރާލާ ތައްޔާރުވާން ފެށި އެއް ކުޅިވަރަކީ އެތުލެޓިކްސް އެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ މުބާރާތުގައި ވާދަކުރާ ހަ އެތުލީޓުން ހޮވުމުގެ ކުރިން މިދިޔަ މާޗު 12 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިފަ އެވެ.
މި ފަހަރުގެ ގޭމްސް އަށް ރާއްޖެ އަށް ލިބުނު ހަ ޖާގަ އަށް ހޮވީ ފިރިހެން ދުވުންތެރިއަކާއި ފަސް އަންހެން ދުވުންތެރިންނެވެ. ފިރިހެން ދުވުންތެރިއަކީ ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު އެވެ.
އަންހެން ދުވުންތެރިންގެ ތެރޭގައި ހިމެނެނީ ސްޕްރިންޓް ޓީމްގެ މެންބަރުންނެވެ. އެއީ މަރިޔަމް ރޫޔާ އަލީ، އައިޝަތު ހިމްނާ ހަސަން، މަރިޔަމް އަލްހާ ހުސައިން، އާމިނަތު ލަޔާނާ މުހައްމަދު އަދި ރިފާ މުހައްމަދު އެވެ.
މި ދުވުންތެރިންގެ ތެރެއިން ހިމްނާ ވަނީ ދާދިފަހުން 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު މުގުރާލާފަ އެވެ. މިއީ އޭނާ މި ރެކޯޑް މުގުރާލި ހަތަރު ވަނަ ފަހަރެވެ. މިދިޔަ މަހު ބޭއްވި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ 19 އަހަރުން ދަށުގެ ބައިގައި ވާދަކޮށް ލަޔާނާ ވަނީ އޭނާ ދުވި ތިން އިވެންޓުގައި ސްކޫލް ރެކޯޑު ހަދައިފަ އެވެ.
އެންމެ ފަހުން އޮތް ސައުތު އޭޝިއަން ގޭމްސްގައި އަންހެން ރިލޭ ޓީމުން ވަނީ ހަތަރެއް ގުނަ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު މުގުރާލައިފަ އެވެ. އެ ޓީމުގެ ހަތަރު ދުވުންތެރިންގެ ތެރެއިން ތިން ދުވުންތެރިން ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ޓީމްގައި ހިމެނެ އެވެ. އެއީ ހިމްނާ، ރިފާ އަދި އަލްހާ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުގެ އެއް އަމާޒަކީ 2023ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖޭގެ އަންހެން ރިލޭ ޓީމް މެޑަލް އެއް ހޯދުމެވެ. މި ވަގުތު ސްޕްރިންޓް ޓީމުގައި ތިބި ދުވުންތެރިންނަށް ބަލާއިރު، މިއީ ހާސިލްކުރެވޭނެ ކާމިޔާބެއް ކަމަށް އެ އެސޯސިއޭޝަނުން ގަބޫލުކުރެ އެވެ. ކޮމަންވެލްތު ގޭމްސްއަށް އަންހެން ރިލޭ ޓީމް ފޮނުވުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް މިއީ އެވެ.
ކޮމަންވެލްތް ގޭމްސްގައި ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނެވެ.
ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް ސޯލިހްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރި އެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. އަލުން ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިކުރިކަން އެންގީ މިދިޔަ އަހަރު އޮގަސްޓް މަހުގަ އެވެ.
ކޮމަންވެލްތު ގޭމްސް އޮންނާނީ މި އަހަރުގެ ޖުލައި 28 އިން އޮގަސްޓް އަށް ވަނަ ދުވަހުގެ ނިޔަލަށް އިންގްލެންޑްގެ ބާމިންހަމްގަ އެވެ.











