ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ހަސަން ޔާސީނަށް ދިފާއީ ހެކި ހުށަހަޅަން އިތުރު ފުރުސަތު ނުދެވޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމަވައިފި އެވެ.
ދަފްތަރު ނަންބަރު 1326 ހަސަން ޔާސީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާ އެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ޔާސީންގެ ފަރާތުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ޔާސީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާ ލިޔުންތަކާއި ރިޕޯޓްތައް ބަލައި ދިރާސާކުރަން ކޯޓަށް ހާޒިރުވެ އެ ކަން ކުރަން ފުރުސަތު ދީފައިވެ އެވެ.
އެއަށް ފަހުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާސީންގެ ދިފާއީ ވަކީލު އަބްދުﷲ އަލީ ވިދާޅުވީ އޭނާގެ ފަރާތުން އެދުނީ ދައުލަތާ އެކު ކޯޓުގައި އިދާރީ ބައްދަލުވުމެއް ހަމަޖައްސައިދިނުމަށެވެ. އެ ފުރުސަތު ނުލިބޭނަމަ ދިފާއީ ހެކި ހުށަހަޅަން ދަތިވާނެ ކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ.
އޭގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ދިފާއީ ހެކި ހުށަހެޅުމަށާއި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ގާޒީ ހަސަން ސައީދު ވަނީ މުއްދަތެއް ދެއްވައިފަ އެވެ. ދެ ކަމަށް ވެސް ގާޒީ ދެއްވި ފުރުސަތު ވަނީ ފާއިތުވެގެން ގޮސްފަ އެވެ.

ދަައުލަތުގެ ވަކީލު އަހްމަދު ނައުޝާދު ވިދާޅުވީ ދައުލަތުގެ ވަކީލުންނާއެކު ލިޔުންތައް ދިރާސާކުރަން އިދާރީ ބައްދަލުވުން ބޭއްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ މަފްހޫމެއް ނޫން ކަމަށެވެ. ދައުވާ ސާފު ކުރުމުގެ މަރުހަލާ ނިމި، ހުށަހެޅުންތަކަށް ދިން މުއްދަތު ވެސް ފާއިތުވެގެން ގޮސްފައިވާއިރު އަލުން އެ މަރުހަލާތައް ގެންގޮސްގެން ނުވާނެ ކަމަށް ދައުލަތުން ވަކާލާތުކުރި އެވެ.
ގާޒީ ދެން ނިންމެވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ފަހު ފުރުސަތެއްގެ ގޮތުގައި އިތުރު ހަތް ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް ދިފާއީ ހެކި ހުށަހަޅަން ދިން ފުރުސަތު މިހާރު ބަންދު ވެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
މި މައްސަލާގައި ޔާސީންގެ އިތުރުން އއ. މާޅޮސް، އަސަރީގެ މުހައްމަދު ނާޒިމާއި ހުޅުމާލެ ފްލެޓް 07-3-56 މުހައްމަދު ޒޫމާލް ޒަރީރުގެ މައްޗަށް މި ދައުވާ ކޮށްފައިވެ އެވެ.
ތިން މީހުންގެ މައްޗަށް ހިނގާ ޝަރީއަތް ކޯޓުގައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. ތިން މީހުންގެ މައްސަލަ ވެސް ބައްލަވަނީ ގާޒީ ހަސަން ސައީދުގެ ސެކްޝަނުންނެވެ.
ޔާސީންގެ އިތުރުން ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ވެސް މިއަދު ކޯޓުގައި ބޭއްވި އެވެ. އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ނާޒިމަށް ކުރާ ދައުވާ އިއްވައިފަ އެވެ. އަދި އެ ދައުވާއަށް ނާޒިމްގެ ފަރާތުން ވަނީ އިންކާރު ކޮށްފަ އެވެ.
ނާޒިމްއަށް ދިފާއީ ހެކި ހުށަހަޅަން 10 ދުވަހުގެ ފުރުސަތެއް ދިނެވެ. އެ މުއްދަތަށް ފަހު ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ދައުލަތަށާއި ދިފާއަށް އިތުރު 10 ދުވަހުގެ ފުރުސަތެއް ޝަރީއަތުން ދިނެވެ.
ދައުވާ އިއްވުމުން ދައުލަތުގެ ހެކިތައް ވެސް ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ނާޒިމްއާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ދެ އިންޓެލިޖެންސް ރިޕޯޓްއާއި އެ ރިޕޯޓްތައް ތައްޔާރުކުރި އޮފިސަރުންނާއި، ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓްއަކާއި އެ ރިޕޯޓް ތައްޔާރުކުރި އޮފިސަރުގެ އިތުރުން އިސްލާމިކް މިނިސްޓްރީން ނާޒިމް ގެންގުޅުނު ފޮތްތައް ދިރާސާކުރުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓްއެއް ވެސް ހިމެނެ އެވެ.
މި ތިން މީހުންގެ މައްޗަށް އެ ދައުވާ ކުރަނީ ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި އެ މީހުންގެ އަތުން ހޯދާފައިވާ ފޯނުތަކާއި ލެޕްޓޮޕްތަކުން ދީނީ ގޮތުން ހަރުކަށި ހަނގުރާމަވެރި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދު ކުރާ ލިޔުންތަކަކާއި ފޮޓޯތައް ފެނުނު މައްސަލައިގަ އެވެ.













