މި މަހުގެ 25 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ބާ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން އެދިފައިވާ ގޮތަށް އެ އިމްތިހާން ފަސްކޮށްދޭން ބާ ކައުންސިލުގައި އެދެން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މި އަހަރު ބާ އިމްތިހާނު ފުރިހަމަ ކުރާ ބައެއް ދަރިވަރުންނާއި، ބާ ކައުންސިލްގެ މިހާރު އޮތް އެކްސްކޯއާއި އިންތިހާބީ އެކްސްކޯގެ މެންބަރުންނާ ޖުޑިޝަރީ ކޮމިޓީން އިއްޔެ ވަނީ ބައްދަލުކޮށް އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވީ ދަރިވަރުންނާއި ވަކީލުން އެދުުނު ގޮތަށް 25 ވަނަ ދުވަހު ބާއްވާ އިމްތިހާން ލަސްކޮށްދެވެން އޮތްނަމަ ލަސްކޮށްދޭން އެދި ސިޓީއެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.
ކޮމިޓީގެ މެންބަރުން އެ ސިޓީ މިއަދު ފާސްކުރުމުން ވީހާވެސް އަވަހަކަށް އެ ސިޓީ ބާ ކައުންސިލަށް ފޮނުވާނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކަށް އޮތީ މިހާރު ކަނޑައަޅާފައިވާ ފީ އަގުު ބޮޑުވުމެވެ. އެއީ 10،000 ރ ގެ ފީ އެކެވެ. އެ ފީ ކުޑަކޮށްދޭން އެދި ސިވިލް ކޯޓަށް ދަރިވަރުންތަކެއްގެ ފަރާތުން މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ.

އެ މައްސަލައާ މެދު ކޯޓުން ގޮތެއް ނިމެންދެން އިމްތިހާން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް ވެސް އެދުނެވެ. އެކަމަކު ކޯޓަކުން އެ އަމުރެއް ނެރެ ނުދިނެވެ.
މިހާރު އޮތް ބާ ކައުންސިލްގެ އެކްސްކޯގެ ބައެއް ނިންމުންތަކާ މެދު ދަރިވަރުންގެ ކަންބޮޑުވުން އޮތް އިރު، އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބާ ކައުންސިލްގެ އާ އިންތިހާބީ އެކްސްކޯއިން ވެސް ބޭނުންވަނީ އިމްތިހާން މި ވަގުތަށް ފަސްކޮށްލުން ކަމަށް އެ އެކްސްކޯގެ މެންބަރުން ބުނެފައިވެ އެވެ.













