ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު ތަސްލީމަކީ އައިއީޑީ ތައްޔާރު ކުރުމުގެ މާހިރެއް ކަމަށާއި ނަޝީދަށް ހަމަލާ ދޭން ގޮއްވާލި އައިއީޑީ ތައްޔާރުކުރަން އޭނާގެ "އެކްސްޕާޓް އޮޕީނިއަން" ހޯދި ކަމަށް ތަސްލީމާ ގުޅޭ ގޮތުން އިންޓެލިޖެންސް ރިޕޯޓް ތައްޔާރު ކުރި ފުލުސް އޮފިސަރު ބުނެފި އެވެ.
ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ނަމަވެސް ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށް ދައުލަތުން އަދި އުފުލި ދައުވާއަކީ ޓެރަރިޒަމްގެ ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ.
އޮންލައިންކޮށް މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގައި، އިންޓެލިޖެންސް ރިޕޯޓް ތައްޔާރު ކުރި ފުލުސް އޮފިސަރުގެ ސަލާމަތަށްޓަކައި އޭނާގެ ހެކިބަސް ނެގީ ކާކުކަން ނޭނގޭ ގޮތަށް ވީޑިއޯ ނުޖައްސައި ހަމައެކަނި އޭނާގެ އަޑު ޝަރީއަތަށް އިވޭ ގޮތަށެވެ. މި ގޮތަށް ހެކިބަސް ނެގީ ދައުލަތުން ވެސް އެ ކަމަށް އެދުމުންނެވެ.
އެކި ގޮތް ގޮތުން ފުލުސް އޮފިސަރު އެއްކުރި މައުލޫމާތުތަކުން ތަސްލީމަކީ 2015 ވަނަ އަހަރުން ފެށިގެން އައިއީޑީ ތައްޔާރު ކުރުމުގެ މެނުއަލްތައް އޮތް މީހެއްކަން އެނގެން އެބަ އޮތް ކަމަށް ބުންޏެވެ. މި ގޮތުން 2017 ވަނަ އަހަރު މާލޭގައި މީހުން އާންމުކޮށް އެއްވެ އުޅޭ ފަސް ތަނެއް ގޮއްވާލުުމަަށްޓަކައި އައިއީޑީތައް ތައްޔާރު ކުރުމުގައި ތަސްލީމް ބައިވެރިވި ކަމާއި އޭގެ މެނުއަލްތައް އޭރު ގެންގުޅުނު ކަމަށް އޮފިސަރު ބުންޏެވެ.
ދެހާސްސަތާރަވަަނަ އަހަރު މާލޭގެ ފަސް ތަނެއް ގޮއްވާލަން އުޅުނު މައްސަލާގައި ތަސްލީމް ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ ކޮށްފައިވާ ކަން ވެސް އޮފިސަރު ފާހަގަ ކުރި އެވެ.

މީގެ އިތުރުން ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި އެހެން ފަރާތްތަކާ ގާތް ގުޅުމެއް ބާއްވަމުން ދިޔަ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އޮފިސަރު ބުންޏެވެ. އޭގެ ތެރޭގައި އަދުހަމް އަހުމަދާއި، ތަހުމީން އަހުމަދާއި، މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، އިސްހާގައި، ފަހުމީ އަލީއާ ވެސް ތަސްލީމްގެ ގާތް ގުޅުމެއް އޮންނަ ކަމަށް އޮފިސަރު ބުންޏެވެ.
އަދުހަމްއަކީ އައިއީޑީ ކޮންޓްރޯލް ކުރަން ބޭނުންކުރި ރިމޯޓް ހިފައިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވި މީހާ އެވެ. ފަހުމީއަށް ތުހުމަތު ކުރެވެނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ. ނާޒިމަށް ތުހުމަތު ކުރެވެނީ އަދުހަމަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ. އިސްހާގަށް ތުހުމަތު ކުރެވެނީ އެކި ފަހަރު މަތިން ނަޝީދަށް ފާރަލި ކަމަށެވެ. މުޖާޒްގެ މައްޗަށް ދައުވާ ކުރަނީ އައިއީޑީ ގޮއްވާލުމަށްފަހު އަދުހަމް ފިލުވަން މަސައްކަތް ކުރި ކަމެވެ. އަދި ތަހުމީނުގެ މައްޗަށް ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިން ކަމަށްް ތުހުމަތު ކުރެވެ އެވެ.
ޝަރީއަތަށް މިއަދު ހެކިބަސް ދިން އޮފިސަރު އެ މައުލޫމާތުތައް ހޯދި ގޮތަކާ ގުޅޭ ގޮތުން ތަސްލީމްގެ ދިފާއީ ވަކީލު އަހުމަދު ޔާމީން ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ އިންޓެލިޖެންސް މައުލޫމާތުތައް ލިބިދޭ ގޮތްތަކާއި އުކުުޅުތައް ކިޔައިދީފިނަމަ ގައުމީ ސަލާމަތަށްް ނުރައްކާވެދާނެ ކަމުގަ އެވެ.
ހެކިވެރިޔާ އެހެން ބުނުމުން ދިފާއީ ވަކީލު ވަނީ ސިއްރު އަޑުުއެހުމެއްގެ ގޮތުގައި ކުރިއަށް ގެންދަން އެދިފަ އެވެ. އެއީ ދިފާއު ބިނާ ކުރުމަށް ޓަކައި، ފުލުސް އޮފިސަރު އެ މައުލޫމާތު ހޯދި ގޮތާއި "މެތޮޑޮލިޖީތައް" މުހިންމު ވާތީ ކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ.
ނަމަވެސް ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވީ، އެ މައުލޫމާތު ހޯދި ގޮތްތައް ގައުމީ ސަލާމަތަށް ނުރައްކާވާ ސަބަބަކީ ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތްމައްޗަށް އެ މައުލޫމާތުތައް އައުން ކަމުގަ އެވެ. އެހެންވެ ސިއްރު އަޑުއެހުމެއްގައި ވެސް އެ މައުލޫމާތުތައް ދިނުމުން ނުރައްކާވާނެ ކަމަށް ނައުޝާދު ވިދާޅުވި އެވެ. ދައުލަތުން އެދުނީ އެ މައުލޫމާތުތައް ދޭން ނުޖެހޭ ގޮތަށް ޝަރީއަތުން ނިންމުމަށެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ދެން އެންގެވީ އޭގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ މައުލޫމާތުތަކެއް ވެސް ހިމެނޭނެ ކަމަށް އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރި އޮފިސަރު ވެސް ފާހަގަ ކުރާތީ، އޮފިސަރު އެ ކަމަށް ބޭނުން ކުރި އުކުޅުތަކާއި އެ މައުލޫމާތު ހޯދި ގޮތަކާ ގުޅޭ ގޮތުން ސުވާލު ނުކުރުމަށެވެ. އެހެންވެ ދިފާއުން ވެސް އިތުރަކަށް އެ ހެކިވެރިޔާއާ ސުވާލެއް ނުކުރެ އެވެ.
މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ. އެދުވަހު ވެސް އޮންނާނީ ހެކިބަސް ނެގުމެވެ.












