ކޮލިފައިން ފަހު މެޗުގައި ހަމްޕުގެ ގޯލުން ރާއްޖޭން ލަންކާ ބަލިކޮށްފި

Jun 14, 2022, 1:52 PM
ލަންކާ ކޮޅަށް ގޯލު ޖެހުމަށް ފަހު ރާއްޖޭގެ ހަމްޕު އުފާފާޅުކުރަނީ.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ލަންކާ ކޮޅަށް ގޯލު ޖެހުމަށް ފަހު ރާއްޖޭގެ ހަމްޕު އުފާފާޅުކުރަނީ.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފަހު މެޗުގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލުން 1-0 އިން ސްރީ ލަންކާ އަތުން މޮޅުވެއްޖެ އެވެ.

މި މެޗަށް ނުކުތްއިރު ފުރަތަމަ ދެ މެޗުން ބަލިވުމުން ރާއްޖެ އާއި ލަންކާ އަށް ވެސް ވަނީ އަންނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިފަ އެވެ. އެކަމަކު، ދެ ޓީމުން ވެސް ނުކުތީ މޮޅަކާ އެކު ކޮލިފައިން ނިންމާލުމުގެ އަމާޒުގަ އެވެ. ރާއްޖޭން މި މޮޅާ އެކު ގްރޫޕް ނިންމާލީ ތިން ވަނައިގަ އެވެ.

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ، ގްރޫޕް ސީގެ އެއް ވަނައިގައި އޮތް އުޒްބެކިސްތާނާއި ދެ ވަނައިގައި އޮތް ތައިލެންޑަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. މި ދެ ޓީމުގެ މެޗު މިރޭ ކުޅޭއިރު، މޮޅުވާ ޓީމަކަށް އޭޝިއަން ކަޕްގެ ސީދާ ޖާގަ ލިބޭނެ އެވެ. ބަލިވާ ޓީމަކަށް ދެ ވަނަ ލިބޭނެކަން ކަށަވަރުވެފައިވާއިރު، އެ ޓީމަށް ވެސް އޭޝިއަން ކަޕުން ޖާގަ ލިބުމުގެ ފުރުސަތު އެބައޮތެވެ.

ގްރޫޕްގެ ތިން ވަަނަ ލިބުނު ރާއްޖެ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ލަންކާ އަށް ކޮލިފައިން ނިމުނީ ޕޮއިންޓެއް ނުލިބި އެވެ.

ލަންކާއާ ދެކޮޅަށް މިއަދުގެ މެޗުގައި ރާއްޖޭން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ރާއްޖޭން މި މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ބަލާއިރު، އުޒްބެކިސްތާން މެޗަށް ނެރުނު ޓީމަށް ވަނީ އެއް ބަދަލު ގެނެސްފަ އެވެ. އަލީ ފާސިރު (ސެންޓޭ)ގެ ބަދަލުގައި ނާއިޒު ހަސަން (ދާދު) ވަނީ ހިމަނައިފަ އެެވެ. ތައިލެންޑް މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ދާދު، އުޒްބެކިސްތާން މެޗަށް ކުޅެން ނުކުތީ، ދެ ވަނަ ހާފުގައި ސެންޓޭގެ ކަކުލަށް އަނިޔާވެގެން އޭނާގެ ބަދަލުގަ އެވެ.

ލަންކާ ޓީމަށް ބަލާއިރު، އެ ޓީމުގެ ކެޕްޓަން، އަދި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ ގޯލްކީޕަރު ސުޖަން ޕެރޭރާ ހުރީ ކުރިން ދެ މެޗުގައި ދެ ރީނދޫ ކާޑު ހަމަވެގެން މި މެޗަށް ސަސްޕެންޑްވެފަ އެވެ. ލަންކާ އިން ފުރަތަމަ އެގާރަ އަށް ނެރުނު، ކުޅުންތެރިންނަށް ބަލާއިރު، މި ފަހަރު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅުނު ޗަމޯދު ދިލްޝާން އާއި މުހައްމަދު އާކިބް ހިމެނެ އެވެ.

އުޒްބެކިސްތާންގެ ނަމަންގަންގެ މަރުކަޒީ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭން ފުރަތަމަ އެގާރައިގައި ފަސް ޑިފެންޑަރުން ހިމެނި ނަމަވެސް، ދެ ފުލްބެކް، ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އާއި ހައިޝަމް ހަސަން (ބިޑި) ކުޅުނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންނެވެ.

ރާއްޖޭން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ފުރަތަމަ ހާފުގައި ލަންކާގެ ގޯލުގައި ހުރި ކީޕަރު، ކަވީޝް ލަކްޕްރިޔާ ޓެސްޓް ކޮށްލެވޭވަރުގެ ހަމަލާއެއް ފޮނުވާނުލެވުނެވެ. މެޗުގެ 10 ވަނަ މިނިޓްގައި ދާދު އޭރިއާތެރެއިން ހުސްކޮށްލާފައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ދިން ބޯޅަ ފޮނުވާލި ނަމަވެސް ވަނީ ބްލޮކްވެފަ އެވެ. އޭގެ ފަހުން ހަމްޕު އޭރިއާބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

ފުރަތަމަ 25 މިނިޓަށް ފަހު ލަންކާ އިން ވެސް ކޮންމެ ވެސް ވަރަކަށް ކުރިއަށް ޖެހިގެން ލިބޭ ބޯޅަތަކުގައި ކައުންޓަ އެޓޭކުން ފުރުސަތެއް ތަަނަވަސްކުރެވޭތޯ ބެލި ނަމަވެސް ފުރަތަމަ ހާފުގައި ރާއްޖޭގެ ގޯލުގައި ހުރި ކީޕަރު މުހައްމަދު ފައިސަލްގެ ހާސްކޮށްލެވޭވަރުގެ ޝޮޓެއް ފޮނުވާނުލެވުނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ލަންކާ އޭރިއާބޭރުން ދާދު އަށް ކުރި ފައުލަކަށް ދިން ހިލޭ ޖެހުމަކުން ހަމްޕު ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މެޗުގެ 55 ވަނަ މިނިޓްގައި ރާއްޖޭން ވަނީ ދާދުގެ ބަދަލުގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ކުޅެން އަރުވައިފަ އެވެ. މިއީ ރާއްޖޭން ކުރިއަށް ކުޅެން ފެށި ބޯޅަތަކުގައި ތަފާތު ފެންނަން ފެށި ހިސާބެވެ.

ލަންކާގެ ދެ ކުޅުންތެރިން ކައިރިން ރާއްޖޭގެ ހަމްޒާ (މ) ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މެޗުގެ 60 ވަަނަ މިނިޓްގައި ލަންކާ އަށް ރާއްޖޭގެ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް މަތަކުރި އެވެ. އޭގެ ދެ މިނިޓް ފަހުން ރާއްޖޭން ވަނީ ގޯލު ޖަހައިފަ އެވެ. މެޗުގެ 62 ވަނަ މިނިޓްގައި އިއްބެ ތަނަވަސްކުރި ފުރުސަތެއްގައި ފޭދޫ އިއްބެ އޭރިއާތެރެއިން ހަމްޕު އަށް ދިން ބޯޅަ ހިފައިގެން ވަދެ، ލަންކާގެ ކެޕްޓަން، ރަތުނަޔަކޭ ޗަރިތަ ކައިިރިން ނައްޓާފައި ހަމްޕު ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ރާއްޖޭން މެޗުގެ 65 ވަނަ މިނިޓްގައި ލީޑު ފާޅުކުރުމާ ގާތަށް ވެސް ޖެހިލި އެވެ. ފޭދޫ އިއްބެ ދިން ބޯޅައަކުން އޭރިއާބޭރުން އިއްބެ ޖެހި ބޯޅަ ކީޕަރު ކަވީޝް ވަނީ މަތަކޮށްފަ އެވެ.

ލަންކާ އަށް ނަތީޖާ ހަމަހަމަކުރަން މެޗުގެ 68 ވަނަ މިނިޓްގައި ރަނުގެ ފުރުސަތެއް ލިބުނެވެ. ރާއްޖޭގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އޭރިއާތެރެއިން ލަންކާގެ ޑިލޯން ޑި ސިލްވާ އަށް ކުރި ފައުލަށް ދިން ޕެނަލްޓީން، ޑި ސިލްވާ ޖެހި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އޭރިއާބޭރުން ޑި ސިލްވާ ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މެޗުގެ 78 ވަނަ މިނިޓްގައި ރާއްޖޭގެ ހުސެއިން ސިފާއު ނެގި ހުރަހަކުން އިބްރާހިމް އައިސަމް ބޮލުން ޖެހި ބޯޅަ އަމާޒުވީ ލަންކާ ކީޕަރު ކަވީޝް އަތަށެވެ.

މިއީ ރާއްޖޭގެ ކޯޗުކަމާ ފްރެންޗެސްކޯ މޮރިއޭރޯ ހަވާލުވި ފަހުން ރާއްޖޭން މޮޅުވި ދެ ވަނަ މެޗެވެ. ޖުމްލަ ހަތް މެޗު ކުޅުނުއިރު، މީގެ ކުރިން މޮޅުވެފައި އޮތީ މިދިޔަ މާޗް މަހު 24 ވަނަ ދުވަހު މާލޭގައި ބަންގްލަދޭޝް އަތުންނެވެ. ދެން ކުޅުނު ފަސް މެޗަށް ބަލާއިރު، ތިން މެޗުން ބަލިވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. މީގެ ކިރިން މޮރިއޭރޯ ވަނީ ލަންކާއާ ދެކޮޅަށް އެއް ފަހަރު ނުކުމެފަ އެވެ. މިދިޔަ އަހަރުގެ ނޭޝަންސް ލީގުގައި މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖެ އާއި ލަންކާ ވަނީ 4-4 އިން އެއްވަރުވެފަ އެވެ.

ރާއްޖޭން މި ފަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ޓާގެޓް ކަނޑައަޅައި އެންމެ ފަހުން ގައުމީ ޓީމާ ހަވާލުވި ތިން ކޯޗުންނަށް އެ ޒިންމާ ހަވާލުކުރި އެވެ.

އެ ގޮތުން ވޯލްޑް ކަޕް ކޮލިފައިންގެ ތެރެއިން އޭޝިއަން ކަޕް ކޮލިފައިން ވެސް ކުރިއަށްދާ ގޮތަށް އޮތްއިރު، ފުރަތަަމަ މެޗުތަކުގައި ރާއްޖެ އަށް ކޯޗުކޮށްދިނީ ކްރޮއޭޝިއާގެ ޕީޓަ ސެގާޓް އެވެ. އޭގެ ފަހުން ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން ރާއްޖޭން ވަނީ ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން ގްރޫޕް ނިންމާލައިފަ އެވެ. އޭގެ ފަހުން އޭޝިއަން ކޮލިފައިން ގްރޫޕް ސްޓޭޖަށް ގޮސްފައިވަނިކޮށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މޮރިއޭރޯ ވަނީ ގައުމީ ކޯޗުކަމާ ހަވާލުވެފަ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށްދާން ރާއްޖެ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކުރިން ކޮލިފައިންގައި ހޯމް އެންޑް އަވޭ ސިސްޓަމަށް ހަ މެޗު ކުޅޭ ގޮތަށް އޮތުމުގެ ބަދަލުގައި، ސެންޓްރަލައިޒްކޮށް އެއް ގައުމެއްގައި ކުޅޭ ގޮތަށް ބަދަލުކުރުމެވެ. ރާއްޖޭން ކޮލިފައިން މެޗުތައް ހޯސްޓްކުރަން މަސައްކަތް ކުރި ނަމަވެސް އޭއެފްސީން ނިންމީ އެ ފުރުސަތު އުޒްބެކިސްތާނަށް ދިނުމަށެވެ. އުޒްބެކިސްތާނަށް ކޮލިފައިން މެޗުތަކަށް އައިއިރު، ރާއްޖެ އަށް ދިމާވި މައްސަލަ އަކީ މި މެޗުތަކަށް ތައްޔާރުވާން ރަނގަޅު މެޗުތަކެއް ނުލިބުމުގެ ދަތިކަމެވެ. އެހެން ޓީމުތަކުން ކޮލިފައިން އަށް އައީ ތައްޔާރުވާން މެޗުތަކެއް ކުޅުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox