ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި ދައުވާ އުފުލިފައިވާ އިސްހާގުގެ ދަރިއަކު މީގެ ކުރިން ގާޒީ އާދަމް މުހައްމަދަށް އިންޒާރެއް ދީފައި އޮތުމުން، މަސްލަހަތު ފުށުއަރާނެތީ ގާޒީ މައްސަލައިން ތަނާޒުލުވީ އިއްޔެ އެވެ.
ކްރިމިނަލް ކޯޓުގައި ތިން ގާޒީންގެ ބެންޗަކުން ބައްލަވާ މި މައްސަލާގައި ގާޒީ އާދަމް މުހައްމަދަކީ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އެވެ. ދެން ބެންޗުގައި ތިއްބަވަނީ ގާޒީ ސޮފްވަތު ހަބީބާއި ގާޒީ މުހައްމަދު މިސްބާހެވެ.
އިއްޔެގެ އަޑުއެހުން ފަށަމުން ގާޒީ އާދަމް މުހައްމަދު ވިދާޅުވީ ކްރިމިނަލް ކޯޓަށް މ. ކުދެހިގެ އިސްހާގުގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށެވެ.
އެ ސިޓީގައި ފާހަގަކޮށްފައިވަނީ ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާއާ ގުޅިގެން އިސްހާގުގެ ދަރިއެއް ކަމަށްވާ މުހައްމަދު އިއުފާފު އިސްހާގު ގާޒީ އާދަމް މުހައްމަދުއަށް އިންޒާރު ދީފައިވާ ކަމެވެ. އެ މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރޭގައި އިންޒާރު ދިން މީހާގެ ބޮޑުބެއެއް ކަމުގައިވާ މ. ކުދެހިގޭ ހަސަން ޝިފާޒް ވެސް ހިމެނެ އެވެ.
ގާޒީ އާދަމް ވިދާޅުވި ގޮތުގައި، މި މައްސަލަ ފެށިއިރު އަދި އިސްހާގުގެ ސިޓީ ލިބުމާ ހަމައަށް ވެސް އެ މައްސަލާގައި ގާޒީއަށް އިންޒާރު ދިން ފަރާތަކީ އިސްހާގުގެ ދަރިއެއް ކަން އޭނާއަށާއި މައްސަލާގައި ހިމެނޭ އެހެން ގާޒީއަކަށް ވެސް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ.

އެހެން ކަމުން އިސްހާގުއާ މެދު ވަކި ގޮތަކަށް އަމަލު ކޮށްފާނެ ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން މައްސަލައިން ތަނާޒުލްވާން ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ. އެއަށް ފަހު މިއަދުގެ އަޑުއެހުން ނިންމަވާލެއްވި އެވެ.
ގާޒީއަށް އިންޒާރު ދިން މައްސަލަ ގެންދަނީ ތަހުގީގުކުރަމުންނެވެ.
ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން ޝިފާޒްގެ މައްޗަށް ދަށު ކޯޓުގައި ދައުވާ ސާބިތުވެފައެއް ނުވެ އެވެ. އެ މައްސަލާގައި ދޫވި ބައެއް މީހުންގެ މައްސަލަ ހައިކޯޓަށް ހުށަހެޅި ނަމަވެސް ޝިފާޒްގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކޮށްފައެއް ވެސް ނުވެ އެވެ.
މައްސަލަ މިހާތަނަށް ގޮސްފައިވާ ހިސާބު
މީގެ އަހަރެއްހާ ދުވަސް ކުރިން ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި ބޮމެއް ހަރުކޮށްލައިގެން ގޮއްވާލި ބޮމުގެ މައްސަލާގައި މިހާރު ޝަރީއަތް ކުރިއަށް ދަނީ، އިސްހާގުގެ އިތުރަށް ތަހުމީން އަހުމަދާއި، މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، ފަހުމީ އަލީގެ ބައެވެ.
ޓެރަރިޒަމްގެ އެކި ދައުވާތައް އުފުލިފައިވާ އެ ޝަރީއަތުގައި މިހާތަނަށް ގޮސްފައިވަނީ ޝަރީއަތް ފެށުމުގެ ކުރީގެ މަރުހަލާތަކެވެ. މިގޮތުން ޝަރީއަތުގެ ކުރިން ހުރިހާ ފަރާތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ޝަރީއަތުން ގޮތްތަކެއް ނިންމާފައިވެ އެވެ.
ހެކި ރައްކާތެރި ކުރުމަށާއި ބައެއް ކިތާބީ ހެކި ވަކި ވަރަކަށް ހާމަކުރާ ގޮތަށް ޝަރީއަތުން ކުރިން ނެރެދީފައި އޮތް ވަގުތީ އަމުރެއް ދާއިމީ ކޮށްދިނެވެ.
ދައުލަތުން ހުށަހެޅި ސިއްރު ހެކިންނަށް ހިމާޔަތް ލިބިދެވޭނެ ގޮތަކަށް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެހެން ތަނެއްގައި ބައިތިއްބައިގެން ހެކިބަސް ނަގާ ގޮތަށް ނިންމާފައިވެ އެވެ. އަދ،ި ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް އަޑު ބަދަލުކޮށްގެން ހެކިބަސް ނަގާ ގޮތަށް ވެސް ނިންމާފައިވެ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ހުޅުމާލޭގައި ކޮންޓެއިނަރަކުން މާބަލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ދެ މީހަކު ތާށިވެ އޭގެ ތެރެއިން އެކަކު މަރުވީ އިއްޔެ އެވެ.
- ފްރޮންޓްލައިނުގައި ހަރަކާތްތެރިވާ ހުރިހާ ދިވެހި ފުލުހުންނަށް އިންޓަޕޯލްގެ ވަރުގަދަ ޑޭޓާބޭސްތައް ވަގުތުން ބަލާލެވޭނެ ގޮތް ހަދާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އިންތިހާއަށް އުފުލެމުން ދިޔުމާ ގުޅިގެން މަހަށް ދާން ކުރަންޖެހޭ ހަރަދުތައް ބޮޑުވެފައިވާތީ، ސަރުކާރުން ތެލުގެ ސަބްސިޑީ އިތުރުކޮށްދޭން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ގޮވާލީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އިންޓަޕޯލް ޑޭޓާބޭސްތައް ފުލުހުން ބޭނުންކުރަން ފެށުމާ ގުޅޭގޮތުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ:
އިންޓަޕޯލްގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތަސް އެހާ ފުޅާކޮށް [ޑޭޓާބޭސްތައް] ބޭނުމެއް ނުކުރޭ، މިސާލަކަށް ޑޭޓާބޭސްތަކަށް އެކްސެސް ހޯދުމާއި، ކޮންޓްރިބިއުޓް ކުރުމާއި، ނޯޓިސްތައް ޕަބްލިޝްކުރުމާއި، ގާނޫނު ތަންފީޒުކޮށް ކްރިމިނަލް ކަންކަން ބަލާ މުހިންމު އިދާރާތަކުގެ އެކްސެސްއެއް ކުރިއަކުން ނޯވޭ އިންޓަޕޯލްއަށް
ދުވަހުގެ ފޮޓޯ

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި ޕޮލިސް ކްލަބް އަދި ގުޑީސް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 3-2 ސެޓުން ކާމިޔާބުކުރީ ޕޮލިސް ކްލަބް. މިފަހަރުގެ މުބާރާތުގައި ފެނިގެންދަނީ ފޯރިގަދަ މެޗުތަކެއް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު











