އުޒްބެކިސްތާން އަތުން ބަލިވެ ރާއްޖެ އަށް އޭޝިއަން ކަޕްގެ ފުރުސަތު ގެއްލިއްޖެ

Jun 11, 2022, 5:24 PM
އުޒްބެކިސްތާންގެ އަލިޖޯނޯފް (ކ) ކައިރިން ބޯޅަ ހިފައިގެންދާން ރާއްޖޭގެ ހަމްޕު މަސައްކަތް ކުރަނީ.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އުޒްބެކިސްތާންގެ އަލިޖޯނޯފް (ކ) ކައިރިން ބޯޅަ ހިފައިގެންދާން ރާއްޖޭގެ ހަމްޕު މަސައްކަތް ކުރަނީ.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި އުޒްްބެކިސްތާން އަތުން 4-0 އިން ބަލިވެ، ރާއްޖެ އަށް އަންނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ދުނިޔޭގެ ރޭންކިންގެ 83 ވަނައިގައި އޮތް އުޒްބެކިސްތާނުން މިރޭ ރާއްޖެ ބަލިކުރިއިރު، އެ ޓީމުގެ ކެޕްޓަން، އިޓަލީގެ އޭއެސް ރޯމާ އަށް ކުޅޭ ފޯވާޑް އެލްޑޯ ޝޮމުޑޯރޯފް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މިރޭގެ މެޗަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ރަސްމީ މެޗެއްގައި ރާއްޖެ އާއި އުޒްބެކިސްތާންގެ ފުރަތަމަ ކުރިމަތިލުމެވެ.

ސެންޓްރަލައިޒްކޮށް އުޒްބެކިސްތާންްގައި ކުރިއަށްދާ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވަނީ މިދިޔަ ބުދަ ދުވަހު ހަވީރު 3-0 އިން ތައިލެންޑް އަތުން ބަލިވެފަ އެވެ. އެރޭ ކުޅުނު މެޗުން އުޒްބެކިސްތާނުން ވަނީ ސްރީ ލަންކާ އަތުން 3-0 އިން މޮޅުވެފަ އެވެ. މި ގްރޫޕްގައި މިއަދު ހަވީރު ކުޅުނު މެޗުން ތައިލެންޑުން 2-0 އިން ލަންކާ ބަލިކުރިއިރު، އުޒްބެކިސްތާނުން މިރޭ މި ވަނީ ރާއްޖެ ބަލިކޮށްފަ އެވެ.

އަންނަ އަހަރު ބާއްވަން ނިންމާފައިވާ އޭޝިއަން ކަޕަށް ކޮލިފައިވާނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ ޓީމުގެ އިތުރުން ކޮލިފައިން ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ފަސް ޓީމެކެވެ. ރާއްޖެ ގްރޫޕްގެ އެއް ވަނަ ދެ ވަނަ ވަނީ މިއަދުގެ މެޗުތަކަށް ފަހު ޔަގީންވެފަ އެވެ. ގްރޫޕްގެ ބާކީ ދެ މެޗު އޮއްވައި، އެ ޖާގަތައް ޔަގީންކުރީ އުޒްބެކިސްތާނާއި ތައިލެންޑުންނެވެ. އެއީ ރާއްޖެ އާއި ލަންކާ އަށް ބާކީ އެއް މެޗު އޮތްއިރު، ގްރޫޕްގެ އެއް ވަނަ އަދި ދެ ވަނަ ހޯދޭނެ ގޮތެއް ނެތުމުންނެވެ.

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ، ގްރޫޕް ސީގެ އެއް ވަނައިގައި އޮތް އުޒްބެކިސްތާނާއި ދެ ވަނައިގައި އޮތް ތައިލެންޑަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ލަންކާ އާއި ފުލުގައި އޮތް ރާއްޖެ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ރާއްޖެ ފުލުގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ލަންކާ ކޮޅަށް ފަސް ގޯލު ވަންއިރު، ރާއްޖެ ކޮޅަށް ވަނީ ހަތް ގޯލު ވަދެފަ އެވެ. ދެ ޓީމަށް ވެސް އަދި ގޯލެއް ނުޖެހެ އެވެ.

ރާއްޖޭން މިރޭ އުޒްބެކިސްތާނާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރަ ކުުޅުންތެރިން.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އުޒްބެކިސްތާންގެ މަރުކަޒީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗަށް ރާއްޖެ އިން ނުކުތްއިރު ފުރަތަމަ އެގާރަ އަށް ވަނީ ދެ ބަދަލެއް ގެނެސްފަ އެވެ. މުހައްމަދު އުމެއިރާއި ނާއިޒު ހަސަން (ދާދު)ގެ ބަދަލުގައި އަހުމަދު ނޫމާން (ހެލްމެޓް) އާއި އަލީ ފާސިރު (ސެންޓޭ) ވަނީ ކުޅެން އަރުވައިފަ އެވެ. މިއީ މިދިޔަ ޖެނުއަރީ 21 ވަނަ ދުވަހު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ފަހު މެޗެއްގެ ފުރަތަމަ އެގާރައިގައި ސެންޓޭ ކުޅުނު ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗު ފަށައިގެން އެއް މިނިޓް ތެރޭ އުޒްބެކިސްތާނަށް ލީޑުނަގައިދިނީ ޝޮމުޑޯރޯފް އެވެ. ޝޮމުޑޯރޯފް މި ގޯލު ޖެހީ ރާއްޖޭގެ މިޑްފީލްޑަރު އިބްރާހިމް އައިސަމް ފަހަތަށް ދިން ބޯޅައެއް ހޯދައި، ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ކައިރިން ނައްޓާފައި ގޮސް ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

އުޒްބެކިސްތާނުން ފުރަތަމަ ހާފުގައި ގިނަ އެޓޭކްތަކެއް ކުރިއިރު، ދެ ވަނަ ގޯލެއް ޖަހަން އެ ޓީމުން ކުރި މަސައްކަތްތައް ކާމިޔާބެއްނުވި އެވެ. ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ބައެއް ބޯޅަތައް މަތަކުރިއިރު، ހުސްކޮށް ލިބުނު ފުރުސަތަކުން، އުޒްބެކިސްތާންގެ ފޯވާޑް އަޒީޒްބެކް އަމޯނޯފް ޖެހި ޝޮޓެއް ދިޔައީ ބޭރުންނެވެ.

ފުރަތަމަ ހާފުގައި ރާއްޖޭގެ އެންމެ ރަނގަޅު ހަމަލާ ފޮނުވާލީ އައިސަމް އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅުގައި ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅަ އޭރިއާބޭރުން އައިސަމް ރަނގަޅަށް ފޮނުވާލި ނަމަވެސް އުޒްބެކިސްތާން ކީޕަރު، އުތުކީރް ޔޫސުޕޯފް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފް ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ރާއްޖޭގެ ސެންޓޭ ކަކުލަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ. ސެންޓޭގެ ބަދަލުގައި ކުޅެން އެރީ ދާދު އެވެ.

ސެންޓޭގެ ބަދަލުގައި ދާދު ކުޅެން އެރުމުގެ ކުރިން ދަނޑުމަތީގައި ރާއްޖޭން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ވަގުތު، މެޗުގެ 50 ވަނަ މިނިޓްގައި ޝޮމުޑޯރޯފް ވަނީ ދެ ވަނަ ގޯލެއް ޖަހައި، އުޒްބެކިސްތާންގެ ލީޑުފުޅާކޮށްދީފަ އެވެ. އޭރިއާބޭރުން ޝޮމުޑޯރޯފް ޖެހި ބޯޅަ އަމާޒުވީ ތިރިތިރިން ގޯލުގެ ކަނަށެވެ.

މެޗުގެ 61 ވަނަ މިނިޓްގައި އުޒްބެކިސްތާނަށް ތިން ވަނަ ގޯލެއް ޖަހައިދޭން އޭރިއާބޭރުން އޮޑިލްޖޯން ޒަބްރޮބެކޯފް ޖެހި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ހަތް މިނިޓް ފަހުން، ކޯނަރެއްގައި އޭރިއާތެރެއިން ހުސްކޮށް އަރައި، އުޒްބެކިސްތާންގެ ރުސްޓަމްޖޯން އަޝުރްމަޓޯފް ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އުޒްބެކިސްތާންގެ ޖަލޯލިއްދީން (ކ) ކައިރިން ރާއްޖޭގެ ސިފާއު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އުޒްބެކިސްތާނަށް މެޗުގެ 80 ވަނަ މިނިޓްގައި ތިން ވަނަ ގޯލެއް ޖަހައިދީ ޝޮމުޑޯރޯފް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ރާއްޖޭގެ ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) ފަހަތަށް އަކުރަމަށް ދިން ބޯޅަ އޭނާ އަށް ރަނގަޅަށް ކޮންޓްރޯލް ނުކުރެވި ލިބުނީ ޝޮމުޑޯރޯފް އަށެވެ. ބޯޅަ ހިފައިގެން މުޅިން ހުސްކޮށް އޭރިއާތެރެއަށް ވަދެ، ޝޮމުޑޯރޯފް ވަނީ ގޯލުގެ ތިރީ ކަަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ހެޓްރިކް ފުރިހަމަކުރިތާ ދެ މިނިޓް ފަހުން ޝޮމުޑޯރޯފް ވަނީ ބަދަލުކޮށްފަ އެވެ.

މެޗުގެ 86 ވަނަ މިނިޓްގައި އުޒްބެކިސްތާނުން ހަތަރު ވަނަ ގޯލެއް ޖެހި އެވެ. މިއީ ފާރޫކް ޝަފީއޭފް ނެގި ހުރަހަކުން އުރުނޯފް އޮސްޓޯން ޖެހި ގޯލެކެވެ. އޭނާ ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގަ އެވެ.

ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ހަވީރު ބައްދަލުކުރާނީ ސްރީ ލަންކާއާ އެވެ. ގްރޫޕްގެ ތިން ވަނަ ހޯދައި، ހިތްހަމަޖެހުމަކާ އެކީ ގްރޫޕް ސްޓޭޖު ނިންމާލަން ލަންކާ އަތުން މޮޅުވުން ރާއްޖެ އަށް މުހިންމެވެ.

ރާއްޖޭގެ ކޯޗުކަމާ އެންމެ ފަހުން ހަވާލުވި، ތިން ކޯޗުންނަށް ވެސް މައިގަނޑުކޮށް ދިން ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. އެ ގޮތުން ވޯލްޑް ކަޕް ކޮލިފައިންގެ ތެރެއިން އޭޝިއަން ކަޕް ކޮލިފައިން ވެސް ކުރިއަށްދާ ގޮތަށް އޮތްއިރު، ފުރަތަަމަ މެޗުތަކުގައި ރާއްޖެ އަށް ކޯޗުކޮށްދިނީ ކްރޮއޭޝިއާގެ ޕީޓަ ސެގާޓް އެވެ. އޭގެ ފަހުން ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން ރާއްޖޭން ވަނީ ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން ގްރޫޕް ނިންމާލައިފަ އެވެ. އޭގެ ފަހުން އޭޝިއަން ކޮލިފައިން ގްރޫޕް ސްޓޭޖަށް ގޮސްފައިވަނިކޮށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ވަނީ ގައުމީ ކޯޗުކަމާ ހަވާލުވެފަ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށްދާން ރާއްޖެ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކުރިން ކޮލިފައިންގައި ހޯމް އެންޑް އަވޭ ސިސްޓަމަށް ހަ މެޗު ކުޅޭ ގޮތަށް އޮތުމުގެ ބަދަލުގައި، ސެންޓްރަލައިޒްކޮށް އެއް ގައުމެއްގައި ކުޅޭ ގޮތަށް ބަދަލުކުރުމެވެ. ރާއްޖޭން ކޮލިފައިން މެޗުތައް ހޯސްޓްކުރަން މަސައްކަތް ކުރި ނަމަވެސް އޭއެފްސީން ނިންމީ އެ ފުރުސަތު އުޒްބެކިސްތާނަށް ދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox