ކޮވިޑް-19 އާ ގުޅިގެން ދަތުރުކުރުމުގެ ކުރިން ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭ ގޮތަށް އޮތް ގަވާއިދު އުވާލުމަށް އެމެރިކާ އިން ނިންމައިފި އެވެ.
މިއީ އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ގައުމުން ހޯދި ކުރިއެރުންތަކުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށް އޮފިޝަލުން ބުނެ އެވެ. މި ބަދަލު އަންނަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
ދަތުރުފަތުރު ކުރުމުގެ އިންޑަސްޓްރީން ވަނީ އެ ގަވާއިދު އުވާލުމަށް މީގެކުރިން ވެސް ގޮވާލާފަ އެވެ. އެއީ، ތާށިވެދާނެ ކަމުގެ ބިރަށް މީހުން ބުކިންތައް ކެންސަލް ކުރަމުންދާތީ އެވެ.

މި ނިންމުމާ ގުޅިގެން އަންނަ ބަދަލުތައް 90 ދުވަސް ފަހުން އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން ރިވިއު ކުރާނެ އެވެ. އަދި، އަލުން އަނބުރާ އެ ގަވާއިދަށް އަމަލުކުރަން ޖެހޭނަމަ އެގޮތަށް ކަންކަން ނިންމާނެ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އެމެރިކާއަށް ދަތުރުކުރެވެނީ ދަތުރު ކުރުމުގެ ތިން ދުވަސް ކުރިން ހަދާ ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާއަކާ އެކު އެވެ. އޮމިކްރޯން ވޭރިއަންޓާ އެކު އެއް ދުވަސް ކުރިން ޓެސްޓު ހެދުމަށް އަންގައި ގަވާއިދު ހަރުކަށި ކުރި އެވެ.
އެމެރިކާގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ދަތުރުފަތުރުކުރުމަށް ކޮޮވިޑާއި ގުޅިގެން އެޅުނު ހުރަސްތައް ނައްތާލައި އާންމު ހާލަތަށް ރުޖޫއަވެފަ އެވެ.










