ވިއެޓްނާމާއި އިންޑިއާގެ އަސްކަރީ ގުޅުން ވަރުގަދަކުރުމުގެ ގޮތުން އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު އެމެރިކާއާއެކު އިންޑިއާއިން ވެފައިވާ ލޮޖިސްޓިކްސް އެކްސްޗޭންޖް އެއްބަސްވުމުން ފެށިގެން ފްރާންސް، ސިންގަޕޫރު އަދި ދެކުނު ކޮރެއާ އަދި އެހެން ބައެއް ގައުމުތަކާއެކު ވެސް ލޮޖިސްޓިކްސް އެއްބަސްވުންތަކުގައި އިންޑިއާއިން ވަނީ ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުންތަކަކީ އަސްކަރީ މަރުކަޒުތަކަށް ވަދެވޭނެ ގޮތް ފަހިކޮށްދީ އިންތިޒާމުތައް ފަސޭހަކުރުމާ ގުޅޭ ގޮތުން ވެވޭ އެއްބަސްވުންތަކެކެވެ.
"މި އެއްބާރުލުމަކީ އިންޑޯ ޕެސިފިކް ސަރަހައްދުގައި ހަމަޖެހުން ގެނައުމަށް މުހިންމު ކަމެއް،" ވިއެޓްނާމާއެކު ސޮއިކުރި އެއްބަސްވުމަށް ފަހު އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖުނާތު ސިންގް ވިދާޅުވި އެވެ. .
ވިއެޓްނާމާއެކު ބުދަ ދުވަހު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އިންޑިއާއިން ވަނީ 12 ހައި ސްޕީޑް ޕެޓްރޯލް އުޅަނދު ޖެހިގެން އައި ބުރާސްފަތި ދުވަހު ވިއެޓްނާމާ ހަވާލުކޮށްފަ އެވެ.
އެ އުޅަނދުތައް ބަނީ އިންޑިއާއިން ވިއެޓްނާމަށް ފޯރުކޮށްދިން 100 މިލިއަން އެމެރިކާ ޑޮލަރުގެ ޑިފެންސް ލައިން އޮފް ކްރެޑިޓެއްގެ ދަށުންނެވެ.







