ހުޅުމާލޭގެ މަގުތައް ހެދުމުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހު ނިމޭނެ ކަމަށް ހައުސިން ޑިވޮލޮޕްމެންްޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފި އެވެ.
އެޗްޑީސީން އަންނަނީ ފޭސް ދޭއްގެ މަގުތަކާއި ފޭސް އެކެއްގެ ތާރު ނާޅާ ހުރި މަގުތަކުގައި ވެސް ތާރު އަޅައި، ހަދަމުންނެވެ. އެޗްޑީސީން ބުނި ގޮތުގައި މި މަސައްކަތުގެ ބޮޑުބައި މިހާރު ވަނީ ނިންމާލާފަ އެވެ.
މިގޮތުން، މި މަސައްކަތުގެ ތެރެއިން މިހާރު މި މަޝްރޫއުގެ 75 އިންސައްތަ ނިމިފައިވާއިރު، އެއީ ފޭސް އެކެއްގެ 44 އިންސައްތަ މަސައްކަތާއި ފޭސް ދޭއްގެ 82 އިންސައްތަ މަސައްކަތެވެ.
މި މަޝްރޫއުގެ ތެރެއިން ފޭސް އެކެއްގައި އަންނަނީ ޖުމްލަ 1.95 ކިލޯމީޓަރުގެ 10 މަގު ހަދަމުންނެވެ. އަދި، ފޭސް ދޭއްގައި ހަދަމުން އަންނަ 33 މަގުގައި ޖުމްލަ 6.15 ކިލޯމީޓަރު ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.











