ކޮލިފައިން ފުރަތަމަ މެޗުގައި ތައިލެންޑުން ރާއްޖެ ބަލިކޮށްފި

Jun 8, 2022, 1:55 PM
ކޮލިފައިން ފުރަތަމަ މެޗުގައި ތައިލެންޑުން ރާއްޖެ ބަލިކޮށްފި

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ތައިލެންޑުން 3-0 އިން ރާއްޖެ ބަލިކޮށްފި އެވެ.

ސެންޓްރަލައިޒްކޮށް، އުޒްބެކިސްތާންގައި ކޮލިފައިން މެޗުތައް ކުރިއަށްދާއިރު، ރާއްޖެ އާއި ތައިލެންޑްގެ އިތުރުން ދެން މި ގްރޫޕްގައި އޮތީ ސްރީ ލަންކާ އާއި އުޒްބެކިސްތާން އެވެ. ފުރަތަމަ މެޗުން ތައިލެންޑް އަތުން ބަލިވުމުން ރާއްޖެ އަށް ދެން އަންނަ އަހަރުގެ އޭޝިއަން ކަޕުން އަމިއްލަ ބާރުގައި ފުރުސަތު ހޯދޭނީ ދެން ކުޅޭ ދެ މެޗުން އުޒްބެކިސްތާނާއި ލަންކާ ބަލިކޮށްގެންނެވެ. އެއީ ގްރޫޕް އެއް ވަނަ ނުލިބޭނަމަ ދެ ވަނަ ހޯދައިގެން ވެސް އޭޝިއަން ކަޕަށް ވަންނަން ފުރުސަތެއް އޮންނާނީ ދެން އޮތް މެޗުތަކުގައި ނަތީޖާ ނެރެގެން ކަމަށްވާތީ އެވެ.

އުޒްބެކިސްތާންގެ މަރްކަޒީ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން ރާއްޖޭން ކުޅުނީ ވަރަށް ޑިފެންސިވްކޮށެވެ. ތައިލެންޑުން މެޗު ފަށައިގެން ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، މެޗުގެ ކުރީކޮޅުގައި ތައިލެންޑްގެ ފޯވާޑް ތީރަސީލް ޓާންޑްގާ ފޮނުވާލި ބޯޅައެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ތައިލެންޑާ ދެކޮޅަށް މިއަދު ރާއްޖޭން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

ކައުންޓައެޓޭކުގައި ރާއްޖޭގެ އެންމެ ކުރިއަށް ކުޅޭ ހަސަން ނާއިޒް (ދާދު) އަށް ބޯޅަ ދީގެން ރާއްޖޭން އެޓޭކެއް ކުރެވޭތޯ ދިޔައީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ރަނގަޅު ވަގުތުގައި ރާއްޖޭގެ އިބްރާހިމް އައިސަމް މަތިން ކުޅުނު ބޯޅައެއް ހަމްޒާ މުހައްމަދު (ހަމްޕު) ހޯދައި، ނަގައިދިން ހުރަހަކުން އޭރިއާތެރެއިން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ބޯޅަ ދިޔައީ އަރިމަތިންބޭރުންނެވެ.

ތައިލެންޑުން ލީޑުނެގީ މެޗުގެ 40 ވަަނަ މިނިޓްގަ އެވެ. ތައިލެންޑްގެ ކެޕްޓަން، ތީރަތޯން ބުންމަތަން އަރިމަތިން ނެގި ހުރަހަކުން އޭރިއާތެރެއިން އެ ޓީމުގެ ސަރާޗް ޔޫޔެން ބޮލުން ޖެހި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ގޯލުގެ ރޮނގު ހުރަސްކޮށް އެތެރޭގައި ޖެހިފައި އައުމުން ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ބޯޅަ އަތަށް ނެގި އެވެ. އެހެން ނަަމަވެސް ބޯޅަ ގޯލުގެ ރޮނގު ހުރަސްކޮށްފައިވާތީ ރެފްރީ ވަނީ ގޯލެއް ކަަަމަށް ނިންމައިފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތައިލެންޑުން ވަނީ ލީޑުފުޅާކޮށްފަ އެވެ. އޭރިއާތެރެއަށް ހުރަސްކުރި ބޯޅައެއް ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އަށް ޑިފެންސް ނުކުރެވިގެން އައިސް ލިބުނީ ތައިލެންޑްގެ ތީރަސީލް އަށެވެ. އޭނާ ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް މަތަކުރަން އުޅުނު ނަމަވެސް ފައިގައި ޖެހިފައި ބޯޅަ ވަނީ ގޯލު ރޮނގު ހުރަސްކޮށްފަ އެވެ.

ތައިލެންޑްގެ ދެ ކުޅުންތެރިން ކައިރިން ފޭދޫ އިއްބެ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ދެ ވަނަ ހާފް ފެށިއިރު، ރާއްޖޭން ވަނީ ދާދުގެ ބަދަލުގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ކުޅެން އަރުވައިފަ އެވެ. މި ހާފް ފެށިގެން ތައިލެންޑުން ފޮނުވާލި ދެ ހަމަލާއެއް ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފަށް ވުރެ ބޮޑަށް ދެ ވަނަ ހާފުގައި ރާއްޖޭން ކުރިއަށް ޖެހިގެން ކުޅެ ފުރުސަތު ހޯދޭތޯ ބެލި އެވެ. އެ ގޮތުން ރާއްޖޭގެ ފޭދޫ އިއްބެ ތައިލެންޑްގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ ގޯލަށް ޖެހޭތޯ ބެލި ނަމަވެސް އެ ފުރުސަތު ނުލިބުނެވެ. ހަންނަ އަށް އަރިމަތިން ލިބުނު ބޯޅައެއް އޭރިއާތެރެއިން ކުޅުންތެރިއަކަށް ދޭން ޖެހި ބޯޅަ ޓީމުގެ އެހެން ކުޅުންތެރިއަކަށް ނުލިބުނެވެ.

މެޗުގެ ފަހު ވިއްސަކަށް މިނިޓަށް ރާއްޖޭން ވަނީ އަލީ ފާސިރު (ސެންޓޭ) ކުޅެން އަރުވައިފަ އެވެ. މެޗުގެ 73 ވަނަ މިނިޓްގައި ހަމްޕު ހުސްކޮށްލާފައި ސެންޓޭ އަށް ދިން ބޯޅަ ފޮނުވާލުމުން ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ތައިލެންޑުން މެޗުގެ 79 ވަނަ މިނިޓްގައި ތިން ވަނަ ގޯލު ޖެހި އެވެ. އެ ޓީމުގެ ކެޕްޓަން، ތީރަތޯން ނެގި ހުރަހަކުން އޭރިއާތެރެއިން ހުސްކޮށް ހުރެފައި، ޕަންސާ ހެމްވިބޫން ޖެހި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ރާއްޖޭން ގޯލެއް ޖަހަން ކުރި މަސައްކަތުގައި މެޗުގެ އިތުރު ވަގުތުގައި ސެންޓޭ އޭރިއާތެރެއިން ޖައްސާލި ބޯޅަ ޖަހަން ހަންނަ އަށް އެރޭ ގޮތެއްނުވި އެވެ. ދެ ވަނަ ހާފުގައި ފަހުން ބަދަލެއްގެ ގޮތުގައި ރާއްޖޭން ވަނީ އަހުމަދު ނޫމާން (ހެލްމެޓް) އާއި ހަސަން ސުފިއާނު (ސޫފީ) އަދި އަބްދުﷲ ޔާމީން (ޔާނު) ކުޅެން އަރުވައިފަ އެވެ. މިއީ ޒުވާން ގައުމީ ޓީމުތަކުގެ ކެޕްޓަންކަން ކޮށްފައިވާ ސުފިއާނު ސީނިއާ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.

މިހާތަނަށް ތައިލެންޑުން ރާއްޖެއާ ދެކޮޅަށް ސީނިއާ ފުޓްބޯޅައިގައި ކުޅުނު ހަތަރު މެޗުން ވެސް މި ވަނީ މޮޅުވެފަ އެވެ. އެ ގޮތުން 1996 ގައި ކުޅުނު ކޮލިފައިން ދެ މެޗުގައި 8-0 އިން މޮޅުވިއިރު، 2012 ވަނަ އަހަރުގެ އެކުވެރިކަމުގެ މެޗާއި މި ފަހަރު މޮޅުވީ 3-0 އިންނެވެ.

ކޮލިފައިންގައި ރާއްޖެ ދެން ކުޅޭ މެޗުގައި ނުކުންނަނީ ހޮނިހިރު ދުވަހުގެރޭ 20:30 ގައި އުޒްބެކިސްތާނާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox