ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސުލޫކީ މައްސަލައެއް ބެލުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ވަކިކުރަން ފޮނުވާ ފަނޑިޔާރުންގެ ވަކީލުކަމުގެ ހުއްދަ ބާތިލް ކުރަން ޖެހޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެންނަ ބިލާ ގުޅޭ ގޮތުން ބާ ކައުންސިލްގެ ފަރާތުން ކަންބޮޑުވުންތަކެއް ފާޅުކޮށްފި އެވެ.
މި ކަންބޮޑުވުންތައް ހާމަކުރީ އެ ބިލާ ގުޅޭ ގޮތުން ބާ ކައުންސިލްއާ މަޝްވަރާކުރިތޯ ބައެއް ގާނޫނީ ވަކީލުން ޓްވިޓާގައި ސުވާލު ކުރުމުން، ބާ ކައުންސިލްގެ ރައީސްއަށް ހާއްސަކޮށްފައި އޮންނަ ޓްވިޓާ އެކައުންޓު މެދުވެރިކޮށެވެ.
އެއީ ބާ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ހަމީދު ބޭނުން ކުރައްވާ ޓްވިޓާ އެކައުންޓެއް ކަން އޭނާ ވަނީ މި ނޫހަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. ކަންބޮޑުވުންތަކެއް ހުރި ނަމަވެސް އެއާ މެދު އަދި ވަކި ސްޓޭންޑްއެއް ނަގަން ކައުންސިލުން ނިންމާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބިލު އޮތް ގޮތުން ބާ ކައުންސިލްއާއި ޖުޑިޝަރީގެ މިނިވަން ކަމަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ، އަމިއްލަ ރެގިއުލޭޓަރީ ހައިސިއްޔަތު އޮތް މުއައްސަސާއެއް ގޮތުގައި ބާ ކައުންސިލް ނޯންނާނެ،" މައުމޫން ހަމީދު ލިޔުއްވާފައިވެ އެވެ.
ގާނޫނީ ފަންނުގެ ގާނޫނު ބުނާ ގޮތުން ވަކީލުން ރެގިއުލޭޓް ކުރުން އޮންނަނީ ބާ ކައުންސިލްގެ އެކްސްކޯއަށެވެ. ނަމަވެސް މިހާރު ބިލު އޮތް ގޮތުން އެ ބާރުތަކާއި ޒިންމާތައް ޖޭއެސްސީއަށް ބަދަލު ކުރެވިގެންދާ ކަމަށް މައުމޫން ވިދާޅުވި އެވެ.

"ލޯ ޕްރެފެޝަން އެކްޓްގެ މައިގަނޑު އެއް ރޫހަކީ ވަކީލުން އަމިއްލައަށް ރެގިއުލޭޓް ކުރެވޭނެ މިނިވަން ނިޒާމެއް ނުވަތަ ސެލްފް ރެގިއުލޭޓަރީ ފްރޮފެޝަންއެއްގެ ގޮތުގައި މި ޕްރޮފެޝަން އޮތުން، ބިލުން އެ ކަމަށް އުނިކަމެއް އެބަ ލިބޭ،" އޭނާ ލިޔުއްވާފައިވެ އެވެ.
ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިބޭ ތިބުމަށް އިޝާރާތް ކުރައްވަމުން މައުމޫން ވިދާޅުވީ ބިލު އޮތް ގޮތުގެ ސަބަބުން "މިިނިވަން ވިސްނުމެއްގައި" މަސައްކަތް ކުރަން ބޭނުންވާ އެއްވެސް ފަނޑިޔާރަކަށް ދެން އެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.
"ބާ ކައުންސިލުން މި ކަމުގައި ވަކި ސްޓޭންޑްއެއް އަދި ނުނެގި ނަމަވެސް ބިލު މިހާރު އެ އޮތް ގޮތަކަށް ފާސްވާން ކައުންސިލްއާއި ކައުންސިލްގެ އެއްވެސް މެންބަރަކު ތާއީދު ކުރާ ތަނެއް އަޅުގަނޑަކަށް ނުފެނޭ،" މައުމޫން ހަމީދު ވިދާޅުވި އެވެ.
ބިލުގައި ބުނަނީ ކީކޭ؟
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިކްރާމް ހުސައިނެވެ.
ބިލުގައި ބުނާ ގޮތުން ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވައި އެ ގޮތަށް މަޖިލީހުން ފާސްކޮށްފިނަމަ، ފަނޑިޔާރުގެ އަމަލަކީ ވަކީލުކަމުގެ ސުލޫކާ ވެސް ހިލާފު ކަމެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ. އަދި އެ ފަނޑިޔާރެއްގެ ވަކީލުކަމުގެ ހުއްދަ ބާތިލް ވާނެ ކަމަށެވެ.
އެ ގޮތަށް ފަނޑިޔާރެއްގެ ވަކީލުކަމުގެ ހުއްދަ ބާތިލް ވުމަށް ފަހު، ދެން އެ މީހަކަށް ރާއްޖޭގައި ވަކީލު ކަން ކުރަން، ވަކީލު ކަމުގެ ހުއްދަ އަލުން ހޯދަން ހުށަހެޅޭނީ، އެ ހުއްދަ ބާތިލް ކުރާތާ ފަސް އަހަރު ފަހުން ކަމަށް ބުނެފައިވެ އެވެ. ފަސް އަހަރު ނުވާނަމަ ހުށަހެޅިއަސް ހުއްދަ ނުދެވޭނެ ކަމަށް ބިލުގައިވެ އެވެ.
ފަނޑިޔާރަކު ކޮށްގެން ނުވާނެ ކަމެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވާ ކަމަށް ޖޭއެސްސީން ކަނޑައަޅައި މަޖިލީހަށް ފޮނުވުމަށްފަހު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިއަށް ފަނޑިޔާރު ކަމުން އިސްތިއުފާ ދިނަސް އެ އުސޫލު އެ މީހެއްގެ މައްޗަށް ހިނގާނެ ކަމަށް ވެސް ބިލުގައިވެ އެވެ.
ފަނޑިޔާރު ކަމުން ވަކިކުރަން ފޮނުވާ މައްސަލާގައި ހިމެނޭ އަމަލަކީ ފަނޑިޔާރުންނާއި މުޅި ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭ ވަރުގެ އަމަލެއް ކަމުގައި ކަނޑައަޅާނީ ގާނޫނުގައި ދަށުން ޖޭއެސްސީން އެކުލަވާލެވޭ ގަވާއިދަކުން ކަމަށް ވެސް ބިލުގައިވެ އެވެ.
މިފަދަ އިސްލާހެއް މަޖިލީހަށް ހުށަހެޅިއިރު، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބި އަދި ޖޭއެސްސީގެ ކޮންޓްރޯލް ވެސް އެ ޕާޓީއަށް ލިބުނު ފަހުން ޖޭއެސްސީން ގެންދަނީ ފަނޑިޔާރުންގެ ސުލޫކީ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީއަށް އޮންނަ ބާރުގެ ތެރެއިން ފަނޑިޔާރުން ފުރަތަމަ ފަހަރަށް ވަކިކޮށްފައި ވަނީ ވެސް އެމްޑީޕީއަށް މި ބާރުތައް ލިބުނު ފަހުންނެވެ.













