އަޒުމެއް ނުގުޑި، ސުފިއާން ގައުމީ ޓީމަށް އެރީ ހިތްވަރު ދައްކައިގެން

ހުނަރުވެރި މިޑްފީލްޑަރު ސުފިއާނު: ގައުމީ ޓީމުން ފުރުސަތު ހޯދީ ވަރުގަދަ ހިތްވަރެއް ދައްކައިގެން.

ހުނަރުވެރި މިޑްފީލްޑަރު ސުފިއާނު: ގައުމީ ޓީމުން ފުރުސަތު ހޯދީ ވަރުގަދަ ހިތްވަރެއް ދައްކައިގެން.

ފުޓްބޯޅައިގައި ކާމިޔާބު ޔޫތު ކެރިއަރެއް ފުރިހަމަކޮށްފިނަމަ، އޭގެއިން ގިނަ ކުޅުންތެރިންނަކީ ލަސްތަކެއް ނުވެ، ސީނިއާ ގައުމީ ޓީމަށް ކުޅެލަން ފުރުސަތު ލިބޭ ކުުޅުންތެރިންނެވެ. އަމުދުން ޔޫތު ގައުމީ ޓީމެއްގެ ކެޕްޓަންކަން ކުރާ ކުޅުންތެރިއަކު ކެރިއަރު ކުރިއަށް ގެންގޮސްފިނަމަ، ސީނިއާ ލެވަލްގައި ގައުމު ތަމްސީލް ކުރަން ލިބޭ ފުރުސަތު ވަރަށް ވެސް އަވަހެވެ. ބެލެވިފައި އޮތީ ޔޫތު ލެވަލްގައި ކާމިޔާބީ ބޮޑު، މި ފަދަ ހުރިހާ ކުޅުންތެރިންގެ ކެރިއަރުގެ ވާހަކަ ވެސް ހުންނާނީ ދާދި އެއް ކަހަލަ ގޮތަކަށް ކަމަށެވެ.

އެކަމަކު، ހުނަރުވެރި މިޑްފީލްޑަރު، ހަސަން ސުފިއާން (ސޫފީ)ގެ ވާހަކަ ތަފާތެވެ. ގައުމީ ސީނިއާ ޓީމުގެ ފުރުސަތަކަށް އޭނާ ކުރަން ޖެހުނީ ދިގު އިންތިޒާރެކެވެ. އެތައް އަހަރެން ފަހުން ސުފިއާނަށް ގައުމީ ސީނިއާ ސްކޮޑުން ފުރުސަތު ލިބުނީ މި ފަހަރުގެ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ވާދަކުރާ ގައުމީ ޓީމުންނެވެ.

ޔޫތު ކެރިއަރަށް ބަލާއިރު، ސުފިއާން ވަނީ ހަތަރު އުމުރުފުރާއެއްގައި ގައުމީ ޓީމަށް ކުޅެފަ އެވެ. ދެ އުމުރުފުރާ ގައުމީ ޓީމެއްގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ސުފިއާން ކުޅެފައިވެ އެވެ. އެ ގޮތުން 13 އަހަރާއި 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ސުފިއާން ވަނީ 19 އަހަރާއި 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނި ރާއްޖެ ތަމްސީލް ކޮށްފަ އެވެ.

އެކަމަކު، ފަސޭހައިން ޔޫތު ޓީމުން ފުރުސަތު ލިބުނު ކަމުގައި ވިޔަސް ސީނިއާ ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން ސުފިއާނަށް ފުރުސަތު ލިބެން އެހާ ދުވަސްވީ ކީއްވެތޯ ބަލާލަން ޖެހެ އެވެ. ދެ އުމުރުފުރާއެއްގެ ގައުމީ ޓީމުގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އެޅި ކުޅުންތެރިއަކު، އުމުރުން 32 އަހަރުގައި ގައުމީ ސީނިއާ ޓީމުން ފުރަތަމަ ފުރުސަތު ލިބުނުއިރު، މި ވޭތުވެދިޔަ އަހަރުތައް ދިޔައީ ކިހިނެއްތޯ ވެސް ބަލައި، އެހެން ކުޅުންތެރިން ފިލާވަޅު ނަގަން ޖެހޭ ކަންކަން ހުރިތޯ ސާފުކުރުން ވެސް މުހިންމެވެ.

ކްލަބް ވެލެންސިއާގެ ޕްރެކްޓިހެއްގެ ތެެރެއިން ސުފިއާން: އޭނާ އަށް ވަނީ ފުރަތަމަ ފަހަރަށް ސީނިއާ ގައުމީ ޓީމުން ފުރުސަތު ލިބިފައި.-- ފޮޓޯ: އަދަދު

ސުފިއާންގެ ކެރިއަރުގެ އުސްއަލިތައް

މިޑްފީލްޑްގެ ކޮންމެ މަގާމެއްގައި ވެސް މޮޅު ކުޅުމެއް ދެއްކޭ ފަދަ ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ސުފިއާން ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 17 އަހަރުގައި ވީބީ ސްޕޯޓްސް ކްލަބް (ފަހުން ވީބީ އައްޑޫ އެފްސީ އަށް ރީބްރޭންޑް ކުރެވުނު) އިންނެވެ. އެ ކްލަބަށް 2007 އިން ފެށިގެން ފަސް އަހަރު ކުޅެފައި، ސުފިއާން ވަނީ ކުރު މުއްދަތަކަށް ކްލަބް އީގަލްސް އަށް ވެސް ކުޅެފަ އެވެ.

އެކަމަކު، އަލުން ވީބީ އައްޑޫ އެފްސީ އަށް ބަދަލުވެ، 2013 ވަނަ އަހަރު އެ ޓީމު ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވުމާ އެކު، ސުފިއާންގެ ފުރަތަމަ ޑިވިޝަނުގެ ކެރިއަރަށް ވެސް ހުއްޓުމެއް އައީ އެވެ.

ވީބީ އަށް ފަހު ސުފިއާން ދެން ކުޅެމުން އައީ ދެ ވަނަ ޑިވިޝަނުގަ އެވެ. ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ކްލަބް ޒެފްރޯލް، ބީޖީ ސްޕޯޓްސް ކްލަބް އަދި ކްލަބް ގްރީން ސްޓްރީޓްސް އަށް ސުފިއާން ދެ ވަނަ ޑިވިޝަނުގައި ކުޅެދިނެވެ.

ސުފިއާން ފުރަތަމަ ޑިވިޝަނަށް އެނބުރި އައީ 2018 ވަނަ އަހަރު ށ. ފޯކައިދޫ ފުޓްބޯޅަ ޓީމުންނެވެ. ފުރަތަމަ ޑިވިޝަނަށް އެނބުރި އައިސް ފޯކައިދޫ ޖޯޒީގައި ސުފިއާން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކާ ދެކޮޅަށް ފޯކައިދޫން ނެރުނު ރަނގަޅު ނަތީޖާތަކުގައި ސުފިއާން އިސް ރޯލެއް ކުޅުނެވެ.

ފޯކައިދޫ ޓީމަށް ސުފިއާން ގެންނަން ނިންމީ އޭރު އެ ޓީމުގެ ކޯޗަކަށް ހުރި އަލީ ނިސްތާރު މުހައްމަދު އެވެ. ސުފިޔާން ގެނައުމާ ބެހޭގޮތުން "އަދަދު" އަށް ނިސްތާރު ބުނީ އެ ފަހަރު އެ ގޮތަށް ނިންމީ ފުރަތަމަ ޑިވިޝަނުގައި ކުޅެފައި ހުރި ހުނަރުވެރި މިޑްފީލްޑަރެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

"އަސްލު ސޫފީ (ސުފިއާން) އަށް ދެ ވަނަ އަހަރު ވަރަށް ދެރަކޮށް ދިމާވީ، ދެ ވަނަ ސީޒަން (2019 ވަނަ އަހަރުގެ ސީޒަން) ރަނގަޅަށް ނުފެށެނިސް ޕްރެކްޓިހުގައި އޭނަގެ ފައި ބިންދައިގެން ދިޔައީ، ވަރަށް އަންލަކީ (ބަދުނަސީބު) އިންޖަރީއެއް އެއީ،" ނިސްތާރު ބުންޏެވެ.

"އަނިޔާއިން ރަނގަޅުވެގެން އައިއިރު، ބޭނުންވި ސޫފި، އަޅުގަނޑާ އެކު ކްލަބް ގްރީން ސްޓްރީޓްސް އަށް ގެންނަން ވެސް އެކަމަކު، ވެލެންސިއާ އަށް އޭރު ނިންމާފައި އޮތީ،"

ވެލެންސިއާ އިން މި ސީޒަން ފެއްޓުމުގެ ކުރިން ޓީމު ވަރުގަދަ ކުރުމުގެ ބޭނުމުގައި އެ ޓީމުގެ ޓްރެއިނަރު، އިސްމާއިލް އާސިފް (ކުޑަހީނާ) ބޭނުންވި ކުޅުންތެރިއަކީ ސުފިއާން އެވެ. ފަޔަށް ލިބުނު ސީރިއަސް އަނިޔާއިން ރަނގަޅުވާން އަމިއްލަ އަށް ގިނަ މަސައްކަތްތަކެއް ކުރި ސުފިއާން އަށް ވެލެންސިއާ އިން ކުޑަހީނާ ފުރުސަތު ދިނީ ވަރަށް އިތުބާރާ އެކުގަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ފަހު ސުފިއާން (ކ) އާއި ވެލެންސިއާގެ އެސިސްޓަންޓް ކޯޗު/ ޓްރެއިނަރު ކުޑަހީނާ.--- ފޮޓޯ: އަދަދު

ކުޑަހީނާ، "އަދަދު" އަށް ބުނީ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެލެންސިއާ އިން ހޯދުމުގައި ސުފިއާން އިސް ރޯލެއް ކުޅުނު ކަމަށެވެ. އަދި އެ މުބާރާތުގެ ތެރެއިން ވެސް ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ ކުޑަހީނާ ގާތުގައި ސުފިއާންގެ މައުލޫމާތު އޮޅުންފިލުވައިފަ އެވެ.

"ގައުމީ ކޯޗު (މޮރިއޭރޯ) ކުރިން ވެސް އެހި ސުފިއާންގެ ވާހަކަ. ދެން ނޭނގެ ކީއްވެ ކަމެއް ބަންގްލަދޭޝް މެޗު ސްކޮޑުގައި ނެތީ، ދެން މި ފަހަރު ވެސް ހަގީގަތުގައި ރިލޭ އާއި އިރޭ އަނިޔާވެފައި ހުރީމަ، މިޑްފީލްޑަރެއް ބޭނުންވާތީ ސުފިއާން އެ ގެންދިޔައީ،" ކުޑަހީނާ ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް ސުފިއާން އަކީ ކޮލިޓީ ޕްލޭޔަރެއްކަން އެނގޭނެ އެންމެނަށް ވެސް، ދެން މި ފުރުސަތަކީ އޭނަ ކުރި މަސައްކަތަށް ބަލާއިރު ހައްގު އެއްޗެއް،"

ގައުމީ ޓީމަށް ކުރިން ކުޅުނު ކުޑަހީނާ ބުނީ ސުފިއާން އަށް މި ލިބުނު ފުރުސަތުގެ ބޭނުންހިފަން ޖެހޭ ކަމަށާއި އެ އުމުރުގައި ހުއްޓައި، ގައުމީ ޓީމުން "ގޮވާލުމުން" އެ ޓީމާ އެކު ގޮސް ކިތަންމެ މަދު ވަގުތެއް ކުޅެލަން ލިބުނަސް އެންމެ ރަނގަޅު ކުޅުން ދައްކަން ޖެހޭނެ ކަމަށެވެ.

ބުރަ މަަސައްކަތުން ސުފިއާންގެ "ހުވަފެން ހަގީގަތަކަށް"

ކާމިޔާބު ޔޫތު ކެރިއަރެއްގެ ހަނދާންތައް ސުފިއާންގެ ސިކުނޑީގައި އެބަހުއްޓެވެ. ގައުމީ ކެޕްޓަން ބޭންޑް އަޅައިގެން އުމުރުފުރާގެ ގައުމީ ޓީމު ލީޑުކުރުމުގެ އުފާވެރި ހަނދާންތައް ވެސް ސުފިއާން ހިތުގައި އެބައޮތެވެ. އެކަމަކު، އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް އޭނާ ބޭނުންވެފައި ހުރި ކަމަކީ ގައުމީ ސީނިއާ ޓީމަށް ކުޅުމެވެ. ކިތަންމެ ފަހުން ނަމަވެސް އެ ފުރުސަތު ލިބުނީތީވެ، އޭނާ ހުރީ ބޭނުންހިފަން އަޒުމު ކަނޑައަޅައިގެންނެވެ.

ގައުމީ ޓީމުން ގަލޮޅު ދަނޑުގައި ކުރި ޕްރެކްޓިހެއްގެ ތެރެއިން ސުފިއާން ބޯޅަ ހިފައިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

"މިއީ ދެކެމުން އައި ބޮޑު ހުވަފެނެއް، އަމުދުން މި އުމުރުގައި ގައުމީ ޓީމަށް އެރޭނީ ވަރަށް ބޮޑު ގުރުބާނީތަކެއް ވެގެން. ވަރަށް ބުރަ މަސައްކަތްކޮށް މި ކަމަށް ހުސްވެ، ވަރަށް ވަގުތު ދީގެން،" ގައުމީ ޓީމުން ފުރުސަތު ލިބުމާ ބެހޭގޮތުން ދެކެނީ ކިހިނެއްތޯ "އަދަދު" އިން ކުރި ސުވާލަށް ސުފިއާން ޖަވާބު ދިނެވެ.

ނިސްތާރު ބުނީ 2019 ވަނަ އަހަރު ސުފިޔާނަށް ދިމާވި ސީރިއަސް އަނިޔާއާ ހުރެ، އޭނާ ދެން އެންމެ މަތީ ލެވަލްގައި ކުޅެން އެނބުރި އައިސް ހުއްޓައި ނުފެނިދާނެ ކަމަށް ހީވި ކަމަށެވެ. އެކަމަކު، ސުފިއާން އަމިއްލަ އަށް ކުރި ބުރަ މަސައްކަތުންނާއި ޕްރޮފެޝަނަލް ލެވަލެއްގައި ވިސްނައި، ރިކަވަރީ އަށް ދިން ވަގުތުން ސުފިއާން އެނބުރި އައީތީ، ނިސްތާރު ވަނީ އެކަން ފާހަގަކޮށްފަ އެވެ. މިއީ، އެހެން ކުޅުންތެރިން މިސާލު ނަގަންޖެހޭ ކަމެއް ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ.

"ހަ މަހުގެ ރިކަވަރީއެއް ދިޔަ، އެކަމަކު، މުޅި ސީޒަން (މިދިޔަ ސީޒަން) ނުކުޅެ އެއްކޮށް މަޑުކުރީ އެއްކޮށް ފިޓްވެގެން އަންނަން، ދެން ވެލެންސިއާ އިން ފުރުސަތު ލިބުނީ މި ސީޒަނު،" އަނިޔާ އަށް ފަހު، ކުޅުމަށް އެނބުރި އައި ގޮތް ސުފިޔާން ކިޔައިދިނެވެ.

"އަނިޔާވިއިރު، ފިބިއުލާ (ކަށިމަތި ކަށި) ބިންދައިގެން ދިޔައީ، މިހާރު ވެސް ހަގީގަތުގައި މި ކުޅެނީ ވަރަށް ހިތްވަރުން، ބޯލްޓް ލައްވައި، މެޓަލް ޕްލޭޓެއް ވެސް ފައިގައި އިންދައި މި ކުޅެނީ،"

ޔޫތު ލެވަލުން ފެށިގެން ސުފިއާނާ އެކު ކުޅެފައިވާ ބައެއް ކުޅުންތެރިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޝުއޫރުތަކަށް ބަލާއިރު، ސުފިއާން އަލުން އަނބުރާ ކުޅުމަށް އައިސް އެ ކުރާ "ހިތްވަރު" ދެއްކޭނީ މަދު ކުޅުންތެރިއަކަށެވެ. އަދި ހާއްސަކޮށް އެ އުމުރުގައި ހުރެ، ސުފިއާން ގައުމީ ސީނިއާ ޓީމުން މުޅިން އަލަށް ޖާގަ ހޯދުމުން ދޭހަކޮށްދެނީ ގައުމީ ޓީމުން ޖާގަ ހައްގުވާ އެ ފަދަ އެހެން ކުޅުންތެރިން ވެސް ތިބޭނެ ކަން ކަމަށާއި އެ ކަންކަމާ މެދު ގައުމީ ސްކޮޑުގެ ސިލެކްޝަނެއް ހަދާއިރު ފުރިހަމަ އަށް ވިސްނަން ޖެހޭ ކަމެވެ.

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު ރާއްޖެ ކުޅޭނީ ތައިލެންޑާ ދެކޮޅަށެވެ. މެޗު ފަށާނީ ހަވީރު 17:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox