ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކުރަމުން އަންނަ ވިނަރެސް ފްލެޓުގެ "މޮކްއަޕް" އެޕާޓްމަންޓްތައް ބަލައިލަން މިހާތަނަށް 11،000 މީހުން އެދިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.
ފްލެޓްތައް ބަލާލަން ޝައުގުވެރިވާ ފަރާތްތަކުން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ރެޖިސްޓްރީވާން ހުޅުވާލުމުން ތަރުހީބު ބޮޑުވެ، ދުވާލަކު 500 މީހުންގެ މަގުން ފްލެޓްތައް ދައްކަން ވަނީ ނިންމައިފަ އެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ރަޖިސްޓްރީވި ފަރާތްތަަކަށް ފްލެޓްތައް ދައްކަން ފެށިއިރު، ފުރަތަމަ 22 ދުވަހަށް އެ އަދަދަށް ވަނީ ރަޖިސްޓްރީވެފަ އެވެ. އެއީ ޖުމުލަ 11،000 މީހުނެވެ.
"މިއަދާ ހަމައަށް 1،500 މީހުނަށް ފްލެޓްތައް ދައްކާލެވުނީ މި، މި މަހު 27 ވަނަ ދުވަހާ ހަމައަށް އޮތީ ބުކްކޮށް ނިމިފަ، ދެން ރަޖިސްޓްރީ ކުރަން ޝައުގުހުރި ފަރާތްތަކަށް ބުކް ކުރެވޭނީ 28 ވަނަ ދުވަހުން ފެށިގެން،" އެޗްޑީސީގެ ޕަބްލިކް ރިލޭޝަންސް އޮފިޝަލް އައިމިނަތު ޔުސްރާ މި ނޫހަަށް ވިދާޅުވި އެވެ.
ވިނަރެސްއަކީ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން އެޗްޑީސީން ކުރިޔަށް ގެންދާ "މިކްސްޑް ރެޒިޑެންޝަލް ކޮމްޕްލެކްސް" ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްއެކެވެ.

އެއީ މެދުމިނުގެ ފުދުންތެރިކަން ހުރި އާއިލާތަކަށާއި ފަންނީ ވަޒީފާތަކުގައި އުޅޭ މީހުންނަށް އަމާޒުކޮށްގެން، ފިނިޝިންއާއި އިންޓީރިއާ ނިންމާފައި ހަވާލުކުރާ ފެންވަރު ރަނގަޅު ފްލެޓްތަކެއް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

މިއަހަރުގެ ޖުލައި މަހަށް ނިންމަން އަމާޒު ހިފާފައިވާ މި ފްލެޓްތައް އާންމުންނަށް ވިއްކަން ހުޅުވާނެ ތާރީހެއް އެޗްޑީސީން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އެ ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރާ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 ހައުސިން ޔުނިޓަށް ކުރިމަތިލެވޭ ގޮތަށް ސަރުކާރުން ކުރިން ނިންމާފައިވަނީ މާލޭގައި ރަށްވެހިކަން އޮންނަތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.
ނަމަވެސް މިއަދު ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލި އިރު، އުސޫލުގައި ވަނީ މާލޭގައި ރަށްވެހިކަން ނެތަސް އަދި ރަށްވެހިކަން އޮވެ ރަށްވެހިކަން އޮންނަތާ 15 އަހަރު ނުވިއަސް 100 ފްލެޓަކަށް ކުރިމަތިލެވޭ ގޮތަށެވެ. އެކަމަކު މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައި ވުމަކީ ޝަރުތެކެވެ.
ވިނަރެސް ފްލެޓުތައް މިވީހާ ދުވަހަކަށް އާންމުންނަށް ވިއްކަން ހުޅުވާނުލައި އޮތީ، ހިޔާ ފްލެޓުތައް ދޫކޮށްލި މީހުންނަށާއި ގުޅީފަޅުން ފްލެޓް ގަތް މީހުންނަށް ފުރުސަތު ދިނުމަށެވެ.
މި އަހަރުގެ ޖުލައި މަހަށް ނިންމަން އަމާޒު ހިފާފައިވާ މި ފްލެޓްތަކަށް ހިޔާ ފްލެޓުތައް ދޫކޮށްލި މީހުންނަށާއި ގުޅީފަޅުން ފްލެޓް ގަތް މީހުންގެ ތެރެއިން ކުރިމަތިލީ 288 މީހުން ކަމަށް އެޗްޑީީސީން ބުނެފައިވެ އެވެ.













