ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެއް ބެލުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ވަކިކުރަން ފޮނުވާ ފަނޑިޔާރުންގެ ވަކީލުކަމުގެ ހުއްދަ ބާތިލް ކުރަން ޖެހޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހެއް ގެންނަން ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހުސައިން ހުށަހެޅުއްވި ބިލުގައި ބުނާ ގޮތުން ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވައި އެ ގޮތަށް މަޖިލީހުން ފާސްކޮށްފިނަމަ، ފަނޑިޔާރުގެ އަމަލަކީ ވަކީލުކަމުގެ ސުލޫކާ ވެސް ހިލާފު ކަމެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ. އަދި އެ ފަނޑިޔާރެއްގެ ވަކީލުކަމުގެ ހުއްދަ ބާތިލް ވާނެ ކަމަށެވެ.
އެ ގޮތަށް ފަނޑިޔާރެއްގެ ވަކީލުކަމުގެ ހުއްދަ ބާތިލް ވުމަށް ފަހު، ދެން އެ މީހަކަށް ރާއްޖޭގައި ވަކީލު ކަން ކުރަން، ވަކީލު ކަމުގެ ހުއްދަ އަލުން ހޯދަން ހުށަހެޅޭނީ، އެ ހުއްދަ ބާތިލް ކުރާތާ ފަސް އަހަރު ފަހުން ކަމަށް ބުނެފައިވެ އެވެ. ފަސް އަހަރު ނުވާނަމަ ހުށަހެޅިއަސް ހުއްދަ ނުދެވޭނެ ކަމަށް ބިލުގައިވެ އެވެ.
ފަނޑިޔާރަކު ކޮށްގެން ނުވާނެ ކަމެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވާ ކަމަށް ޖޭއެސްސީން ކަނޑައަޅައި މަޖިލީހަށް ފޮނުވުމަށްފަހު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިއަށް ފަނޑިޔާރު ކަމުން އިސްތިއުފާ ދިނަސް އެ އުސޫލު އެ މީހެއްގެ މައްޗަށް ހިނގާނެ ކަމަށް ވެސް ބިލުގައިވެ އެވެ.
ފަނޑިޔާރު ކަމުން ވަކިކުރަން ފޮނުވާ މައްސަލާގައި ހިމެނޭ އަމަލަކީ ފަނޑިޔާރުންނާއި މުޅި ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭ ވަރުގެ އަމަލެއް ކަމުގައި ކަނޑައަޅާނީ ގާނޫނުގައި ދަށުން ޖޭއެސްސީން އެކުލަވާލެވޭ ގަވާއިދަކުން ކަމަށް ވެސް ބިލުގައިވެ އެވެ.













