ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަންކުރާ ޕާޓީ ކަމުގައިވާ ބީޖޭޕީގެ އިސް ދެ މީހަކު ދެއްކި ވާހަކަތައް ކުށްވެރިކޮށް އިސްލާމީ ގިނަ ގައުމުތަކަކުން އެކަމާ އިހުތިޖާޖުކޮށްފި އެވެ.
އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ އިސް ދެ މީހަކު, ރަސޫލާއަށް ފުރައްސާރަވާ ގޮތަށް ވާހަކަ ދެއްކުމުން, އެކަމާ ނުރުހުންވެ އަރަބި ގިނަ ގައުމުތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި, އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން, އެ ގައުމުތަކުގައި ތިބި އިންޑިއާ ސަފީރުން ފޮރިން މިނިސްޓްރީތަކަށް ހާޒިރުކޮށްފައިވެ އެވެ.
އެގޮތުން ގަތަރު, އީރާން އަދި ގަތަރުން ވަނީ އިންޑިއާގެ ސަފީރުން ހާޒިރުކޮށް, ރަސްމީކޮށް އިންޑިއާ ސަރުކާރު ހިންގާ ޕާޓީގެ ލީޑަރުގެ ވާހަކަތަކާ ދެކޮޅު ހަދާފަ އެވެ. ގަތަރުން އިންޑިއާ ސަފީރު ހާޒިރުކޮށް, ހަވާލުކުރި އިހުތިޖާޖު ސިޓީގައި ބީޖޭޕީގެ ލީޑަރު ދެއްކި ވާހަކަތަކަށް އިންޑިއާ ސަރުކާރުން ރަސްމީކޮށް މާފަށް އެދުމަށް ގޮވާލާފައިވެ އެވެ.
މިކަން ހިނގިއިރު, ވިޔަފާރިވެރިންގެ ވަފުދަކާއެކު އިންޑިއާ ނައިބު ރައީސް ހުންނެވީ ގަތަރުގަ އެވެ.
ސައުދީ އަރަބިއްޔާއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި, ބީޖޭޕީގެ ލީޑަރު ދެއްކި ވާހަކަތަކަކީ އިސްލާމް ދީނަށް ކުރި ފުރައްސާރައެކެވެ. އެ ވާހަކަތައް ބަލައިނުގަނެ, އެކަމާ ސައުދީ ފޮރިން މިނިސްޓްރީން ކަންބޮޑުވާކަން ވަނީ ހާމަކޮށްފަ އެވެ.
ސައުދީ އަރަބިއްޔާ އާއި ބަހްރެއިން އަދި ގަލްފްގެ ބައެއް އެހެން ގައުމުތަކުގެ ސުޕަމާކެޓްތަކުން ވަނީ އިންޑިއާ އުފެއްދުންތައް ވިއްކުން ވެސް ހުއްޓާލާފަ އެވެ. އިސްލާމީ ގައުމުތަކުން އިންޑިއާމެދު ނުރުހުން ފާޅުކުރަމުންދާއިރު, އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ވެސް ވަނީ އިންޑިއާގެ ސިޔާސީ ލީޑަރުގެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
އިންޑިއާގެ ޓީވީ ޗެނަލެއްގައި ދެއްކި ޕްރޮގްރާމެއްގައި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވަނީ ބީޖޭޕީގެ ނޭޝަނަލް ސްޕޯކްސްޕާސަން ނުޕުރް ޝަރުމާ އާއި ނިއުދިއްލީގައި ހުނަން ބީޖޭޕީ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރެވެ. އެމީހުން ދެއްކި ވާހަކަތައް ހޫނުވެ, އިސްލާމީ ގައުމުތަކުން ނުރުހުން ފާޅުކުރަން ފެށުމުން ބީޖޭޕީއިން ވަނީ ދެ މީހުންނާމެދު ފިޔަވަޅު އަޅާފަ އެވެ.
އެގޮތުން, ނުޕުރް ޝަރުމާ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް, ނަވީން ކުމާރު ވަނީ ޕާޓީން ވަކިކޮށްފަ އެވެ.







