ޓޯކިއޯ (6 ޖޫން) - މެޗުތަކުން މޮޅުވާން، ބްރެޒިލްގެ ޓީމުން ނޭމާ އަށް ބަރޯސާވާން ނުޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު ޓީޓޭ ދެއްކި ވާހަކަތަކާ މެދު ދެބަސްވުމެއް ނެތް ކަމަށް ނޭމާ ބުނެފި އެވެ.
ބްރެޒިލް އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި، ދެކުނު ކޮރެއާ އަތުން 5-1 އިން މޮޅުވިއިރު، ނޭމާ ވަނީ ދެ ލަނޑު ޖެހިއިރު، މިއަދު ޖަޕާން އަތުން 1-0 އިން ބްރެޒިލް މޮޅުވި މެޗުގައި ވެސް ލަނޑު ޖެހީ ޕެނަލްޓީ އަކުން ނޭމާ އެވެ.
ބްރެޒިލްގެ ގައުމީ ޓީމަށް ނޭމާ ވަނީ މިހާރު ޖުމްލަ 74 ލަނޑު ހަމަކޮށްފަ އެވެ. ބްރެޒިލްގެ ލެޖެންޑް ޕެލޭގެ ރެކޯޑާ ނޭމާ ވަނީ މިހާރު ގާތްކޮށްފަ އެވެ. ޕެލޭ ވަނީ ގައުމީ ޓީމަށް 77 ލަނޑު ޖަހައިފަ އެވެ.
އެކުވެރިކަމުގެ މެޗެއްގައި މިއަދު ޖަޕާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން، ޓީޓޭ ބުނީ މެޗުތަކުން މޮޅުވުމަށް، ނޭމާ އަށް ބްރެޒިލްގެ ޓީމު ބަރޯސާވާން ނުޖެހޭނެ ކަމަށެވެ. އަދި ބްރެޒިލްގެ ގައުމީ ޓީމަށް އާ ޖީލެއް ނިކުމެފައިވާ ކަމަށާއި އެ ކުޅުންތެރިންނަށް އިތުބާރު އެބައޮތް ކަމަށެވެ.
"މި މަގާމުގައި އަހަންނަށް ގޯސްތަކެއް ވެސް ހެދިއްޖެ. އެކަމަކު ރަނގަޅު ކަންތައްތަކެއް ވެސް ކުރެވިއްޖެ. އޭގެ ތެރެއިން ކުރެވުނު އެއް ކަމަކީ، އާ ޖީލުގެ ކުޅުންތެރިންނަށް ފުރުސަތު ދިނުން. މިހާރު ބްރެޒިލް އަކީ އެންމެ ފޯވަޑަކަށް ބާރޯސާވާނެ ޓީމެއް ނޫން،" ޓީޓޭ ބުންޏެވެ. "މެޗުތަކުން މޮޅުވާން ހަމައެކަނި ބޭނުންވަނީ ނޭމާގެ ޖާދުލެއް ނޫން،"

ޖަޕާނުގެ އެންޑޯ (ކ) ކައިރިން ބްރެޒިލްގެ ނޭމާ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ
ޖަޕާނު މެޗަށް ފަހު ނޫސްވެރިން އަވަސްވެގަތީ ޓީޓޭގެ ވާހަކަތަކާ މެދު ނޭމާ ދެކޭގޮތެއް އޮޅުންފިލުވުމަށެވެ. ނޭމާ ބުނީ ބްރެޒިލަކީ އެއްވެސް އިރެއްގައި މުޅި އެއްކޮށް ވަކި ކުޅުންތެރިއަކަށް ބަރޯސާވާން ޖެހޭ ޓީމެއް ނޫން ކަމަށާއި ތާރީހުން ވެސް ފެންނަން އޮތީ އެ ގޮތަށް ކަމަށެވެ.
"އަހަންނަކީ ބްރެޒިލް ހުރިހާ ގޮތަކުން ބަރޯސާވާން ޖެހޭ ކުޅުންތެރިޔާ ކަމަށް ނުދެކެން. އެއީ ކާމިޔާބު ހޯދަން ބޭނުންވަނީ ޓީމެއް، ބްރެޒިލްގެ ކާމިޔާބީތަކުގައި ވެސް ނަތީޖާ ނެރެފައި އޮތީ ޓީމެއްގެ ގޮތުގައި،" ނޭމާ ބުންޏެވެ.
ބްރެޒިލް އިން ވަނީ މިދިޔަ އަހަރު ޓޯކިއޯގައި އޮތް އޮލިމްޕިކް ގޭމްސްގައި ރަން މެޑަލް ހޯދައިފަ އެވެ. އޭރު އެ ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ފޯވަޑް ރިޗާލިސަން އާއި ބްރޫނޯ ގުއިމާރޭސް އަކީ މިހާރު ބްރެޒިލްގެ ސީނިއާ ޓީމުގައި ވެސް މުހިންމު ކުޅުންތެރިންނެވެ.
ޓީޓޭ ބުނީ އޮލިމްޕިކް ޓީމުގައި ހިމެނުނު ކުޅުންތެރިންނާއި ތަޖުރިބާރު ކުޅުންތެރިންނާއެކު، ބްރެޒިލްގައި ރަނގަޅު ޓީމެއް ބިނާކުރެވިފައިވާ ކަމަށެވެ. -- އޭއެފްޕީ












