މާލެއިން ބޭރުގައި އެޅި ފުރަތަމަ ޓޭބަލް ޓެނިސް އިންޑޯ ހޯލު ޏ. ފުވައްމުލަކުގައި ހުޅުވައި، އެތަނުގައި ޓޭބަލް ޓެނިހުން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ތަމްރީން ކުރެވޭނެ މަގު ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ފަހިކޮށްދީފި އެވެ.
އަތޮޅުތަކުގައި ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ފުވައްމުލަކުގައި އެޅި އިންޑޯ ހޯލު ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ. މީ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު އާއި ޓެބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް)ގެ އިސްވެރިންގެ އިތުރުން ގައުމީ ޖޫނިއާ ޓޭބަލް ޓެނިސް ޓީމުވެސް ބައިވެރިވި އެވެ.
ފުވައްމުލަކުގައި ހުޅުވި އިންޑޯ ހޯލަކީ ހުޅުމާލޭގެ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ޓީޓީ ހޯލާއި އެއް ފެންވަރެއްގެ ވަސީލަތްތައް ހުރި ހޯލެކެވެ.
އަތޮޅުތަކަށް ޓޭބަލް ޓެނިސް ފުޅާކުރުމަށް ޓީޓީއޭއެމުން ކުރަމުން އަންނަ މަސައްކަތަށް މި ހޯލާއިއެކު ބޮޑު އެހީތެރިކަމެއް ލިބޭނެކަމަށް އެ އެސޯސިއޭޝަނުން ގަބޫލުކުރެ އެވެ. އެސޯސިއޭޝަނުގެ އާ ދައުރަށް އިންތިޚާބުވި ހިންގާ ކޮމިޓީގެ އެއް ވައުދަކީވެސް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ޓޭބަލް ޓެނިސް ފުޅާކުރުމެވެ.
ފުވައްމުލަކުގެ ޓޭބަލް ޓެނިސް ހޯލު ހުޅުވުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގެ ކުރިން ގައުމީ ޖޫނިއާ ޓީޓީ ޓީމް ވަނީ އެ ރަށުގެ އެކި އެކި ސްކޫލްތަކަށް ޒިޔާރަތްކޮށް ޓީޓީ އަށް ޝައުގުވެރިވާ ކުދިންނާއި ބައްދަލުކޮށް ޓީމްގެ ކުޅުންތެރިންގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ ފުވައްމުލަކުގެ ސްކޫލުތަކަށް ކުރި ޒިޔާރަތްތަކުގައި ޓޭބަލް ޓެނިހަށް ޝައުގުވެރިވާ ގިނަ ކުދިންތަކަކާ ދިމާވިކަމަށެވެ.
"ހީކުރިވަރަށް ވުރެ ބޮޑު ތަރުޚީބެއް ލިބުނު، ޓޭބަލް ޓެނިހަށް ޝައުގުވެރިވާ ވަރަށް ބައިވަރު ކުދިން އެބަތިބި، ގާތްގަނޑަކަށް ފުވައްމުލަކުން އެކަނިވެސް 300 އެއްހާ ކުދިންނާ ބައްދަލުކުރެވުނު މިއަދު، ޓީޓީ ފުޅާކުރުމަށް ލިބޭ ބޮޑު ހިތްވަރެއް މިއީ" އައްޔަ ވިިދާޅުވި އެވެ.
ފުވައްމުލަކުގައި ހުޅުވި ޓީޓީ ހޯލުގައި ތަމްރީންތައް ކުރިއަށް ގެންދަން ޓީޓީއެމުން ވަނީ އިންޑިއާގެ ވަރުގަދަ ކޯޗެއްވެސް ގެނެސްފަ އެވެ. ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ތައްޔާރުކޮށްފައިވާ ކޯޗެއްކަމަށްވާ ސުޕްރަކާޝް ސަހާ އަށް ހަވާލުކުރި މަސައްކަތަކީ ގައުމީ ޓީމާއި، ގައުމީ ފެންވަރުގައި ވާދަކުރާ ފެންވަރުގެ ކުޅުންތެރިން ފުވައްމުލަކުން ތައްޔާރުކުރުމެވެ.
"ކޯޗަށް ޓޭގެޓްތަކެއް މިހަވާލުކުރީ، މިސާލަކަށް އަންނަ އަހަރު އިންޓަ ސްކޫލުގައި ވާދަކުރާނެ ފެންވަރުގެ ޓީމްތަކެއް ފުވައްމުލަކުގެ ސްކޫލުތަކުން ނެރުން. ދެން ހަމަ ދެ އަހަރު ތެރޭ ގައުމީ ޓީމަށް ރަނގަޅު ކުޅުންތެރިން ސަޕްލައިކުރުން. ކޯޗުގެ ފެންވަރަށް ބަލާއިރު އެކަން ހާސިލްކުރެވޭނެކަމަށް މި ބަލަނީ" އައްޔަ ވިދާޅުވި އެވެ.
ރަށްރަށަށް ޓީޓީ ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ޓީޓީއޭއެމުން ވަނީ މިދިޔަ އޭޕްރީލް މަހު އައްޑޫ ސީޓީގައިވެސް ހާއްސަ ހަރަކާތްތަކެއް ހިންގާފަ އެވެ. މިގޮތުން ސްކޫލުތަކުގެ ދަރިވަރުންނާއި އެކު ގައުމީ ޓީމްގެ މިހާރުގެ އަދި ކުރީގެ ކުޅުންތެރިން ވަނީ ސެޝަންތަކެއް ކުރިއަށް ގެންދިޔަ އެވެ.












