ހުޅުމާލޭ ފޭސް ޓޫ އަވަށުގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން އިމާރާތްކުރަމުން އަންނަ ވިނަރެސް މަޝްރޫއުގެ ޓަވަރުތަކުން ފްލެޓު ލިބޭ ކަމަށް ބުނެ ފޭކް ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވާން އެ ކުންފުނިން އެދިއްޖެ އެވެ.
އެ ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރާ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 ހައުސިން ޔުނިޓަށް ކުރިމަތިލެވޭ ގޮތަށް ސަރުކާރުން ކުރިން ނިންމާފައިވަނީ މާލޭގައި ރަށްވެހިކަން އޮންނަތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.
ނަމަވެސް މިއަދު ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލި އިރު، އުސޫލުގައި ވަނީ މާލޭގައި ރަށްވެހިކަން ނެތަސް އަދި ރަށްވެހިކަން އޮވެ ރަށްވެހިކަން އޮންނަތާ 15 އަހަރު ނުވިއަސް 100 ފްލެޓަކަށް ކުރިމަތިލެވޭ ގޮތަށެވެ. އެކަމަކު މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައި ވުމަކީ ޝަރުތެކެވެ.
އެކަން އިއުލާނުކުރިތާ ގިނައިރުތަކެއް ނުވަނީސް ފްލެޓު ލިބޭ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ބައެއް ފަރާތްތަކަށް ގުޅަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އެކަމާ ގުޅިގެން އެޗްޑީސީން ބުނީ ވިނަރެސް ފްލެޓާ ގުޅޭ އެއްވެސް ކަމެއް އެ ކޯޕަރޭޝަނުން ނުގުޅާނެ ކަމަށެވެ. އަދި އެ ފްލެޓާ ގުޅޭ ހުރިހާ މުއާމަލާތެއް ކުރާނީ ރަސްމީ ލިޔެކިޔުމުން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން، ވިނަރެސްއިން ފްލެޓް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް މޮކްއަޕް އެޕާޓްމަންޓް ބެލުމުގެ ފުރުސަތު ލިބޭނީ އެކަމަށް ކަނޑައެޅިފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ ކޯޕަރޭޝަން ބުނެފައިވެ އެވެ.
ވިނަރެސްއަކީ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން އެޗްޑީސީން ކުރިޔަށް ގެންދާ "މިކްސްޑް ރެޒިޑެންޝަލް ކޮމްޕްލެކްސް" ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްއެކެވެ.
އެއީ މެދު މިނުގެ ފުދުންތެރިކަން ހުރި އާއިލާތަކަށާއި ފަންނީ ވަޒީފާތަކުގައި އުޅޭ މީހުންނަށް އަމާޒުކޮށްގެން، ފިނިޝިންއާއި އިންޓީރިއާ ނިންމާފައި ހަވާލުކުރާ ފެންވަރު ރަނގަޅު ފްލެޓްތަކެއް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ވިނަރެސް ފްލެޓުތައް މިވީހާ ދުވަހަކަށް އާންމުންނަށް ވިއްކަން ހުޅުވާ ނުލާ އޮތީ، ހިޔާ ފްލެޓުތައް ދޫކޮށްލި މީހުންނަށާއި ގުޅީފަޅުން ފްލެޓް ގަތް މީހުންނަށް ފުރުސަތު ދިނުމަށެވެ.
މި އަހަރުގެ ޖުލައި މަހަށް ނިންމަން އަމާޒު ހިފާފައިވާ މި ފްލެޓްތަކަށް ހިޔާ ފްލެޓުތައް ދޫކޮށްލި މީހުންނަށާއި ގުޅީފަޅުން ފްލެޓް ގަތް މީހުންގެ ތެރެއިން ކުރިމަތިލީ 288 މީހުން ކަމަށް އެޗްޑީީސީން ބުނެފައިވެ އެވެ.












