ވިކްޓަރީ ސްޕޯޓްސް ކްލަބަކީ ކުޅިވަރު ކްލަބެއް ކަމަށާއި އެ ޓީމުގެ ކަންކަމާ ހަވާލުވީ ކުޅިވަރުގެ މަސައްކަތެއް ކުރަން ކަމަށްވާއިރު، އެ ކްލަބްގެ ފަހަތުގައި ސިޔާސީ އިންތިހާބަކާ ގުޅޭ ކަމެއް ނެތް ކަމަށް އެ ކްލަބްގެ ރައީސް ހުސެއިން އާދަމް (އާދަމްބެ) ވިދާޅުވެއްޖެ އެވެ.
ވިކްޓަރީ ގެ ޗެއާޕާސަނަކަށް އެންމެ ފަހުން ހުންނެވި، ޑރ. އިބްރާހިމް ނާޝިދު (ނާޝް) އާއި ބޯޑުގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވުމުން، މިދިޔަ އޭޕްރީލް މަހު ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައި، ރައީސަކަށް އައީ، މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި، އާދަމްބެ އެވެ. އޭނާ ވަނީ 1980ގެ އަހަރުތަކުގެ ތެރޭގައި ވިކްޓަރީ އަށް ކުޅެފަ އެވެ.
ކުޅުންތެރިންގެ މުސާރަ ނުދިނުމާއި އެޑްމިނިސްޓްރޭޓިވް ގިނަ މައްސަލަތަކުގެ ސަބަބުން އެފްއޭއެމުން 2019 ވަނަ އަހަރު ފުޓްބޯޅައިގެ ހަރަކާތްތަކުން ވިކްޓަރީ އޮތީ ސަސްޕެންޑް ކޮށްފަ އެވެ. އެ ސަސްޕެންޝަނުން ވިކްޓަރީ ސަލާމަތްވުމުގެ ރަސްމީ ހުރިހާ މަރުހަލާއެއް ނިމޭނީ ދެން އޮންނަ އެފްއޭއެމް ކޮންގްރެސްގައި ކްލަބްތަކުން އެ ގޮތަށް ފާސްކުރުމުންނެވެ.
ވިކްޓަރީގެ ބޯޑުގައި އާދަމްބެގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ހިމެނިވަޑައިގަންނަވަ އެވެ. ގިނަ ބަޔަކު ތުހުމަތު ކުރަމުން އަންނަ އެއް ކަމަކީ، ވިކްޓަރީގެ އާ ބޯޑުގެ ފަހަތުގައި އޮތީ ސަރުކާރުގެ ބައިވެރިވުން ކަމަށާއި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ފަހު ވިކްޓަރީގެ މިހާރުގެ ހިންގާ ބޯޑު ބައިބައިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިއަދު ބޭއްވި ވިކްޓަރީގެ އިވެންޓްގެ ތެރެއިން ޕަކީރު(ކ) އާއި އާދަމްބެ (ވ) ސަލާމްކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން އާދަމްބެ ވިދާޅުވީ ވިކްޓަރީގައި "ހަމައެކަނި އޮތީ ކުޅިވަރު ކްލަބެއްގައި އޮންނަން ޖެހޭ ކަންކަން" ކަމަށެވެ.
"ތި ކަހަލަ ސުވާލެއް މިހާކަށް ނޫނީ ކުރީގެ ކުޅުންތެރިއަކަށް ކުރިމަތިވެދާނެ. އަޅުގަނޑުމެން ކުރިމަތިލީ ވިކްޓަރީ ބޯޑުގެ އިންތިހާބަށް، އެ އިންތިހާބު ނޫނިއްޔާ އިންތިހާބެއްގެ ވާހަކަ ނުދައްކަން، މިއީ ކުޅިވަރު ކްލަބެއް، އެހެންވީމަ ބޯޑުގެ އިންތިހާބު ކާމިޔާބު ކުރެވިއްޖެ، އެ އަށް ފަހު ބޯޑުގެ މަސައްކަތްތައް މި ދަނީ، ކުޅިވަރުގެ ކޮންމެ މަރުހަލާއެއްގައި އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރު މި ހުންނަނީ،" މިއަދު މެންދުރު ސޯލްޓް ކެފޭގައި ބޭއްވި އިވެންޓްގެ ތެރެއިން .ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި އާދަމްބެ ވިދާޅުވި އެވެ.
ވިކްޓަރީން ވަނީ އެ ކްލަބުން ދޭން ޖެހޭ ދަރަނިތައް ހަމަޖައްސައި، ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ދިނުމުގެ ކަންކަން ހަމަޖައްސަން އެފްއޭއެމަށް ފައިސާ ދީފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ވިކްޓަރީގެ މި ވަގުުތު ދައްކަން ޖެހޭ ދަރަނި އުޅެނީ އަށް ލައްކަ ރުފިޔާއާ ގާތްކުރާ އަދަދަކަށެވެ.
ވިކްޓަރީގެ ދަރަނީގެ ގޮތުގައި މިހާރު މި އޮތް ބޯޑުން ހަމަޖައްސާފައިވަނީ ކިހާ ފައިސާއެއްތޯ އެހުމުން އާދަމްބެ ވިދާޅުވީ ވިކްޓަރީ ކަހަލަ "ބޮޑު ކްލަބެއް"ގެ އެކި އިރުތަކުގެ ދަރަނި އޮންނާނެ ކަމަށާއި މި ވަގުތަށް އެނގެން އޮތް މިންވަރު މިހާރު ހަމަޖައްސާފައިވާނެ ކަމަށެވެ.
"ދަރަނި ވީމަ ކުއްލިއަކަށް ސީދާ އެ އަދަދުތަކެއް ދަންނަވަން އުނދަގޫ، އެކަމަކު، މި ވަގުތަށް މި ކްލަބްގެ ކަންކަން މި ހުރީ ހަމަޖެހިފައި،" އާދަމްބެ ވިދާޅުވި އެވެ.
ވިކްޓަރީން ވަނީ އެ ޓީމުގެ ކޯޗަކަށް ސްރީ ލަންކާގެ ކޯޗު ޕަކީރު އަލީ ހަމަޖައްސައިފަ އެވެ. ރާއްޖޭގެ ޓީމުތަކަށް ކުރިން ކޯޗުކޮށްދިން ޕަކީރު، ވިކްޓަރީގެ ކޯޗަކަށް ގެނައީ އަންނަ މަހު ކުރީކޮޅުގައި ފަށާ ދެ ވަނަ ޑިވިޝަނުގައި ވާދަކުރުމަށެވެ.
ވިކްޓަރީން މާދަމާރޭ ޕްރެކްޓިސް ފެށުމަށް މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމުގެ ހަރަކާތްތައް ފެށޭ ވަރަށް، ސަސްޕެންޝަން އުވާލުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވޭތޯ އެހުމުން އާދަމްބެ ވިދާޅުވީ ކަންކަން ހުރީ ކްލަބް ކުރިއަށް ދެވޭނެ ގޮތަށް ހަމަޖެހިފައި ކަމަށެވެ.
"ސަސްޕެންޝަނާ ގުޅިގެން ހުރި ވަރަށް ގިނަ ބޮޑެތި ކަންތައްތަކެއް މިހާރު ވަނީ ހައްލުވެފައި. ސަސްޕެންޝަނުގެ ކަންކަން އަޅުގަނޑުމެން ހަނދާން ވެސް ނައްތައިލައިފިން ހަގީގަތުގައި،" އާދަމްބެ ވިދާޅުވި އެވެ.
ވިކްޓަރީގެ މެނޭޖަރު އަދި ކުރީގެ ކޯޗު މުހައްމަދު އާދަމް ބުނީ އެ ކްލަބްގެ ތަމްރީންތައް ބޭނުންވާ ގޮތަށް ގެންދިއުމަށް މި މަހު 10 ވަނަ ދުވަހު ޓްރެއިނިން ކޭމްޕެއް ދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ކޭމްޕް ދިއުމަށް ހަމަޖެހިފައިވަނީ ޅ. ހިންނަވަރަށް ކަމަށް މުހައްމަދު ބުންޏެވެ.
ހިންނަވަރަށް ކޭމްޕް ދާން ނިންމީ ކީއްވެތޯ އެހުމުން މުހައްމަދު ބުނީ ވިކްޓަރީން ބޭނުންވާ ވަސީލަތްތައް ހަމަޖެހިފައި އޮތް އެންމެ ރަނގަޅު ރަށަކަށް މި ވަގުތު އޮތީ ހިންނަވަރު ކަމަށެވެ. އަދި އެ ރަށުގެ 70 ޕަސެންޓް މީހުން ސަޕޯޓްކުރަނީ ވިކްޓަރީ އަށް ކަމަށްވާތީ، ކްލަބަށް ހުރިހާ ގޮތަކުން ރަނގަޅު މާހައުލެއްގައި ކަންކަން ކުރަން ފަސޭހަވާނެ ކަމަށް މުހައްމަދު ވަނީ ބުނެފަ އެވެ.












