ކ. ތިލަފުށީގެ އެތެރެފަޅުގައި ހުރި އުޅަނދުތައް ނެގުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން 30 ދުވަހުގެ މުއްދަތެއް މިއަދު ދީފި އެވެ.
ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)އާއި އެޗްޑީސީ އެއްކޮށްލުމާ ގުޅިގެން ތިލަފުއްޓާއި ގުޅީފަޅު މިހާރު ބަލަހައްޓަމުން އަންނަނީ އެ ކޯޕަރޭޝަނުންނެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ތިލަފުށީގެ އާންމު ސަރަހައްދުތަކުގައި ހުއްދަނެތި ބަހައްޓާފައިވާ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުތައް ނެގުމަށް ތަކުރާރުކޮށް މީގެ ކުރިން އެންގިފައިވާ ކަމަށެވެ.
"އެ އުޅަނދުތައް އެ ސަރަހައްދުން ނަގާފައި ނުވުމުގެ ސަބަބުން، މި ކޯޕަރޭޝަނުން އަދި ސަރުކާރުން ކ. ތިލަފުށީގައި ހިންގަން ޕްލޭންކޮށްފައިވާ ޕްރޮޖެކްޓުތައް ހިންގުމަށް ހުރަސް އެޅި، އަދި އެ އުޅަނދުތައް އެ ސަރަހައްދަށް އަޑިއަށް ގޮސްފައި ހުރުމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން،" އެޗްޑީސީން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.
އެޗްޑީސީން ބުނީ ދީފައިވާ މުއްދަތުގައި ނުނަގާ ތަކެތި، އެ ކޯޕަރޭޝަނުން ނަގައި ނައްތާލާނެ ކަމަށެވެ.












