މި މަހު އުޒްބެކިސްތާންގައި ކުރިއަށްދާ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ވާދަކުރަން ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑުން ކްލަބް ވެލެންސިއާގެ މިޑްފީލްޑަރު، ހަަސަން ސުފިޔާން އާއި އީގަލްސްގެ ގޯލްކީޕަރު ހަސަން އަލީފް އިބްރާހިމް އަށް ފުރުސަތު ދީފި އެވެ.
ކޮލިފައިންގައި ވާދަކުރާ ގައުމީ ޓީމުގެ 23 ކުުޅުންތެރިންގެ ސްކޮޑު މިއަދު ހެނދުނު ވަނީ އުޒްބެކިސްތާނަށް ދިއުމަށް ދަތުރު ފަށައިފަ އެވެ. ކޮލިފައިންގައި ރާއްޖެ ކުޅެން ޖެހޭނީ އުޒްބެކިސްތާންގެ އިތުރުން ތައިލެންޑާއި ސްރީ ލަންކާ އެވެ. ލަންކާ ޓީމު މި ވަގުތު ތިބީ ގަތަރުގައި ކޭމްޕް ކޮށްގެންނެވެ.
ގައުމީ ޓީމުގެ ޕްރެކްޓިސް މިދިޔަ މަހު 17 ގައި ފެށީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިން ނުލަ އެވެ. އެއީ އޭރު މާޒިޔާ ޓީމު ތިބީ އިންޑިއާގެ ކަލްކަތާގައި އޭއެފްސީ ކަޕްގެ މެޗުތަކުގައި ވާދަކުރަން ކަަމަށްވާތީ އެވެ.

ގައުމީ ޓީމުގެ 22 ކުޅުންތެރިންނާއި އޮފިޝަލުން މިއަދު ހެނދުނު ބަސް ޓާމިނަލުގައި ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މާޒިޔާ ކުޅުންތެރިން ޕްރެކްޓިހާ ގުޅުމުގެ ކުރިން ގިނަ އާ ކުޅުންތެރިންނަށް ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ ފުރުސަތު ދީފަ އެވެ. އަދި އޭގެ އިތުރުން ވެސް އާ ކުޅުންތެރިން ޓެސްޓް ކުރުމުގެ ގޮތުން މޮރިއޭރޯ ވަނީ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފަ އެވެ. މި ފަހަރު ޕްރެކްޓިހުގައި ބައިވެރިވި ކުޅުންތެރިންގެ ތެރޭގައި އީގަލްސްގެ ހުމެއިދު ހުސެއިން، ޒައިން ޒަފަރު، ވެލެންސިއާގެ އަހުމަދު ސިޒާން (ސިއްޕެ)، ކްލަބް އީގަލްސް އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ހިމެނެ އެވެ.
މި ފަހަރު ފުރުސަތު ތިން ސުފިޔާން، 32، އަންނަނީ މި ސީޒަނުގައި ވެލެންސިއާ މެދު ތެރޭގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، ސުފިޔާން ވަނީ ޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މެދުކެނޑުމަކަށް ފަހު ފުރަތަމަ ޑިވިޝަނުގައި ކުޅެން ފަށައި، އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓި ކުޅުންތެރިންގެ ތެރޭގައި ސުފިޔާން ހިމެނެ އެވެ.
ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުން ފާހަގަވި އަލީފް، އީގަލްސް ސީނިއާ ޓީމަށް ކުޅެން ފުރުސަތު ލިބުނީ އެ ޓީމުގެ ގޯލު ބަލަހައްޓަމުން އައި، ލެބަނަންގެ ގޯލްކީޕަރު، މުހައްމަދު ތަހާ ދޫކޮށްލުމުންނެވެ. އީގަލްސް އިން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް އެ ޓީމުގެ ގޯލު ބެލެހެއްޓީ ކީޕަރު އަލީފް އެވެ.
މި ފަހަރުގެ ސްކޮޑުން ބޮޑު ބަދަލެއް އައީ ކީޕަރުންގެ މަގާމަށެވެ. އެންމެ ފަހުން ގިނަ ފަހަރުތަކެއްގެ މަތިން ސްކޮޑުގައި ހިމެނުނު ގޯލްކީޕަރު، މުހައްމަދު ޝަފީއު (ޗެކް) އާއި ހަސަން ތޮލާލް (ޓޮޕްލަކް) އަށް މި ފަހަރު ޖާގައެއް ނެތެވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން މި ސީޒަނުގައި ކުޅުނު ހުރިހާ މެޗެއްގައި ގޯލު ބެލެހެއްޓި ޝަފީއު އާއި ދާދި ފަހުން ވެލެންސިއާގެ ގިނަ މެޗުތަކެއްގައި އެ ޓީމުގެ ގޯލަށް ކުޅުނު ޓޮޕްލަކް ސްކޮޑުގައި ނެތްއިރު، އަލީފާއި ކީޕަރު ފައިސަލްގެ އިތުރުން ދެން ސްކޮޑުގައި ހިމަނާފައިވަނީ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) އެވެ. ހުސެން މި ސީޒަނުގައި މާޒިޔާގެ މެޗެއްގައި ކުޅެފައިނުވާއިރު، އަނިޔާގެ ސަބަބުން ގިނަ ފަަހަރުތަކެއްގެ މަތިން ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.

ގައުމީ ޓީމުގެ ކުުޅުންތެރިން މިއަދު އުޒްބެކިސްތާނަށް ފުރުމުގެ ކުރިން ބަސް ޓާމިނަލުގައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ސްކޮޑުން ދެން ފުރުސަތު ލިބުނު ކުޅުންތެރިންނަށް ބަލާއިރު، އަނިޔާއިން ރަނގަޅުވެގެން އެނބުރި އައި އަލީ ފާސިރު (ސެންޓޭ) އާއި ބްރޭކަކަށް ފަހު ޓީމަށް ނެގި މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ހިމެނެ އެވެ.
މާޗް މަހު، ބަންގްލަދޭޝާ ދެކޮޅަށް މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗަށް ނެގި ސްކޮޑުގައި ހިމެނުނު، އީގަލްސްގެ އަހުމަދު ހަސަން (އައްމަޑޭ)، ސްކޮޑުގައި ޖާގަ ދެމެހެއްޓިއިރު، ކްލަބް ގްރީން ސްޓްރީޓްސްގައި މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އައި ހަސަން ނަޒީމް ގާސިމް (ޗޯޓު) ސްކޮޑުގައި ނުހިމެނެ އެވެ. އަދި ފަހަކަށް އައިސް ގަވާއިދުން ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ހޯދަމުން އައި، މާޒިޔާގެ އަސަދުﷲ އަބްދުﷲ ވެސް މި ފަހަރު ޓީމުގައި ނެތެވެ.
ކޮލިފައިން ގްރޫޕް ސްޓޭޖަށް ނެގި ރާއްޖޭގެ ގައުމީ ޓީމުގެ ފައިނަލް ސްކޮޑު:
މާޒިޔާ (11 ކުޅުންތެރިން): ހުސެއިން ޝަރީފް (ހުސެން)، ސަމޫހު އަލީ (ސަމުއްޓެ)، އިބްރާހިމް އައިސަމް، ހަސަން ޝިފާޒް (ޑުންގާ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ހުސެއިން ނިހާން (ނިހާޓް)، ހަމްޒާ މުހައްމަދު (ހަމްޕު)، ނާއިޒު ހަސަން (ދާދު)، ހައިޝަމް ހަސަން (ބިޑި). އަކުރަމް އަބްދުލް ގަނީ (އަކޫ).
ވެލެންސިއާ (6 ކުޅުންތެރިން): މުހައްމަދު ފައިސަލް، މުހައްމަދު އުމެއިރު، އަލީ ފާސިރު (ސެންޓޭ)، ހަސަން ސުފިޔާން، އަމްދާން އަލީ (އެންޑީ)، އަބްދުﷲ ޔާމީން (ޔާނު)
ކްލަބް އީގަލްސް (5 ކުޅުންތެރިން): ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަހުމަދު ނޫމާން (ހެލްމެޓް)، ހަސަން އަލީފް އިބްރާހިމް، އަހުމަދު ހަސަން (އައްމަޑޭ).
ކްލަބް ގްރީން ސްޓްރީޓްސް (1 ކުޅުންތެރިއެއް): މުހައްމަދު ސާއިފް
ކޮލިފައިންގައި ރާއްޖޭގެ މެޗުތައް
ކޮލިފައިންގައި ރާއްޖޭން ކުޅޭ މެޗުތައް އޮތީ ފުރަތަަމަ ޖޫން އަށް ވަނަ ދުވަހު ތައިލެންޑާ ދެކޮޅަށް ކުޅުމަށް ފަހު 11 ވަނަ ދުވަހު އުޒްބެކިސްތާނާ ބައްދަލުކުރުމަށް ފަހު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 14 ވަނަ ދުވަހު ލަންކާއާ ގުޅޭގޮތަށެވެ.
އޭޝިއަން ކަޕްގެ ކޮލިފައިން ހަ ގްރޫޕުގެ އެއް ވަަނަ ޓީމާއި ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖާގަ ލިބޭނެ އެވެ.
މިހާރު އޮތްގޮތުން އޭޝިއަން ކަޕް ކުރިއަށްދާނީ 2023 ވަނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 ގެ ނިޔަަލަށެވެ. ކޮވިޑާ ހެދި ޗައިނާގައި މުބާރާތް ހޯސްޓް ނުކުރެވޭނެކަން، އެ ގައުމުން ވަނީ އޭއެފްސީ އަށް އަންގައިފަ އެވެ. މުބާރާތް ބާއްވާނެ ގައުމެއް ކަނޑައެޅުމުގެ މަސައްކަތް އޭއެފްސީން އަންނަނީ ކުރަމުންނެވެ.












