ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރަން ތްރީލައިން ވިޕެއް ނެރެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފި އެވެ.
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގައި ނެގި ވޯޓުގައި ފަނޑިޔާރު ވަކިކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ ތެރެއިން 29 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕަކީ 65 މެންބަރުން ތިއްބަވާ ގްރޫޕެކެވެ.
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން މި ގޮތަށް ވިޕްލައިނެއް ނެރެން ނިންމިއިރު، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އޮތީ ޖޭއެސްސީން ފަނޑިޔާރު ވަކިކުރީ އިޖުރާއަތްތައް ފުރިހަމަނުކުރާ ކަމަށް ނިންމައިފަ އެވެ. އެ ރިޕޯޓަށް އަންނަ ހޯމަ ދުވަހު ވޯޓަށް އަހަން ވަނީ ނިންމައިފަ އެވެ.
އެހެން ވިޔަސް މައްސަލާގައި ކުރިއަށް ގެންދިޔަ އިޖުރާއަތްތައް ޖުޑީޝަލް ސާވިސް ކޮމިޝަނުން ދިފާއުކުރެ އެވެ. އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ފަނޑިޔާރަށް ހައުސިން ހަމަޖެއްސީ ދައުލަތުން ބަލާ އާންމު އުސޫލުން ބޭރުންނެވެ.
މި މައްސަލާގައި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވެސް ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. ރައޫފް ވަނީ އިއްޔެގެ ވަގުތެއްގައި އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ޖޭއެސްސީއަށް މައްސަލަ ހުށަހެޅިއިރު އޭގައި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ވެސް ހިމެނެ އެވެ. ނަމަވެސް, އެ ކޮމިޝަނުގައި ސުލޫކީ މައްސަލަ ކުރިއަށް ދަނިކޮށް އަލީ ސަމީރު މަގާމުން އިސްތިއުފާ ދެއްވީ އެވެ. އޭގެ މާ ދުވަހެއް ނުވެ އޭނާ ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ހަމަޖައްސައިފަ އެވެ.












