ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމިއިރު އޮތް ހާލަތަށް ބަދަލެއް ނާންނާތީ ބަންދުގެ އަމުރު ދަމަހައްޓަން ކޯޓުން މިއަދު ނިންމައިފި އެވެ.
ގއ. ވިލިނގިލި, ލައިޓް ހައުސް, ޝަހީބް އިބްރާހީމް އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާގެ ބޭސްފަރުވާގެ ކަންކަމުގައި އިހުމާލުވާ ކަމަށް ފެންނާތީ ކަމަށް ބުނެ ބަންދަށް ދެ މަސް ދުވަހުގެ މުއްދަތަކަށް ލުޔެއް ދޭން ކްރިމިނަލް ކޯޓުން ކުރިން ނިންމި ނިންމުން ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
ހައިކޯޓުގެ އެ ގަޒިއްޔާއަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ އެ ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ނިންމެވީ ޝަހީބްއާއި އަހްމަދު މޫސާ ވެސް ބަންދު ކުރި އެއްވެސް ސަބަބަކަށް ބަދަލެއް އައިސްފައި ނެތުމުން ކުރިން ކޯޓުން ނެރުނު ބަންދު އަމުރު ދެމެހެއްޓުމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ޝަކީލް ވިދާޅުވީ ދެން އަޑުއެހުމެއް ބާއްވަނީ މި މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. އެ އަޑުއެހުމުގައި ޝަރީއަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އަރުވާނެ ކަމަށް ވިދާޅުވި އެވެ.
ބޭސްފަރުވާގެ ކަންކަން ސާފު ކުރާނަން: އިސް ގާޒީ
މިއަދުގެ އަޑުއެހުމުގައި ވެސް ޝަހީބުގެ ފަރާތުން ވަނީ ބޭސްފަރުވާގެ ކަންކަން ހަމަނުޖެހޭ ކަމުގެ ޝަކުވާ ކޮށްފަ އެވެ. އޭނާއަށް ދިން ފުރުސަތުގައި ބުނީ، ބުރަކަށީގެ ފަސް ބަދަ ގުޑާފައިވާ ކަން ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

ފަރުވާގެ ބޭނުމަށް ކަސްރަތު ކުރުމަށާއި ފެތުމަށާއި ފިޒިއޯ ތެރަޕީ ތިން މަސް ދުވަހަށް ގެންދަން ލަފާ ދީފައި އޮތް ނަމަވެސް އެއިން ކަމެއް ވެސް ހަމަޖެހިފައި ނެތް ކަމަށް ޝަހީބު ބުންޏެވެ. ފިޒިއޯ ތެރަޕީއެއް ލިބުނީ ވެސް ޝަރީއަތަށް ދުވަސްކޮޅެއް ވުމުން ކަމަށް އޭނާ ބުންޏެވެ.
އަހްމަދު މޫސާއަށް ދިން ފުރުސަތުގައި އޭނާ ވެސް ބުނީ ޑޮކްޓަރަށް ދައްކަން ޖެހޭ ދުވަސްތައް ހިމެނޭ ލިޔުންތައް ކަރެކްޝަންސްއަށް ދިން ނަމަވެސް އެ ދުވަހަކަށް އެ އިންތިޒާމު ހަމަނުޖެހޭ ކަމަށެވެ. އެންމެ ފަހުން ދިން ތާރީހު ފަހަނައަޅާ ދިޔަ ފަހުން ވެސް މަސް ދުވަސް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ހައިކޯޓުގެ ގަޒިއްޔާއަށް ރިޔާއަތްކޮށް ދައުލަތުގެ ވަކީލު ފަރަހަނާޒް މުހައްމަދު ދީދީ ވިދާޅުވީ ބަންދު މުރާޖައާގެ އަޑުއެހުމެއްގައި ބޭސްފަރުވާގެ ވާހަކަތައް ނުދެއްކޭނެ ކަމަށެވެ.
އެ ނުކުތާގެ ރައްދުގައި ދިފާއީ ވަކީލުން ބުނީ ހައިކޯޓުގެ ނިންމުމުގައި ވަނީ ބަންދު ކުރުމުގައި ގާނޫނުގައި ބަލަން އޮންނަ ސަބަބުތަކުގެ ބޭރުން ބޭސްފަރުވާގެ ކަންކަން ނުބެލޭނެ ވާހަކަ ކަމަށެވެ.
ނަމަވެސް ބަންދުގައި ތިބި ބަޔެއްގެ ބޭސްފަރުވާގެ ކަންކަމަށް އިހުމާލުވެގެން ދާނަމަ ޝަރީއަތުން އެ ކަމަށް އިރުޝާދެއް ދިނުމުގެ އިހްތިޔާރަށް އެއްވެސް ހުރަހެއް ނޭޅޭ ކަމަށް ދިފާއީ ވަކީލުން ފާހަގަ ކުރި އެވެ.
ދެ ފަރާތުން ދެއްކި ވާހަކައަށް ރިއާޔަތް ކުރުމަށް ފަހު ގާޒީ ވެސް ނިންމެވީ ޝަރީއަތަށް އެ ކަންކަން ސާފު ކުރެވޭނެ ކަމަށެވެ. އަދި ދެން އޮންނަ އަޑުއެހުމަކަށް ކަރެކްޝަންސް އިން އެ ކަންކަން ސާފު ކުރުމަށް ފަހު ދައުލަތުން ޖަވާބުދާރީވާން ގާޒީ އެންގެވި އެވެ.
ހެކިތައް ބަލައިނުގަންނަން ދެ ފަރާތުން ހުށަހެޅި
ދައުލަތުން ހުށަހެޅީ ޝަހީބުގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ތިން ހެކިން ބަލައިނުގަތުމަށެވެ. މި ހެކިންނަކީ ހާދިސާ ހިނގި ތަނުގައި ޝަހީބު ނެތް ކަން ސާބިތު ކުރަން ހުށަހެޅި ހެކިތަކެއް ގޮތުގައި ދައުލަތުން ބުންޏެވެ. އެހެން ނަމަ، ތަހުގީގު މަރުހަލާއިން ފެށިގެން އެކަން ދިފާއުގައި ފާހަގަ ކުރަން ގާނޫނުގައި އޮންނަ ކަން ދައުލަތުން ފާހަގަ ކުރި އެވެ.
ދިފާއުގައި ޝަހީބުގެ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ އެ ހެކިތަކަކީ މަސްތުވާތަކެތި އުފުލި ދޯންޏާއި ޝަހީބާ އެއްވެސް ގުޅުމެއް ނެތް ކަން ސާބިތު ކުރަން ހުށަހެޅި ހެކިތަކެއް ކަމުގަ އެވެ. އެއީ ކޮންމެހެން ހާދިސާ ހިނގި ތަނުގައި ނެތް ކަން ސާބިތު ކުރަން ހުށަހެޅި ހެކިތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރަށް ޝަހީބުގެ ފަރާތުން ވެސް ހުށަހެޅީ ދައުލަތުގެ ގިނަ ހެކިތައް ބަލައިނުގަތުމަށެވެ. މިގޮތުން ގިނަ ހެކިތަކަކީ މައްސަލައިގެ އާންމު މައުލޫމާތު އެކަނި ހުރި ހެކިތަކަކަށް ވާތީ, އެ ހެކިތައް ހާޒިރުކޮށްގެން މައްސަލައާ ޝަހީބާ އޮތް ގުޅުމެއް ސާބިތު ކުރާނެ ކަމެއް ނެތް ކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ. އޭގެ ސަބަބުން ޝަރީއަތުގެ ގިނަ ވަގުތުތަކެއް ވެސް ގެއްލިގެންދާ ކަމަށް ވިދާޅުވި އެވެ.
މީގެ ރައްދުގައި ދައުލަތުގެ ވަކީލު ފަރަހަނާޒް ވިދާޅުވީ ދައުލަތުން ހުށަހެޅި ކޮންމެ ހެއްކަކީ އެއް ހެކީގެ ބަހާއި އަނެއް ހެކީގެ ބަހާއި ގުޅުވާލައިގެން ޝަހީބު އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަން ސާބިތު ކުރަން ހުށަހެޅި ހެކިތަކެއް ކަމަށެވެ. އެހެންކަމުން ހެކިތައް މި މަރުހަލާގައި ބަލައިގަނެ ހެކިބަސްތައް ނެގެން ޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.













