ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު (ޝާޑު)އާ އަނިޔާވެރި އަމަލު ހިންގީ ގަސްތުގައި ކުރިއާލާ ރާވައިގެން ކަމަށް ދޭހަކުރުމަށް ހ. ބައިކަނޑިގޭ, މަރިޔަމް ނަޒާހާގެ ކުރީގެ މެސެޖްތަކެއް ނެރެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެކަމާ ނަޒާހާގެ ފަރާތުން އިއުތިރާޒުކޮށްފި އެވެ.
ނަޒާހާގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމްގެ އެންމެ މަތީ މަރުހަލާގެ އިސްތިއުނާފީ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު, މައްސަލާގައި ދައުލަތުން ވަނީ ތިން ސީޑީއެއް ހުށަހަޅާފަ އެވެ. އޭގައި ނަޒާހާގެ ބަޔާނާއި މެސެޖްތަކެއް ހުއްޓެވެ. އެ ސީޑީތައް މި މަރުހަލާގައި ހެކީގެ ގޮތުގައި ހުށަހަޅަން ފުރުސަތު ދީގެން ނުވާނެ ކަމަށް ނަޒާހާގެ ވަކީލް މަރިޔަމް ނިހާޔަތު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް, އިސްތިއުނާފީ ނުކުތާތައް ރައްދުދިނުމުގެ ގޮތުން ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވަނީ މެސެޖްތައް ފާހަގަކޮށް, އޭގެ ދޭހަ ކުރެވޭ މާނަ ޝަރީއަތުގެ މަޖިލީހަށް ކިޔައިދެއްވާފަ އެވެ. އެގޮތުން, ނަޒާހާ އާއި ޝާހިދުއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖްތަކުން ޝާހިދު ރުޅި އައުމުން ނަޒާހާ އުފާވާކަން އެނގޭ ކަމާއި, އަދި ދަރިފުޅާއެކު ނަޒާހާ ތަންތަނަށް ގެންގޮސް އޭނާ ބޭނުންވާ ތަކެތި ގަނެދިނުމަށް އެދެމުންދިޔަކަން ވެސް އެނގޭ ކަމަށެވެ. އެ މެސެޖްތަކުން އެ ދެ މީހުންގެ ދެމެދު އޮތް ގުޅުން އެނގޭކަން ވަކީލް ފާހަގަކުރެއްވި އެވެ.
ދައުލަތުގެ ވަކީލް ފާހަގަކުރެއްވި ގޮތުގައި, ޝާހިދަށް ހަމަލާދިނީ ވެސް ދަރިފުޅާ ގުޅޭ މައްސަލައެއްގަ އެވެ. އެގޮތަށް އެކަން ފާހަގަކުރަނީ ކީއްވެގެންތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމާއެކު, ދައުލަތުގެ ވަކީލް ވިދާޅުވީ ހަމަލާ ދިނުމުގެ ކުރީ ދުވަހު, ދަރިފުޅު ގެންގޮސް ޝާހިދުގެ ގެއަށްލި ކަމަށާއި އެ ދަރި އަނބުރާ ނަޒާހާއަށް ހަވާލުކުރުމަށް ޝާހިދުގެ ފަރާތުން ކޯޓަށް ދިޔަ އެވެ. ހާދިސާ ހިނގީ އެ މައްސަލާގެ ޗިޓް ނަޒާހާއަށް ހަވާލުކުރުމަށް ދިޔުމުންކަން ވަކީލް ފާހަގަކުރެއްވި އެވެ.
ޝާހިދަށް, ނަޒާހާ ހަމަލާދިނީ ފެށުނީންސުރެ އޭނާއަށް ލިބެމުންދިޔަ ގެވެށި އަނިޔާތަކުގެ ސަބަބުން ކަމާއި އެއީ, ގަސްދުގައި ނަޒާހާ އަމާޒުކުރި ހަމަލާއެއް ނޫން ކަމަށް އޭނާ ދިފާއުގައި ދަނީ ބުނަމުންނެވެ. ގެވެށި އަނިޔާގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކޮށް, އަދި ހަމަލާދިން ދުވަހު ވެސް ޖިންސީ ގޮތުން ވެސް އަނިޔާ ދޭނެ ކަމަށް ޝާހިދު އިންޒާރު ދީފައިވުމުން, ވަޅިއަކުން އޭނާގެ ބުރަކައްޓަށް ހަމަލާ ދެވުނީ ބޭއިހްތިޔާރުގައިކަން ނަޒާހާ ފާހަގަކުރެ އެވެ.

ނަޒާހާއަށް އަނިޔާތައް ލިބިފައިވާކަން އޭނާގެ ގައިގާވާ ލަކުނުތަކާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުން އެނގޭކަން ވެސް ފާހަގަކުރި އެވެ. ނަމަވެސް, ނަޒާހާގެ ގެވެށި އަނިޔާގެ ޝިކާރައަކަށްވެ އަމިއްލަ ނަފުސުގެ ދިފާއު ނެގުމާ ދައުލަތުން ދެކޮޅު ހަދަ އެވެ. އެގޮތުން އެކަން ނަފީކުރުމުގެ ގޮތުން ދައުލަތުގެ ވަކީލް މިއަދު ވިދާޅުވި ގޮތުގައި, މައްސަލާގައި ހެކިބަސް ދީފައިވާ މީހުންގެ ހެކި ބަހުން ވެސް ނަޒާހާއަކީ ހިތްހަމަނުޖެހޭ ފަހަރުތަކުގައި ސްކޫލް ދައުރުން ފެށިގެން ވެސް ކަޓަރު އެޅުން ފަދަ ކަންކަމުން އަމިއްލަ ނަފުސަށް އަނިޔާދޭ މީހެއްކަން އެނގޭ ކަމެވެ.
ނަޒާހާގެ ވަކީލް ނިހާޔަތު ވަނީ ދައުލަތުން ވަކި ކަންތައްތަކެއް ދޭހަކޮށްގެން ޝަރީއަތަށް ކިޔައިދޭން މަސައްކަތް ކުރާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ނިހާޔަތު ވިދާޅުވި ގޮތުގައި, ދަށު މަރުހަލާގައި މެސެޖްތައް ދައްކައި, އެކަންކަން ދޭހަކޮށް ދިނުމަށް ދައުލަތުން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން, މި މަރުހަލާގައި އެ ފުރުސަތު ދެވިގެން ނުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ, މައްސަލާގައި ހުށަހަޅާފައިވާ ތަކެތި ބަލައިގަތުމާމެދު ފަނޑިޔާރުން ގޮތެއް ނިންމަވާނެ ކަމަށެވެ. އެއަށްފަހު, ފަނޑިޔާރު ވަނީ ނަޒާހާއާ ބައެއް ސުވާލުތައް ކުރައްވާފަ އެވެ. ޝާހިދުގެ ބުރަކައްޓަށް ހަމަލާދިން އިރު އޭގެ ނަތީޖާއަކީ ކޮބައިކަން އެނގޭތޯ އާއި ހަމަލާދިނީ ބުރަކައްޓައްކަން އެނގޭތޯ އެއްސެވި އެވެ.
އެ ސުވާލަށް ޖަވާބު ދެމުން ނަޒާހާ ބުނީ ހަމަލާ ދެވުނު ތަނެއް ފުރަތަމަ ނޭނގޭ ކަމާއި އޭނާ މަސައްކަތް ކުރީ އަވަހަށް އެތަނުން ދިޔުމަށް ކަމަށެވެ. ހަމަލާ އަމާޒުވީ ބުރައްކަޓަށްކަން އެނގުނީ ފަހުން ކަމަށް އޭނާ ބުންޏެވެ. ނަޒާހާގެ ވަކީލް ނިހާޔަތު ވިދާޅުވި ގޮތުގައި, އަނިޔާއެއް ދިނުމުން އަނިޔާވާނެކަން އެއީ ނަތީޖާކަން އެންމެންނަށް ވެސް އެނގޭނެ ކަމަށާއި ނަމަވެސް, ނަޒާހާ އެ ހަމަލާދިނީ ވަކި ވަރަކަށް ވަކި ގޮތަކަށް ޝާހިދަށް ހަމަލާދީ, އޭގެން ނަތީޖާއެއް ނެރެން ނޫން ކަމަށެވެ. އެ ހަމަލާއަކީ ބޭއިހްތިޔާރުގައި ހިނގައިގެން ދިޔަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. އަދި, އެ މައްސަލަ ފުލުހަށް ރިޕޯޓް ކުރީ ވެސް ނަޒާހާކަން ވަކީލް ފާހަގަކުރެއްވި އެވެ.
ނަމަވެސް, ދައުލަތުން ބުނާ ގޮތުގައި ނަޒާހާ އެކަން ފުލުހަށް އެންގީ ކްރައިމް ސީން ނައްތާލަން މަސައްކަތް ކުރުމަށްފަހު އެވެ. އެގޮތުން ހަމަލާދިން ވަޅި އާއި ލޭ ހޭކިފައިހުރި ބެޑްޝީޓެއް ކޮތަޅަކަށް ލާފައި ފޮރުވި ކަމަށް ދައުލަތުން ބުނެ އެވެ. އަދި ފަހުން ފުލުހުން ބެޑްޝީޓް ހޯދުމުން އެއީ, އޭނާގެ ޕީރިއަޑް ލޭ ކަމަށް ބުނެފައިވާ ކަމާއި ނަމަވެސް, ޑީއެންއޭ ޓެސްޓު ހެދުމުން އެ ލެޔަކީ ޝާހިދުގެ ލޭކަން އެނގިފައިވާކަން ވަކީލް ފާހަގަކުރެއްވި އެވެ. އެކަމުން ވެސް ނަޒާހާގެ ނުނިޔަތެއް އޮތްކަން އެނގޭ ކަމަށް ވަކީލް ވިދާޅުވި އެވެ.
އެކަމަކު, ނިހާޔަތު ވިދާޅުވި ގޮތުގައި ވަޅި ކޮތަޅަކަށްލާ ފޮރުވީ އެ ރައްކާތެރިކުރުމުގެ ގޮތުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ޝާހިދު މަރާލައި, އެ މަރު ފޮރުވުމުގެ އެއްވެސް ނިޔަތެއް ނަޒާހާގެ ނެތް ކަމަށެވެ. ދަށު ކޯޓު މަރުހަލާގައި ވެސް ތަހުގީގުގައި ވެސް ޝާހިދަށް ހަމަލާދެވުނު ކަމަށް ނަޒާހާ އިންކާރު ނުކުރާ ކަމަށެވެ. އޭނާ އިންކާރު ކުރަނީ ގަސްދުގައި މަރާލިކަމަށް އެކަނި ކަމަށެވެ.
ދައުލަތުން ވަނީ ނަޒާހާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވަނީ ވެސް ރަނގަޅަށް ކަމަށް ފާހަގަކޮށްފަ އެވެ. ނަޒާހާގެ ފަރާތުން ވަނީ އޭނާ ފާހަގަކުރި ދިފާއުތަކަށް ރިއާޔަތްކޮށް އޭނާއަށް އާ ގާނޫނުލްއުގޫބާތުގެ ދަށުން ލުއި އަދަބެއް ލިބެންޖެހޭނެކަން ފާހަގަކޮށްފަ އެވެ. އެކަމަކު, ދައުލަތުގެ ވަކީލް މިއަދު ވިދާޅުވި ގޮތުގައި ނަޒާހާގެ މައްޗަށް ހުކުމް އިއްވިިއިރު އާ ގާނޫނުލްއުގޫބާތުގެ ގާނޫނު ފާސްކޮށްފައި އޮތް ނަމަވެސް, އެއަށް އަމަލުކުރަން ނުފަށާ ކަމަށެވެ. އެހެންކަމުން އަމަލުކުރަން ނުފަށާ ގާނޫނެއްގެ މައްޗަށް އަދަބު ކަނޑައެޅޭނެ ގޮތެއް ނޯންނާނެ އެވެ. އޭރު ގާނޫނީ ނިޒާމް އޮތް ގޮތުން ގަސްތު މަރަކީ ކުށެއް ކަމަށް އޮތީ އޭރު އަމަލު ކުރަމުން ދިޔަ ގާނޫނުލްއުގޫބާތާއި ތޫނު ހަތިޔާރުގެ ގާނޫނުގަ އެވެ. ތޫނު ހަތިޔާރު ގާނޫނުގައި ވެސް ގަސްތު މަރުގެ އަދަބެއް ކަމަށް ބަޔާންކޮށްފައިވަނީ ގިސޯސް ނުހިފޭ ހާލަތުގައި 25 އަހަރުގެ ޖަލު ހުކުމެވެ.
އެހެންކަމުން, ނަޒާހާގެ މައްޗަށް އިއްވާފައިވާ ހުކުމް ރަނގަޅު ކަމާއި އެ ހުކުމް ދެމެހެއްޓުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދުނެވެ. ހުކުމް ބާތިލްކޮށްދޭން ނަޒާހާގެ ފަރާތުން އެދިފައިވާއިރު, މި މައްސަލާގައި ދެން ސުޕްރީމް ކޯޓުގައި ބާއްވާނީ އެންމެ ފަހު އަޑުއެހުމެވެ. އެ އަޑުއެހުމުގައި ދެ ފަރާތަށް ވެސް ފަހު ބަސް އިއްވުމުގެ ފުރުސަތު ދޭނެ އެވެ.
މައްސަލައިގެ ހުލާސާ
ނަޒާހާގެ މައްޗަށް މަރުގެ ކުށް ސާބިތުވި ނަމަވެސް, އޭނާގެ މައްޗަށް ދަށު ކޯޓުން މަރުގެ ހުކުމް އިއްވާފައި ނުވަނީ ޝާޑުގެ ވާރިސުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން މީހުން އެކަމަށް އިއުތިރާޒު ކުރުމުންނެެވެ. އެމީހުން ބުނެފައި ވަނީ މަރަށް މަރު ހިފަން ވެސް އަދި ނަޒާހާގެ ފަރާތުން މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށެވެ. އެހެންވެ, ތައުޒީރީ އަދަބެއްގެ ގޮތުން އުމުރު ދުވަހުގެ (25 އަހަރު) ގެ ޖަލު ހުކުމެއް އިއްވީ އެވެ.
ކުރިމިނަލް ކޯޓުން 2010 ވަނަ އަހަރު ކުރި ހުކުމަށް ތާއިދުކޮށް ހައިކޯޓުން ނަޒާހާގެ މައްޗަށް ހުކުމް އައީ 2015 ވަނަ އަހަރު އެވެ. އޭރު އޮންނަ ގޮތުންނަމަ, ހައިކޯޓުގެ ހުކުމެއް އިސްތިއުނާފު ކުރަން ބޭނުންވާނަމަ, 60 ދުވަހުގެ ތެރޭ އެކަމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް, ނަޒާހާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހަ އަހަރު ފަހުން, މިދިޔަ ޖުލައި މަހުގެ ތެރޭ އެވެ. އެހެންވެ, އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމި އެވެ. އެކަމަކު, ރަޖިސްޓްރާގެ އެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ރިވިއުކޮށް، ތާރީހީ ނިންމުމެއްގެ ދަށުން އަދުލު އިންސާފު ފޯރުކޮށްދިނުމަށްޓަކައި ނަޒާހާގެ މައްސަލައަށް ހުއްދަ ދޭން ނިންމި އެވެ.













