މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑު (މިފްކޯ)ގެ އުފެއްދުންތަކުގެ އަގުތައް ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި އެ ކުންފުނީގެ އުފެއްދުންތަކަށް ބޭނުންވާ ރޯ މެޓީރިއަލްސްގެ އަގުތައް އިންތިހާއަށް އުފުލުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރޯދަމަހުގެ ކުރިން ވެސް މިފްކޯގެ އުފެއްދުންތަކުގެ އަގުތައް ބޮޑުކުރަން އުޅޭ ކަމަށް ރިޕޯޓުކުރި އެވެ. ނަމަވެސް، އޭރު އެ ކުންފުނިން ބުނީ އަގު ބޮޑުކުރަން ޖެހިފައިވީ ނަމަވެސް ރޯދަމަހުގެ ތެރޭގައި ކަސްޓަމަރުންނަށް ކުރިން ލިބެން ހުރި އަގުތަކުގައި އެ ކުންފުނީގެ އުފެއްދުންތައް ލިބޭނެ ކަމަށެވެ.
ރޯދަމަހަށް ހާއްސަކޮށް ހިންގި ޕްރޮމޯޝަނަށް ފަހު އެ ކުންފުނިން އުފެއްދުންތަކުގެ އަގުތައް މިއަދުން ފެށިގެން ވަނީ ބޮޑުކޮށްފަ އެވެ. މިއީ ކޮންމެހެން ގެންނަން ޖެހިގެން ގެނައި ބަދަލެއް ކަމަށް "އަދަދު"އާ ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވި އެވެ.
"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 9ރ. އިން 14ރ. އަށްވުރެ ވަނީ ބޮޑުވެފައި. ޑީސެލްއަކީ މިފްކޯގެ އޮޕަރޭޝަންތަކުގެ 70 ޕަސެންޓު ހަރަދު. އޮޕަރޭޝަންތަކުގެ ހަރަދުގައި ތެލުގެ ބޮޑު ބައެއް ހިމެނޭ،" އިސްމާއިލް ވިދާޅުވި އެވެ.
މިފްކޯގެ އުފެއްދުންތަކަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ގެންނަނީ ރާއްޖޭން ބޭރުންނެވެ. އަދި، ކޮވިޑާއި ޔޫކްރެއިން ހަނގުރާމަ އާ ގުޅިގެން ފްރެއިޓުގެ އަގުތައް ވެސް ވަނީ ބޮޑުތަނުން އުފުލިފަ އެވެ.
"ދުނިޔޭގެ މަސްރަހު ހުރިގޮތުން ދަޅަށް އަޅާ ތެޔޮ ވެސް އަގުބޮޑުވެއްޖެ. އޭގެ ޕެކިން މެޓީރިއަލްގެ އަގު ވެސް ބާޒާރުގައި ބޮޑުވެއްޖެ. ދަޅަށް އަޅާ ތެޔޮ ވެސް 200 ޕަސެންޓު ބޮޑުވެއްޖެ. ފްރެއިޓުގެ އަގު ވެސް ގާތްގަނޑަކަށް 150 ޕަސެންޓު ބޮޑުވެއްޖެ،" އިސްމާއިލް ވިދާޅުވި އެވެ.
މިދިޔަ މާޗް 1 އިން ފެށިގެން މިފްކޯ އިން މަސްވެރިންގެ އަތުން މަސް ގަންނަނީ އެއް ރުފިޔާ އަގު ބޮޑުކޮށެވެ. އެއީ 16ރ. އިން 17ރ. އަށެވެ.
"އަގަށް މި ގެނައި ބަދަލަކީ މިފްކޯއިން ކޮންމެހެން ގެންނަން ޖެހިގެން ގެނައި ބަދަލެއް،" އަގުބޮޑުކުރުން ނޫން އިތުރު ގޮތެއް މިފްކޯއަށް ނެތް ކަމަށް ހާމަކުރައްވަމުން އިސްމާއިލް ވިދާޅުވި އެވެ.
މި ބަދަލުތައް އަންނާނެކަން މީގެކުރިން ހުރިހާ ކަސްޓަމަރުންނަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިފްކޯގެ އެންމެ މަގުބޫލު އުފެއްދުން ކަމަށްވާ ފަސްމީރު ތެޔޮ މަސްދަޅު ކޭހެއް ވިއްކަމުން ދިޔައީ 590ރ. އަށެވެ. ނަމަވެސް، މި ބަދަލާ އެކު 760ރ. އަށް އަގުތައް އުފުލޭނެ އެވެ. އަދި، 15ރ. އަށް ވިއްކި ތެޔޮ މަސްދަޅެއްގެ އަގު 18ރ. އަށް އުފުލޭނެ އެވެ.










