ހުޅުމާލޭގެ ތިން ތަަނަކުން ޓޫރިސްޓުންނަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި ރ. ކަނދޮޅުދޫ، ފެހިވިލާ، އިބްރާހިމް އަހްސަން މުހައްމަދުގެ މައްޗަށް ކޯޓުން ނެރުނު މޮނިކޮން އަމުރާ ހިލާފުވި ކަން ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 18 މަސް ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ދީނީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ވެސް ތުހުމަތާ އެކު އެ މައްސަލާގައި އަހްސަަން ހިމެނޭހެން އަށް މީހަކު ހައްޔަރު ކުރީ ފެބްރުއަރީ 4، 2020 ގަ އެވެ. ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމި ފަހުން އަހްސަންގެ މައްޗަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މޮނިކޮން އަމުރެއް ނެރުނެވެ.
ކޮންމެ ދުވަހެއްގެ ރޭގަނޑު 8:30 އިން ފަތިސް 5:00 ޖަހަންދެކަށް ގެއިން ބޭރަށް ނުކުތުން މަނާކޮށް މެއި 7، 2020 ގައި ނެރުނު އެ މޮނިކޮން އަމުރާ ހިލާފުވެ ޑިސެމްބަރު 30، 2020 ގައި ގެއިން ބޭރަށް ނުކުތް ކަމަށް ބުނެ އަހްސަންގެ މައްޗަށް ވަނީ މޮނިކޮން އަމުރާ ހިލާފު ވުމުގެ ދައުވާ އުފުލާފަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ބެއްލެވި އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ވިދާޅުވީ ދައުވާއަށް އަހްސަން އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުން އޭނާގެ މައްޗަށް "އެއްވެސް ޝައްކެއް ނެތް މިންވަރަށް" އެ ދައުވާ ސާބިތުވާ ކަމަށެވެ.
ދިފާއީ ހެކިތަކެއް ހުށަހެޅިއިރު، އެ ހެކިތަކުގެ ތެރޭގައި ދައުލަތުގެ ހެކިތައް ނަފީ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަން ވެސް ގާޒީ ޝަކީލް ފާހަގަ ކުރެއްވި އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ހާއްސަ ގާނޫނުގައި އޮންނަ ގޮތުން ޓެރަރިޒަމްގެ ތުހުމަތުވާ މީހުންގެ މައްޗަށް ނެރޭ މޮނިކޮން އަމުރާ ހިލާފުވެއްޖެނަމަ އެ ކުށުގެ އަދަބަކީ 18 މަސް ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލާގައި ޝަރީއަތް ނިމެންދެން އަހްސަން ބަންދު ކުރިއިރު ބަންދުގައި ހުންނަތާ 17 މަސް ވެއްޖެ އެވެ.
އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދިފާއީ ވަކީލު ޝަޒީމް މުހައްމަދު ވިދާޅުވީ ވަޅި ހެރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށް ގާތްގަނޑަކަށް ތިން މަސް ދުވަސް ބަންދުގައި ހުރި ކަމަށެވެ. އެއީ ވެސް މި މައްސަލައާ ގުޅުން އޮތް މައްސަލައެއް ކަމަށާއި އެ މުއްދަތު ވެސް ޖަލު ހުކުމުން އުނި ކުރާ މުއްދަތުގައި ހިމަނަން ދިފާއީ ވަކީލް އެދިވަޑައިގަތެވެ.
ދައުލަތުގެ ވަކީލު މުހައްމަދު އާލިމް އަބްދުﷲ ވިދާޅުވީ ކުރިން ހައްޔަރު ކުރެވުނު މައްސަލައާއި ފަހުން ދައުވާ އުފުލުނު މައްސަލަ ގުޅުވޭނެ ހަމައެއް ނެތް ކަމަށެވެ. ނަމަވެސް ދައުވާ އުފުލުނު ފަހުން ކުރި ބަންދުގައި ހޭދަވި މުއްދަތު ޖަލު ހުކުމުން އުނި ކުރުމުގައި ދައުލަތުގެ އިއުތިރާޒެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީއަތުން ބުރަވީ ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވި ގޮތަށެވެ. އެހެންވެ އަހްސަންގެ މައްޗަށް 18 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، ހުކުމް ތަންފީޒު ކުރުމުގެ މުއްދަތުން 17 މަސް އުނިކޮށް ދެން ތަންފީޒު ކުރަން ޖެހޭނީ އެއް މަސް ދުވަސް ކަމަށް ކަނޑައެޅުއްވި އެވެ.












