މި ފަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އޯކްޝަންއާ ދިމާކޮށް، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު މުމްބާއީ އިންޑިއަންސް އަށް ކުރިމަތީގައި އޮތީ އުނދަގޫ ސިލެކްޝަނެކެވެ. އެ ޓީމަށް ގަވާއިދުން ކުޅެމުން އައި ކުޅުންތެރިންގެ ތެރެއިން މުހިންމު ކުޅުންތެރިއެއް ކަމަށްވާ، ކުޅަދާނަ އޯލްރައުންޑަރު، ހާޑިކް ޕާންޑްޔާ، 28، ގެ ފިޓްނަސް އެންމެ ރަނގަޅު ނޫން ކަމަށް އެ ކްލަބްގެ ފިޓްނަސް ކޯޗުން ބުނަމުންދިއުމާ އެކު، އެންމެ ފަހުން މުމްބާއީ ޓީމުން ނިންމީ ހާޑިކް ނުނަގާށެވެ.
މުމްބާއީ އިން ހާޑިކް ނުނަގަން ނިންމި ހިސާބުން، މުޅިން އަލަށް އައިޕީއެލްގައި ވާދަކުރަން ނުކުތް ގުޖުރާތު ޓައިޓަންސް އިން ނިންމީ ހާޑިކް ގަތުމަށެވެ. ވަގުތުން ފުރުސަތުގެ ބޭނުންހިފައި، ގުޖުރާތު ޓައިޓަންސް އިން ހާޑިކް ގަތްއިރު، އެ ޓީމަކީ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި މީހުން ދެކޭ ޓީމެއް ނޫނެވެ. އެކަމަކު، މުބާރާތް ފެށިގެން ގުޖުރާތުގެ އަގު މައްޗަށް ދިޔައިރު، އެ ޓީމުން ވަނީ މުބާާރާތް ކާމިޔާބުކޮށްފަ އެވެ. ކެޕްޓަނަކީ ހާޑިކް ޕާންޑްޔާ އެވެ.
މިއީ އައިޕީއެލްގެ 15 އަހަރުވީ ތާރީހުގައި އަލަށް ކެޕްޓަންކަން ކުރި ކުޅުންތެރިއަކު، އެންމެ ތަފާތު ލީޑަޝިޕެއް ދެއްކި ފަހަރެވެ. ފިޓެއް ނޫން ކަމަށް ބުނެ، ބާކީވެދާނެ ކަމަށް ބެލެވުނު ހާޑިކް މި ވަނީ މޮޅު ކުޅުމެއް ދައްކައި، ގުޖުރާތަށް އަލަަތު މުބާރާތުގައި ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް ފްރެންޗައިސް ލީގު، އައިޕީއެލްގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ.
އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި، ޒަހީރު ހާން ބުނީ ހާޑިކް ނުނަގަން މުމްބާއީ އިން ނިންމި އެންމެ ބޮޑު ސަބަބަކީ އޭނާގެ އުކުމުގެ ފެންވަރު ދަށްވަމުން ދިއުމެވެ. އެންމެ ފަހުން 2021 ވަނަ އަހަރުގެ އައިޕީއެލް ސީޒަނުގައި މުމްބާއީގެ އެއްވެސް މެޗެއްގައި ހާޑިކް އަށް ބޯލިން (އުުކުމުން) ފުރުސަތު ނުދޭއިރު، އިންޑިއާ ގައުމީ ޓީމުގެ ސިލެކްޝަނުން ވެސް ހާޑިކް ބާކީވުމުގެ އިޝާރާތްތަކެއް އޮތީ މީޑިއާގައި އާންމުވެފަ އެވެ.
މި ހުރިހާ ކަމަކުން ހާޑިކަށް ލިބުނީ ހިތްވަރެވެ. އޭނާ ކޮންމެ ކަމެއް ވެސް ނެގީ "ޗެލެންޖެއް"ގެ ގޮތުގަ އެވެ. އެ ޗެލެންޖުގެ ނަތީޖާ ވެސް ރަނގަޅެވެ. މިހާތަނަށް ކްރިކެޓް މެޗެއް ބަލަން ވަން އެންމެ ގިނަ މީހުން ކުރިމަތީގައި އާދިއްތަ ދުވަހުގެރޭ ކުޅުނު މި ފަަހަރުގެ އައިޕީއެލް ފައިނަލުން ހަތް ވިކެޓުން ރާޖަސްތާން ރޯޔަލްސް އަތުން ގުޖުރާތު ޓައިޓަންސް މޮޅުވި މެޗުގެ މޮޅު ކުޅުންތެރިއަކީ ހާޑިކް އެވެ. އަހުމަދު އާބާދުގެ، ނަރެންދުރަ މޯދީ ސްޓޭޑިއަމަށް މެޗު ބަލަން ވަދެ ތިބި، 104،859 ސަޕޯޓަރުން މެޗަށް ފަހު ހާޑިކަށް ތައުރީފުކުރީ ސަބަބެއް ނެތިއެއް ނޫނެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު އެއްކުރި ފަސް ކުޅުންތެރިންގެ ތެރެއިން ހަތަރު ވަނައިގައި އޮތީ ހާޑިކްގެ ނަމެވެ. ގުޖުރާތުގެ ހަތަރު ވަނަ ބެޓްސްމަނަކަށް ހުރި ނަމަވެސް ފަރުވާލެއް ނެތެވެ. އޭނާ ވަނީ މުބާރާތުގައި ޖުމްލަ އެކު 487 ލަނޑު އެއްކޮށްފަ އެވެ. އެއް ސީޒަނުގެ ބްރޭކަކަށް ފަހު ބޯޅަ އުކަން ފުރުސަތު ލިބުނަސް އަލުން ފޯމަކަށް އެޅެން މުޅި މުބާރާތުގައި ޖުމްލަ އެކު އަށް ވިކެޓް ނެގި އެވެ. ފައިނަލުގައި އެކަނި ވެސް ތިން ވިކެޓް ނެގި އެވެ.

ވިކެޓެއް ނެގުމަށް ފަހު ގުޖުރާތު ޓީމުގެ މުހައްމަދު ޝާމީ (ކ) އާއި ހާޑިކް ޕާންޑްޔާ އުފާފާޅުކުރަނީ.
"އަހަރެެންގެ ސްޓްރައިކް ރޭޓް 160 ނޫނީ 170 ގައި ހުރުމަށް ވުރެ އަހަންނަށް މުހިންމު މި ޓްރޮފީ (އައިޕީއެލް ތަށި). އަހަންނަށް އަބަދުވެސް އެންމެ މުހިންމީ ޓީމު. ފަހަރެއްގައި އަހަރެންގެ ކެރިއަރުގައި އެންމެ ދަށް ސީޒަނެއް ދިޔަސް، ޓީމަށް ތަށި ލިބެންޏާމު އަހަރެން އުފަލުން އެކަން ބަލައިގަންނާނަން. ބޭރުން އެ އިވޭ އަޑުތައް، އެ ދައްކާ ވާހަކަތައް އަހަންނަށް މުުހިންމެއް ނޫން،" ފައިނަލް މެޗަށް ފަހު ހާޑިކް ބުންޏެވެ.
"މިއީ ދުނިޔޭގެ ކޮންމެ ޓީމަކަށް ވެސް މިސާލެއް. މާ މޮޅު އިންޑިވިޖުއަލް ކުޅުންތެރިން ނެތަސް، ޓީމެއްގެ ގޮތުގައި ކުޅެފިއްޔާ ނުކުރެވޭނެ ކަމެއް ނެތްކަން،"
މީގެ ކުރިން ކެޕްޓަނެއްގެ ރޯލުގައި ހާޑިކް ފެނިފައެއް ނުވެ އެވެ. އެ ފަދަ ރޯލެއްގެ ޒިންމާ ނަގައި، އައިޕީއެލް ކާމިޔާބު ކުރެވުމުން ދެކެނީ ކިހިނެއްތޯ އެހުމުން ހާޑިކް ބުނީ މިއީ ކެރިއަރުގައި ހާއްސަ ކާމިޔާބެއް ކަމަށެވެ. އަދި މިއީ އޭނާގެ ކިބައިގައި ލީޑަޝިޕްގެ "ކޮލިޓީ" ހުރިކަން ދައްކުވައިދިނުމުގެ ފެށުމެއްގެ ގޮތުގައި ހަދަން ހާޑިކް ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.
އައިޕީއެލްގެ ތާރީހުގައި ކުޅުނު ފަސް ފައިނަލުގައި ވެސް މޮޅުވި ހާޑިކް ދެން ކެރިއަރުގައި އެންމެ ބޭނުމީ އިންޑިއާ ކްރިކެޓް ޓީމަށް ކާމިޔާބެއް ހޯދައިދޭށެެވެ. މީގެ ކުރިން ތިން ފަހަރެއްގެ މަތިން އިންޑިއާއާ އެކު ކާމިޔާބު ހޯދުމާ ގާތަށް ދިޔަ ހާޑިކަށް ޖެހުނީ ފަހު ވަގުތު ނާކާމިޔާބާ ކުރިމަތިލާށެވެ.

މި ފަހަރުގެ އައިޕީއެލްގެ މެޗެއްގެ ތެރެއިން ހާޑިކް ގުޖުރާތުގެ ޓީމުގެ ކުޅުންތެރިއަކަށް ބުނެދެނީ.
"އިންޑިއާއާ އެކު ވޯލްޑް ކަޕެއް ހޯދުމަކީ ކެެރިއަރުގައި ކުރަން އެންމެ ބޭނުންވާ ކަމަކީ، އެ ނޫން އެއްވެސް ވިސްނުމެއް މި އަށް ވުރެ ކުރިއަކަށް ނާންނާނެ، ކޮންމެ ކާމިޔާބެއްގައި ވެސް އަހަރެން އަމިއްލަ ނަފްސަށް ވުރެ ކުރިއަށް ނެރޭނީ ޓީމު،" ހާޑިކް ބުންޏެވެ.
ހާޑިކް އަންނަނީ 2016 ވަނަ އަހަރުން ފެށިގެން އިންޑިއާ ގައުމީ ޓީމަށް ކުޅެމުންނެވެ. ކުޅަދާނަ ބެޓްސްމަނެއްގެ އިތުރުން ހަލުވި އުކުންތެރިއެއްގެ ގޮތުގައި ވެސް މަގުބޫލު ހާޑިކް ބުނީ އިންޑިއާ ޓީމަށް ކުޅެވޭ ވަރަށް މިހާރު އަނެއްކާ ވެސް އޭނާ ހުރީ އެންމެ ފިޓްކޮށް ކަމަށެެވެ. އަދި ކެޕްޓަނެއްގެ ރޯލުގައި ހުރެ މި ދަސްވި ކަންކަމުން ގައުމީ ޓީމުގައި ވެސް އިސް އުފުލައިގެން ކުރިއަށްދާން ހިތްވަރު ލިބިފައިވާ ކަމަށެެވެ.












