ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތުގެ އަޑުއެހުންތައް ބާއްވަން އިއްޔެ ތާވަލުކުރި ނަމަވެސް ތުހުމަތު ކުރެވޭ މީހުން ކޯޓަށް ނުގެނެވުމުގެ ސަބަބުން ޝަރީއަތް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ.
އިއްޔެ ހެނދުނު 9:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ ކުރިމިނަލް ކޯޓުން ބުނި ގޮތުގައި, ޖަލުގައި ތިބި ދައުވާ ލިބޭ މީހުން ކޯޓަށް ހާޒިރުކޮށް ނުދެވުމުންނެވެ. ކަރެކްޝަންގެ ބެލުމުގެ ދަށުގައި ތިބި އެ މީހުން ކޯޓަށް ހާޒިރު ނުކުރެވުނީ, ކަނޑުގަދަވެ ދަތުރުކުރުމަށް ދަތިވުމުންކަން ވެސް ކޯޓުން ހާމަކުރި އެވެ.
ކޯޓުން ބުނި ގޮތުގައި, އިއްޔެ ކެންސަލްވި އަޑުއެހުން ހޮނިހިރު ދުވަހު ބޭއްވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
އިއްޔެގެ އަޑުއެހުން ތާވަލުކުރީ ހަމަލާއާ ގުޅޭ ދައުވާތައް އުފުލި ތަހްމީން އަހުމަދާއި މުޖާޒު އަހުމަދާއި އިސްހާގު އާއި ފަހުމީ އަލީ އާއި އަލީ ހައިޝަމް އާއި ފަހުމީ އަލީ އާއި މުހައްމަދު ނާޒިމް އަދި އިސްހާގުގެ މައްޗަށް ޝަރީއަތް ހިންގުމަށެވެ.
ކަރެކްޝަންގެ ބަސް
ކަރެކްޝަންސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިއަދުގެ ޝަރީއަތަށް ބަންދުގައި ތިބި މީހުން ހާޒިރު ނުކުރެވުނީ މޫސުން ގޯސްވެ، މެޓް އޮފީހުން ވައިޓް އެލާޓް ނެރުމުގެ އިތުރުން މި މައްސަލައިގެ ބަންދު މީހުން ވަކި ވަކިން ގެންގުޅެންޖެހޭތީ ކަމަށެވެ.

"ކަނޑުމަގުން ގައިދީންނާއި ބަންދު މީހުން އެއްތަނުން އަނެއް ތަނަށް އުފުލުމަކީ ރިސްކު ބޮޑު ކަމަކަށްވާއިރު، އަދި އެ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މި ސާވިސްގެ މައްޗަށް ލާޒިމުކަމަކަށް ވީހިނދު، މޫސުން ގޯސްވުމުގެ ސަބަބުން ހިނގާފާނެ ހާދިސާއަކަށް ރައްކާތެރިވުމުގެ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް މި ސާވިސްއިން ދެކެމެވެ،" އެ ބަޔާނުގައި އިއްޔެ ބުންޏެވެ.
ކަރެކްޝަންސްއިން އިތުރަށް ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މިފަދަ ހާލަތްތައް މީގެ ކުރިން މެދުވެރިވެފައިވާ ކަމަށާއި، ބޮމުގެ ހަމަލާގެ މައްސަލައަކީ ވަރަށް ހައްސާސީ މައްސަލައެއްގެ ގޮތުގައި ދެކޭ މައްސަލައެއް ކަމަށެވެ.
ނަޝީދުގެ ވަކީލުންގެ ކަންބޮޑުވުން
ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ލޯ ފާމުން ނެރުނު ބަޔާނުގައި ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވުނު އިރު އިއްޔެ ވެސް ދައުވާ ރައްދުވާ ފަރާތްތައް މާލެ ގެނެސް މާލެ ޖަލުގައި ބެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސެން އޮތް ކަމަށެވެ.
މި ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ތާރީހުތައް މާ ކުރިއާލާ އަންގާފައިވާއިރު އެފަދަ އެއްވެސް ކަމެއް ކުރިއާލާ ތައްޔާރުނުވެ އަޑުއެހުމެއް ލަސްވެގެން ދިޔަ ކަމަށް ޓަކައި ކަަރެކްޝަންސް ސާވިސް ކުށްވެރި ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"މި މައްސަލާގައި މުއައްސަސާތަކުން އިހުމާލުވާ ކަމުގެ ޝަކުވާތައް ކެނޑިނޭޅި ކުރަމުން ދާއިރު، އެފަދަ ޝަކުވާތައް ބެލުމެއް ނެތި، ހޯމް މިނިސްޓްރީންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން، މި ކަމުގެ ހައްސާސިޔަތު ދެނެނުގަނެ ފަރުވާ ކުޑަ ކުރާތީ އެ ކަންތައް އިންތިހާއަށް ކުށްވެރިކުރަމެވެ." އިއްޔެ ނެރުނު ބަޔާނުގައިވެ އެވެ.
ނަޝީދުގެ ވަކީލުންގެ ފަރާތުން ވަނީ އެ ޝަރީއަތްތައް އޮބްޒާވްކުރުމުގެ ފުރުސަތަކަށް ކޯޓުގައި އެދިފަ އެވެ. އެހެންވެ, ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވަނީ ނަޝީދުގެ ވަކީލުންނަށް އެ ހުއްދަ ދެއްވާފަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ކުލި ނުދައްކާ ހިންގަމުން އަންނަ ރިސޯޓުތަކުގެ ލައިސަންސް ބާތިލްކޮށް، އެ ތަންތަން ބަންދު ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ އިއްޔެ އެވެ.
- ވެރިކަންކުރާ ކޯލިޝަނުގެ މައިޕާޓީ، އެމްޑީޕީގެ ކޮންގްރެސް ބާއްވަން ކުރިން ނިންމާފައި އޮތް ތާރީހަށް ވުރެ ފަސްކޮށް، އެޕާޓީގެ މެމްބަރުންގެ ދަފްތަރު އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރާ އެއްގޮތް ކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ސަހުބާން ފަހުމީގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭތީ އެ ކަމުގައި އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފައެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުން އެދިވަޑައިގަތީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅުން "އިންޑިއާ އައުޓް" ބެނާ ނަގަން ކޯޓު އަމުރު ހޯދީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް ފާޑުވިދާޅުވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ:
ހައިކޯޓުގެ މި ގަޒިއްޔާގެ ނިންމުމަށް ބެލުމުން އަޅުގަނޑަށް އެނގޭ އެއް ކަމަކީ ކްރިމިނަލް ކޯޓުގައި އަމުރެއް ނެރެދިނުމަށް އެދި ފުލުހުން އެދިފައިވާ ސަބަބުތައް ހައިކޯޓަށް އެންމެ ރަނގަޅަށް ސާފުވެފައި ނެތް ކަން،
ދުވަހުގެ ފޮޓޯ

ކުޅިވަރު އެޕެރަލް އާއި ބޫޓާއި އެކްސެސަރީޒް ތައްޔާރުކުރާ ދުނިޔޭގެ އެންމެ ބޮޑު އެއް ބްރޭންޑް ޕޫމާ އިން އެ ބްރޭންޑަށް ހާއްސަކޮށް މާލޭގައި ހުޅުވި ފިހާރަ. ރާއްޖޭގެ މާކެޓަށް ވަނުމުގެ މައިގަނޑު މަގުސަދަކީ ކުރިއަރަމުން އަންނަ ފުޓުބޯޅަ އަދި ފުޓްސަލް ކުޅުންތެރިންގެ މުޖުތަމައަށް ހިދުމަތް ކޮށްދިނުމާއި، ފަތުރުވެރިން އަދަދު އިތުރުކުރުން ކަމަށް ޕޫމާ އިން ބުނޭ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
މިއީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާތަކުން ތަމްރީނު ބޭނުންވާ މިންވަރު ދެނެގަތުމުގެ ގޮތުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން 2019 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.













