މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑަރު، އަބްދުﷲ ޖުނައިދު (ޖެންނޭ) އާއި ކްލަބް އީގަލްސް އަށް ކުޅުނު ލެބަނަން ގޯލްކީޕަރު މުހައްމަދު ތަހާ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ގުޅިއްޖެ އެވެ.
ރޭގެ ނިޔަލަށް ރާއްޖޭގެ ކްލަބްތަކަށް މި ސީޒަނުގެ ފަހު ޓްރާންސްފާ މާކެޓް ނިމުނުއިރު، ދަ ގްރާންޑޭ އިން ވަނީ ކީޕަރު ތަހާ އާއި ޖެންނޭގެ އިތުރުން ކުރިން ފުރަތަމަ ޑިވިޝަނުގައި 2017 ވަނަ އަހަރު ކުޅުނު ތިނަދޫ ފުޓްބޯޅަ ޓީމުގެ ފަހަތުން ފެނުނު ކޮލަމްބިއާގެ ޑިފެންޑަރު، ޖޯޖް އިވާން އާއި ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަށް ކުޅުނު އަލީ އިފާޒް ވެސް ގެނެސްފަ އެވެ.
ލެބަަނަންގެ އުމުރުފުރާ ޓީމުތަކަށް ކުޅުނު ތަހާ، 24، ވަނީ ކްލަބް ލެވަލްގައި ލެބަނަން ފުރަތަމަ ޑިވިޝަނުގެ ތިން ޓީމަކަށް ކުޅެފަ އެވެ. އެއީ ސަފާ ބެއިރޫތު ސްޕޯޓްސް ކްލަބާއި ޝަބާބް ބޫރުޖް އަދި އަލް-އަހްލީ އަށެވެ. އޭނާ އެންމެ ފުރަތަމަ އީގަލްސް އަށް ގެނައީ މިދިޔަ އަހަރުގެ މާޗް މަހުގަ އެވެ. އެކަމަކު، މި ސީޒަނުގެ ވަކި ހިސާބަކުން އީގަލްސް އިން އޭނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް ގެނަ އެވެ.
މާފުށީގެ ޒުވާނުންގެ މައްޗަށް ބަރޯސާވެފައި އޮތް ދަ ގްރާންޑޭ ޓީމުގެ ގޯލު ބަލަހައްޓަމުން މި ސީޒަނުގައި އައީ ދިވެހި ދެ ކީޕަރުންނެވެ.
ތިން ވަނަ ޑިވިޝަނުން ފާހަގަވި ޖެންނޭ، ޔޫތު ލެވަލްގައި މާޒިޔާ ޓީމަށް ކުޅުމަށް ފަހު ވަނީ ސީނިއާ ޓީމުން ވެސް ފުރުސަތު ހޯދައިފަ އެވެ. އާންމު ގޮތެއްގައި ޖެންނޭ މާޒިޔާ ޓީމުން ފެންނަނީ ބަދަލެއްގެ ގޮތުގަ އެވެ. މިދިޔަ ސީޒަނުގެ މެދުތެރެއިން ޖެންނޭ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅެފަ އެވެ.
މި ފަހަރުގެ ސީޒަނުގައި ވެސް ޖެންނޭ އަށް މާޒިޔާގެ މަދު މެޗަކުން ފުރުސަތު ލިބޭއިރު، ދަ ގްރާންޑޭއާ ގުޅެން ނިންމީ ގިނަ މެޗުތަކެއްގައި ކުޅެން ބޭނުންވާތީ އެވެ. ދާދި ފަހުން ނިމުނު އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މާޒިޔާ އިން ކުޅުނު ފަހު މެޗުގައި ޖެންނޭ ވަނީ އެޓީކޭ މޯހަން ބަގާންއާ ދެކޮޅަށް ބަދަލެއްގެ ގޮތުގައި ކުޅެން ނުކުމެފަ އެވެ.
ދަ ގްރާންޑޭ އިން ދެން ގެނައި އިފާޒް ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅެފަ އެވެ. އޭނާ އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގައި ވެސް ފެނުނީ ދަ ގްރާންޑޭ ޓީމުންނެވެ.
މި ފަހަރުގެ ސީޒަނުގައި ދަ ގްރާންޑޭ އިން މިހާތަނަށް ކުޅުނު 19 މެޗުގެ ތެރެއިން އަދި މޮޅެއް ނުލިބެ އެވެ. ޕްރެޒިޑެންޓްސް ކަޕާއި ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ވަނީ ޖުމްލަ އެކު 17 މެޗުން ބަލިވެފަ އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.












