ޖިންސް ދަށަށް ވަޅިއެއް ޖަހައިގެން މަގުމަތީ އުޅުނު މީހަކު ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
ތ. ތިމަރަފުށި، ކަށިކެޔޮމާގެ، ރިޝާމް ރަޝާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައިވާ ގޮތުން ފުލުހުން އޭނާގެ ހަށިގަނޑު ބަލައިފާސްކުރަނިކޮށް ހަށިގަނޑާއި ޖިންސާއި ދޭތެރެއިން ފެނުނީ ގާތްގަނޑަކަށް ތިލައިގައި އަށް އިންޗި ހުންނަ ވަރުގެ ކިވީ ބްރޭންޑްގެ ވަޅިއެކެވެ.
އެއީ އޮގަސްޓް 11، 2018 ގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހިންގަމުން ދިޔަ އޮޕަރޭޝަނެއްގެ ތެރެއިން، މާލޭގެ ސްޓާ ސިނަމާ ކައިރިން އޭނާ ހުއްޓުމަށް ފަހު، ބަލައިފާސްކުރުމުގެ ތެރެއިންނެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް މަގްބޫލް ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. ގާނޫނުގައި ބުނާ ގޮތުން، މަސައްކަތުގެ ބޭނުމަކަށް ނުވަތަ އާންމު ދިރިއުޅުމުގެ ބޭނުމަކަށް ފިޔަވައި ތޫނު އެއްޗެއް ގެންގުޅުމަކީ ކުށެކެވެ.
ފުލުހުންގެ ތަހުގީގަށް ބަޔާން ދެމުންނާއި ބަންދާ މެދު ގޮތެއް ނިންމަން ބޭއްވި މަޖިލީހުގައި ވެސް ރިޝާމް ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް އިއުތިރާފްވެފަ އެވެ. ނަމަވެސް ޝަރީއަތުގެ އިބްތިދާއީ މަރުހަލާއިން އޭނާ ވަނީ ކުށަށް އިންކާރު ކޮށްފަ އެވެ.

ކުށް ސާބިތު ކުރަން ވެގެން ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ހިމެނެނީ ރިޝާމްގެ ބަޔާނުގެ ވީޑިއޯ ރެކޯޑިންއާއި ކަން ހިނގިއިރުގެ ވީޑިއޯ ފުޓޭޖްގެ އިތުރަށް ރިޝާމްގެ ހަށިގަނޑު ބަލައިފާސްކުރި އިރު އެ ވަގުތު އެ ތަނުގައި ތިބި ފުލުސް އޮފިސަރުންގެ ހެކި ބަހެވެ.
މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ނެރުއްވި ހުކުމުގައި ވަނީ ދައުލަތުން ހުށަހެޅި ހެކި ގަރީނާ ވަޒަން ކުރުމަށް ފަހު ރިޝާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެންވެ އޭނާ ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމް އިއްވި އެވެ.












