އެޑިއުކޭޝަން މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް މިއަދު ސަސްޕެންޑުކޮށްފި އެވެ.
ރިޔާޒް ސަސްޕެންޑު ކުރުމަށް ރައީސް އޮފީހުން މިނިސްޓްރީއަށް އަންގާފައިވާ ކަން އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ މި ނޫހަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
"ބަލަމުން ދާ މައްސަލަ އަކާ ގުޅިގެން ސްޓޭޓް މިނިސްޓަރު ރިޔާޒް ސަސްޕެންޑު ކުރުމަށް މިނިސްޓްރީއަށް މިއަދު ވަނީ އެންގިފައި،" މަބްރޫކް ވިދާޅުވި އެވެ.
ނަމަވެސް ރިޔާޒް ސަސްޕެންޑު ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި އެ ކަމާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
އެހެންނަމަވެސް މި ނޫހަށް އެނގިފައިވާ ގޮތުގައި ރިޔާޒް ސަސްޕެންޑު ކޮށްފައިވަނީ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގަ އެވެ. އެގޮތުން ދެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ.

ރިޔާޒް ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. ނަމަވެސް ފަހުން ޖުމްހޫރީ ޕާޓީގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން އުފެެއްދެވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެދުމާއެކު، އޭނާ ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.













