ޕެރިސް (މެއި 19) - ލިވަޕޫލް ބަލިކޮށް، ރެއާލް މެޑްރިޑުން 14 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލިއިރު، މި ކާމިޔާބާ އެކު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް ވެސް ވަނީ ތާރީހުން ހާއްސަ މަގާމެއް ލިބިފަ އެވެ.
އަންޗެލޮޓީ އަކީ ކޯޗެއްގެ ގޮތުގައި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކުރި ފުރަތަމަ ކޯޗެވެ.
ފްރާންސްގެ ޕެރިހުގައި ކުޅުނު ފައިނަލް މެޗުގައި ރެއާލުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދީ މެޗުގެ ދެ ވަނަ ހާފުގައި ބްރެޒިލްގެ ވިންގް، ވިނީޝިއަސް ޖޫނިއާ ޖެހި ލަނޑުންނެވެ.
މި މެޗުގެ ކުރިން، އަންޗެލޮޓީ އިތުރު ދެ ކޯޗުން ވަނީ ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެއީ ލިވަޕޫލާ އެކު ތިން ފަހަރު މުބާރާތް ކާމިޔާބުކުރި ބޮބް ޕެއިސްލީ އާއި ރެއާލްގެ ކުރީގެ ކޯޒު ޒިނެދީން ޒިދާނެވެ.
އަންޗަލޮޓީ ވަނީ މީގެ ކުރިން އޭސީ މިލާނާ އެކު 2003 އަދި 2007 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބކޮށްފަ އެވެ. އަދި ރެއާލާއެކު، 2014 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި އެވެ. އަންޗެލޮޓީ 2007 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ވެސް ލިވަޕޫލް ބަލިކޮށްފަ އެވެ.
ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ ހަތަރު ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމުގެ ފުރުސަތު ލިބުނީ "ނަސީބު ވެސް ރަނގަޅުވުމުން" ކަމަށެވެ.
"ވަރަށް މޮޅެތި ކުޅުންތެރިން ތިބި ސްކޮޑެއް އަހަންނަށް ލިބުނީ (ރެއާލްގައި). މިއީ ވަރަށް ރަނގަޅު ސީޒަނެއް،" އެންޗަލޮޓީ ބުންޏެވެ.
"މެޗުގައި ރެއާލް އިން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. އުނދަގޫ މެޗެއް މިއީ. ހާއްސަކޮށް ފުރަތަމަ ހާފުގައި ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވި. އެކަމަކު ޖުމްލަކޮށް ބަލަންޏާ، މިއީ ރެއާލަށް ހައްގު މޮޅެއް،"
ތަށި ހޯދި ނަމަވެސް، މި ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލަށް ރެއާލް އިން ކުރީ އުނދަގޫ ދަތުރެކެވެ. ފައިނަަލުން ރެއާލް ޖާގަ ހޯދީ ޗެލްސީ، މެންޗެސްޓާ ސިޓީ އަދި ޕީއެސްޖީ ކަޓުވާލުމަށް ފަހު އެވެ. މީގެއިން ކޮންމެ މެޗެއްގައި ވެސް ރެއާލުން ނަތީޖާ އަނބުރާލީ ފަހު ވަގުތު ހިތްވަރު ދައްކައިގެންނެވެ.
އަންޗެލޮޓީ މި ސީޒަނުގައި ރެއާލް ކޯޗުކަމާ ހަވާލުވީ އެވަޓަން ދޫކޮށްފަ އެވެ. އެވަޓަން އަކީ ލިވަޕޫލާ އެއް ސަރަހައްދަށް ނިސްބަތްވާ ޓީމެކެވެ.
އަންޗެލޮޓީ ބުނީ އޭނާ އެވަޓަން ދޫކޮށްލި ގޮތުން އެ ކްލަބްގެ ސަޕޯޓަރުން ހިތްހަމަނުޖެހޭ ކަމަށާއި އެކަމަކު، ރޭ ލިވަޕޫލް ބަލިކުރުމުން އެވަޓަން ސަޕޯޓަރުންނަށް ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ. އަދި އަންޗެލޮޓީގެ ކުރީގެ ޓީމު މިލާން ސަޕޯޓަރުން ވެސް ރޭގެ ނަތީޖާއާ އެކު އުފާފާޅުކުރާނެ ކަމަށް އޭނާ ބުންޏެވެ. އެއީ ލިވަޕޫލް މޮޅުވިނަމަ މިލާނާ އެއްވަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނެތީ އެވެ.
މިލާނުން ހަތް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު ލިވަޕޫލުން ވަނީ ހަ ފަހަރު ތަށި އުފުލާލައިފަ އެވެ.
އަންޗެލޮޓީ ބުނީ މުޅި މުބާރާތުގައި ވެސް، ރެއާލްގެ އެންމެ ބޮޑު ހިތްވަރަކަށްވީ ޓީމުގެ ސަޕޯޓަރުން ކަމަށާއި ފައިނަލްގައި ވެސް ސަަޕޯޓަރުންގެ ސަބަބުން ޓީމަށް ފައިދާކުރި ކަމަށެވެ. -- އޭއެފްޕީ












