ޕެރިސް (މެއި 29) - ފައިނަލުގައި 1-0 އިން ލިވަޕޫލް ބަލިކޮށް ރެއާލް މެޑްރިޑުން 14 ވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި އެވެ.
ރެއާލުން އެންމެ ފަހުން ދެ ފަހަރު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ފައިނަލުގައި ލިވަޕޫލް ބަލިކޮށްފަ އެވެ. އެއީ 2018 ވަނަ އަހަރު ޔޫކްރެއިންގެ ކިއޭވްގައި ކުޅުނު ފައިނަލުން 3-1 އާއި މިރޭ 1-0 އިންނެވެ. ރެއާލުން މި ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު 17 ފަހަރުގެ ތެރެއިން 14 ފަހަރު ތަށި ހޯދައިފަ އެވެ.
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ މި ވަނީ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދި ފުރަތަމަ ކޯޗުގެ ޝަރަފް ހޯދައިފަ އެވެ. އަންޗެލޮޓީ ވަނީ 2003 އާއި 2007 ވަނަ އަހަރު އޭސީ މިލާނަށް އަދި 2014 ވަނަ އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ.
ޕެރިހުގައި މިރޭ ކުޅުނު ފައިނަލް ފެށީ 36 މިނިޓް ފަހުންނެވެ. އެއީ ލިވަޕޫލްގެ ސަޕޯޓަރުން ދަނޑަށް ވަންނަން ދިމާވި ހުރަސްތަކުގެ ސަބަބުން މެޗު ފަސްކުރަން ޖެހުނީ އެވެ. މި މެޗުގެ ފޭކް ޓިކެޓްތަކެއް ވިއްކި މައްސަލަތަކެއް ޔުއެފާ އިން ބަލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މެޗު ފަށައިގެން ލިވަޕޫލުން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މުހައްމަދު ސަލާހު ޖެހި ބޯޅަ އަކާއި ސަޑިއޯ މާނޭ ޖެހި ޝޮޓެއް ރެއާލްގެ ކީޕަރު ބެލްޖިއަމްގެ ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅުގައި ރެއާލުން ވަނީ މެޗުގައި ކުރި ފުރަތަމަ ރަނގަޅު އެޓޭކުގައި ގޯލެއް ޖަހައިފަ އެވެ. ކަރީމް ބެންޒެމާ ޖެހި މި ގޯލު އޮފްސައިޑް ކަމަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.
ދެ ވަނަ ހާފުގައި ކުޅެން ނުކުުމެ، ރެއާލުން ފުރަތަމަ ހާފަށް ވުރެ ބޮޑަށް އެޓޭކަށް ޖެހިގެން ކުޅުނެވެ. ނަތީޖާ އަކަށްވީ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު 59 ވަނަ މިނިޓްގައި ކާމިޔާބުކުރުުމެވެ. ފެޑެރީކޯ ވަލްވޭޑޭ ނެގި ހުރަހަކުން މި ގޯލު ޖެހީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ކުޅުނު ވިނީޝިއުސް ޖޫނިއާ އެެވެ. އޭނާ ވަނީ ތިރިތިރިން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
ބަދަލުތަކެއް ގެނެސްގެން ނަތީޖާ ހަމަހަމަކުރަން ލިވަޕޫލުން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ ގޮތުން ރެއާލްގެ އޭރިއާތެރެއިން ލިވަޕޫލްގެ ސަލާހު ޖެހި ދެ ބޯޅަ ވެސް ހުއްޓުވީ ރެއާލް ގޯލުގައި މިރޭ މޮޅު ކުޅުމެއް ދެއްކި ކޯޓުއާ އެވެ.
ރެއާލުން ދެ ވަނަ ގޯލެއް ޖެހޭތޯ ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ. އެ ގޮތުން ހިލޭ ޖެހުމެއްގައި ކަސެމީރޯ އަށް ލިބުނު ފުރުސަތާއި ކައުންޓަ އެޓޭކެއްގައި ޑެނީ ސެބާޔޯސް އަށް ލިބުނު ފުރުސަތުތަކުން ގޯލެއް ނުޖެހުނެވެ.
މި ސީޒަނުގައި ރެއާލުން ވަނީ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. މިއީ އެއް ސީޒަނެއްގައި ރެއާލުން ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. ލިވަޕޫލުން މި ފަހަރުގެ ސީޒަނުގެ ހަތަރު މުބާރާތަށް ވާދަކުރި ނަމަވެސް ލިބުނީ ލީގު ކަޕާއި އެފްއޭ ކަޕެވެ. އިނގިރޭސި ޕްރިިމިއާ ލީގު އެއް ޕޮއިންޓުގެ ތަފާތުން ގެއްލުނުއިރު، ޗެމްޕިއަނަކީ މެންޗެސްޓާ ސިޓީ އަށެވެ. އަދި މިރޭ މި ވަނީ ރެއާލް އަތުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަލިވެފަ އެވެ.












